ގާސިމްގެ އެޑްވައިޒަރު ކަމުން އާޒިމް އިސްތިއުފާ ދެއްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަގާމުން އާދަމް އާޒިމް އިސްތިއުފާ ދެއްވައިފިއެވެ. އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު އެ މަގާމުން އިސްތިއުފާ ދެއްވިކަން ގާސ...

30 Mar 2023 | 16:14

ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަގާމުން އާދަމް އާޒިމް އިސްތިއުފާ ދެއްވައިފިއެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު އެ މަގާމުން އިސްތިއުފާ ދެއްވިކަން ގާސިމަށް ވަނީ ސިޓީއަކުން އަންގާފައެވެ.

އެގޮތުން އެ ސިޓީގައި އާޒިމް ވިދާޅުވެފައިވަނީ ރިޔާސީ ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބު ކުރުމަކީ މިވަގުތު ދިވެހިރާއްޖެއަށާއި ރާއްޖޭގެ އެންމެހާ ރައްޔިތުންގެ މުސްތަގްބަލަށް އެންމެ ފައިދާކުރަނިވި ގޮތްކަމާއި އަދި ގައުމުގެ ހަމަޖެހުން ދެމެހެއްޓުވޭނެ ވެރިޔަކީ އެމަނިކުފާނު ކަމުގައި އާޒިމް ގަބޫލުކުރައްވާކަމަށެވެ.

"ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ރިޔާސީ ކެނޑިޑޭޓަކު ނެރެ، ޖުމްހޫރީ ޕާޓީން އިސްވެ އޮވެ ކޯލީޝަން ހެދުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނިންމުމާއި ގުޅިގެން، މަނިކުފާނުގެ އެޑްވައިޒަރުގެ މަގާމުގައި މިވަގުތު ހުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ގަބޫލު ނުކުރެވޭތީ އެ މަގާމުން މިއަދުން ފެށިގެން އިސްތިއުފާ ދީފީމެވެ" އާޒިމްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

އެ ސިޓީގައި އާޒިމް އިތުރަށް ވިދާޅުވެފައިވަނީ ގާސިމް އާއެކު ވޭތުވެދިޔަ އަހަރުތަކގައި މަސައްކަތްކުރަން ލިބުނު ފުރުސަތުގައި ބެހެއްޓެވި ގާތް ކަމާއި ކުރެއްވި އިތުބާރަށް ޝުކުރު ދަންނަވާކަމަށެވެ.

އާޒިމް ގާސިމްގެ އެޑްވައިޒަރުކަން މިއަދު ދޫކޮށްލައްވާފައިވާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ތާއީދު ކުރާނީ ރައީސް ސޯލިހަށް ކަމުގައި އާޒިމް ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް