މަތީ ތަޢުލީމު ހާސިލްކުރަން ސަރުކާރުން ދޫކޮށްފައިވާ ހުރިހާ ލޯނެއްގެ އިދާރީ ފީ އިއްޔެ އިން ފެށިގެން އެއް ޕަސެންޓަށް ކުޑަކޮށްދީފިއެވެ.
މަތީ ތައުލީމުގެ ލޯނުގެ އިދާރީ ފީގެ ގޮތުގައި ކުރިން ނަގަމުން އައީ ފަސް ޕަސެންޓެވެ. ނަމަވެސް މި ސަރުކާރުން ވެރިކަމާ ހަވާލުވުމާ އެކު އެ އަދަދު ތިން ޕަސެންޓަށް ދަށްކޮށްފައި ވެއެވެ.
އަދި މިދިޔަ ފެބްރުއަރީ މަހު މަތީ ތައުލީމުގެ 720 ފުރުސަތަށް ހުޅުވައިލީ އިދާރީ ފީ އެއް ޕަސެންޓަށް ކުޑަކޮށްފައެވެ. ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި ނިންމުމާ ގުޅިގެން، ކުރިން ލޯނު ނަގާފައިވާ ދަރިވަރުންގެ އިދާރީ ފީތައް ވެސް ކުޑަވާނެ ކަމަށެވެ.
އެގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އިދާރީ ފީތައް ކުޑަކުރުމުން އެކަމާ ގުޅުން ހުރި މަސައްކަތްތައް އެ މިނިސްޓްރީން މިހާރު ކުރަމުން އަންނަ ކަމަށެވެ. މިގޮތުން ދަރިވަރުންގެ ލޯނަށް ގެންނަ ބަދަލުތައް އެ ދަރިވަރުންނަށް ލިޔުމުން އަންގާނެ ކަމަށް ވެސް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.
މީގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ މިނިސްޓްރީ މެދުވެރިވެގެން ބީއެމްއެލުން ލޯނު ނަގާފައިވާ ދަރިވަރުންގެ އިދާރީ ފީ ކުޑަކުރަން ބޭނުންވާ ނަމަ ސިޓީއަކުން ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އަށް އައިޑީކާޑު ކޮޕީއާއެކު ހުށަހަޅަން އެދިފައެވެ.
މިނިސްޓްރީން އެ މައުލޫމާތުތައް ކަށަވަރުކުރުމަށް ފަހު، ބީއެމްއެލްއާ ހިއްސާކުރުމުން އެ ކަމާ ގުޅުން ހުރި އެހެނިހެން ކަންތައްތައް އެ ބޭންކުން ކުރިއަށް ގެންދާނެކަމަށް ހަޔާއެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.
ލޯނުގެ އިދާރީ ފީ ކުޑަކުރުމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، އެ ބަދަލުގެ ސަބަބުން ދަރިވަރުންނަށް ވަރަށް ލުއިފަސޭހަކަމާއި ހިތްހަމަޖެހުން ލިބޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް