މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްނެޕީ (އެމްޓީސީސީ) އަށް ނިމިދިޔަ 2021 ވަނަ އަހަރު ރެކޯޑް އަދަދެއްގެ ފައިދާއެއް ވެފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ.
އެ ކުންފުނިން މިކަން ހާމަކޮށްފައިވަނީ އެ ކުންފުނީގެ ވެބްސައިޓްގައި މިއަދު އާންމުކޮށްފައިވާ 2021 ވަނަ އަހަރުގެ މާލީ ފައިދާގައެވެ. ކުންފުނީގެ 2021 ވަނަ އަހަރުގެ މާލީ ނަތީޖާ ދައްކާގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 271.82 މިލިއަން ރުފިޔާ ވަނީ ކުންފުންޏަށް ލިބިފައެވެ. މިއީ 2020 ވަނަ އަހަރުގެ މާލީ ނަތީޖާއާއި އަޅަބަލާއިރު 21% އިތުރު އަދަދެކެވެ.
ކުންފުނީގެ 2021 ވަނަ އަހަރުގެ މާލި ނަތީޖާގެ ތަފްސީލަށް ނަޒަރު ހިންގާލާއިރު، 2021 ވަނަ އަހަރުގެ ޖުމްލަ 1.97 ބިލިއަން ރުފިޔާގެ (2020 ވަނަ އަހަރުގެ: 1.38 ބިލިއަން ރުފިޔާ) ވިޔަފާރިކޮށްގެން 271.82 މިލިއަން ރުފިޔާ، ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި (2020 ވަނަ 224.71 މިލިއަން ރުފިޔާ) ވަނީ ރިކޯޑްކުރެވިފައެެވެ. މި ނަތީޖާއަކީ ކުންފުނީގެ 41 އަހަރުގެ ދިގު ތާރީހްގައި ރެކޯޑްރެކުރެވިފައިވާ އެންމެ ރަނގަޅު މާލީ ނަތީޖާ ހާސިލުކުރެވުނު އަހަރުކަން ފަހުރުވެރިކަމާއެކު އެމްޓީސީސީން ފާހަގަކުރެއެވެ. އަދި 2021 ވަނަ އަހަރު މާލީ ނަތީޖާއާއެކު 5.00 ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއަކަށް 3.5 ރުފިޔާ، ޖުމްލަ ހިއްސާގެ ފައިދާގެ ގޮތުގައި 28.13 މިލިއަން ރުފިޔާ (2020 ވަނަ އަހަރުގެ: 05.00 ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއަކަށް 03.00 ރުފިޔާ، ޖުމްލަ ހިއްސާގެ ފައިދާގެ ގޮތުގައި 24.11 ިމިލިއަން ރުފިޔާ) ބެހުމަށް 2021 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާއަށް ހުށަހެޅުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމާފައެވެ. މިއީވެސް ކުންފުނީގެ 41 އަހަރުގެ ދިގު ތާރީހްގައި ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ކަނޑައެޅުނު އެންމެ ބޮޑު އަދަދުކަން އެކުންފުނިން ފާހަގަކުރެއެވެ.
2021 ވަނަ އަހަރު އެމްޓީސީސީން ހާސިލްކޮށްފައިވާ ލަނޑުދަނޑިތަކަށް ބަލާއިރު، ރާއްޖޭގެ އުމްރާނީ ތަރައްގީގެ ބައިވެރިއެއްގެ ގޮތުން 2021 ވަނަ އަހަރު ވަނީ އުމްރާނީ ތަރައްގީގެ ގިނަ މަސްރޫއުތަކެއް ކާމިޔާބުކަމާއެކު ހިންގާފައެެވެ. އެގޮތުން އަހަރުގެ ތެރޭގައި އުމްރާނީ ތަރައްގީގެ އައު 57 މަޝްރޫއެއް ކުންފުންޏާއި ހަވާލުކޮށް 27 މަޝްރޫއެއްގެ މަސައްކަތް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. ކުންފުނީގެ އާންމު ވިޔަފާރި ދާއިރާއާއި ކުންފުނީގެ އެހެނިހެން ވިޔަފާރި ދާއިރާތަކަށް އަމާޒުކޮށް ތަފާތު އެކި މާކެޓިން ހަރަކާތްތައްވެސް 2021 ވަނަ އަހަރުގެ ތެރޭގައި ހިންގާފައިވެއެވެ. އަދި މުޅި ދިވެހިރާއްޖޭގެ އާންމު ދަތުރުފަތުރުގެ ހިދުމަތް ސަރުކާރުން މި ކުންފުންޏާއި 2021 ވަނަ އަހަރު ވަނީ ހަވާލުކޮށްފައެވެ. އެގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން ގްރޭޓަރ މާލެ ސަރަހައްދާއި އަތޮޅުތެރޭގައި ދެމުން އައި އާންމު ބަހާއި ފެރީގެ ހިދުމަތްވަނީ އެ ކުންފުންޏަށް ބަަދަލުކުރެވިފައެވެ. ހަމަ އެހެންމެ ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީގެ ނިޒާމަކުން، އެއް ވިއުގައަކުން ގުޅާލުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން "ރާއްޖެ ޓްރާންސްޕޯޓް ލިންކް" ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީވެސް 2021 ވަނަ އަހަރުގެ ތެރޭގައެވެ. އަދި ކުންފުނީގެ މަޝްރޫއުތައް ހިގަމުންދާ ރަށްރަށަށް ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ޖުމްލަ 304 ހަރަކާތެއް ހިންގާ، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާކަން އެމްޓީސީސީން ފާހަގަކުރެއެވެ.
އެމްޓީސީސީން ބުނެފައިވާގޮތުގައި ކުންފުނީގެ އެކި ވިޔަފާރިތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތަކާއި އިސްތިރާޖީ ޕްލޭންތައް ދަނީ ކުންފުނިން އެކުލަވާލާ، ހާލަތު ބަދަލުވަމުންދާ މިންވަރަށް ރިއާޔަތްކޮށް މުރާޖާކުރަމުންނެވެ. އަދި ވިޔަފާރިތަކަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކޮށް، ވިޔަފާރި ކުރިއަރުވާ، ކުންފުނީގެ މަގްސަދުތައް ހާސިިލްކުރުމަށް ހިކްމަތްތެރިކަމާއެކު ފިޔަވަޅުތައް އަޅައި، މި ފިޔަވަޅުތަކުގެ ނަތީޖާ ހާސިލްކުރެވިފައިވާކަމުގެ އުފާވެރި ހަބަރު ހިއްސާދާރުންނަށް އަރުވާކަމުގައި އެމްޓީސީސީން ބުނެއވެ. އަދި އީޖާދީ ތަރައްގީއަށް ހިތްވަރުދިނުމާއި، ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުންފުނީގެ ކަންކަން އިސްލާހްކުރުމުގައި މެދުުނުކެނޑި މަސައްކަތް ކުރާނެކަމުގައިވެސް އެ ކުންފުނިން ބުނެފައިވެއެވެ. އިތުރަށް ބުނެފައިވަނީ އެންމެހާ ވިޔަފާރިތައް ކުރިއަރުވާ ކުންފުނީގެ ހިއްސާދާރުންނާއި މުޖްތަމައަށް ނަފާލިިބޭގޮތަށް މަސައްކަތް ކުރިއަށްގެންދާނެކަމުގެ ޔަގީންކަން އަރުވާކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް