އަމިއްލަ ޖަމާޢަތްތަކުގެ ހަވާލުގައި އުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކުން އެ ވަޑައިގަންނަވާ ޖަމާޢަތްތަކަކީ އުމްރާއަށް މީހުން ގެންދިއުމުގެ ރަސްމީ ހުއްދަ އޮތް ޖަމާޢަތްތަކެއްތޯ ކަށަވަރު ކުރުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިލްތިމާސްކުރައްވައިފިއެވެ.
މިނިސްޓަރު މިކަމަށް އިލްތިމާސްކުރައްވާފައިމިވަނީ އަލް-މަޝްއަރު ނަމަކަށްކިޔާ އުމްރާ ގްރޫޕެއްގެ ހަވާލުގައި އުމްރާއަށްދިޔަ ގްރޫޕަކަށް އަނބުރާ ނާދެވިދާނެކަމުގެ ބިރު އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
މިކަން ފެންމަތިވީ އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާޤު އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ކުރެއްވި ޕޯސްޓަކާއި ހަމައިންނެވެ.
އެ ޕޯސްޓްގައި ފިރާޤު ވިދާޅުވެފައިވަނީ އަލްމަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގުރޫޕުގެ އަލްފާޟިލް އަލީ ފާރިޝްގެ ފަރާތުން ކޮންމެ ދުވަހަކު އީމެއިލް ލިބެމުން ދިޔަ ނަމަވެސް ފައިސާ ލިބުމުގައި އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވާކަމަށާއި ވިޔަފާރިއެއްގެ ގޮތުގައި އަޅުގަނޑުމެން އިސްކަންދޭ ކަމަކީ މަޞްލަޙަތު ރައްކާތެރިކުރުން ކަމަށްވީނަމަވެސް، ޢުމްރާގެ އަޅުކަމަށް ގޮސްތިބި ފަރާތްތަކުގެ މަޞްލަޙަތަށް ރިޢާޔަތްކޮށް ފައިސާ ދެއްކުމުގެ ފުރުޞަތުތަކެއް ދެވުނު ކަމަށެވެ.
"އަޅުގަނޑުމެންގެ ކެތްތެރިކަން އޭގެ ހައްދަށް ވާޞިލުވެއްޖެއެވެ. މިހާރު އަޅުގަނޑުމެންނަށް މަޖުބޫރުވެފައިވަނީ ކުންފުނީގެ ސިޔާސަތަށް ތަބާވެ، ކުރިންވެސް ބުނެވިފައިވާ ގޮތަށް އަންނަ ހޯމަ ދުވަސް އެއީ އެންމެ ފަހުގެ މުހުލަތު ކަމަށް ބަލައި، ޓިކެޓުތަކުގެ ދަތުރު ނުކޮށް އޮތް ސެކްޓަރ ކެންސަލްކޮށް، ކުންފުންޏަށް ލިބިދާނެ ގެއްލުން ކުޑަކުރުން އަދި އިތުރު ގޮތެއް މިކަމުގައި ނުފެނިއްޖެނަމަ ބައުންސްވެފައިވާ ޗެކުތަކަށް ރިޢާޔަތްކޮށް، މަކަރާއި ޙީލަތުގެ ދައުވާ އެގްރޫޕާއި އެގްރޫޕުގެ މަސްއޫލުވެރިންގެ މައްޗައް އުފުލުން" އޭނާ ވިދާޅުވެފައިވެއެވެ.
މިކަމާއި ގުޅޭގޮތުން އެ އުމްރާ ގްރޫޕްގެ ފަރާތުން ބައެއް މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައިވަނީ ބައުންސްވި ޗެކުތަކަށް ފައިސާ ދެއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ގޮސްތިބި ދިވެހިން އަނބުރާ ގެނައުމަކީ އެ ގްރޫޕްގެ ޒިންމާއެއް ކަމަށެވެ. އަދި ކުރިން ތާވަލުކުރެވިފައިވާފަދައިން އަންނަމަހުގެ 16 ވަނަ ދުވަހު އެ އުމްރާވެރިން ގެނެވޭނެކަމުގެ ޔަގީންކަންވެސް އެ ގްރޫޕުން ދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް