ޖުމުލަ 18 ޓީމަކުން ވާދަކުރާ ލ. ގަމު ކައުންސިލްގެ ތުނޑީ ރަމަޟާން ކަޕްގެ ފުރަތަމަ މެޗުތައް، ލާމު ޔޫތް މޫވްމަންޓް އާއި ސެންޓްރަލް އޭރިއާ ކޮމާންޑް ކާމިޔާބުކޮށްފިއެވެ.
ގަމު ތުނޑީ އަވަށު ޒުވާނުންގެ އިސްނެގުމަށް، ގަމު ކައުންސިލުން ސްޕޮންސާ ކޮށްގެން މިއަހަރު ބާއްވާ ރަމަޟާން ކަޕް ރޭ ފެށީ ތުނޑީ އަވަށު ފުޓްސަލް ދަނޑުގައެވެ. ގަމުގައި ހިންގަމުން އަންނަ ރަމަޟާން ކަޕަކީ ކޮންމެ ރަމަޟާން މަހަކާއި ދިމާކޮށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.
ރޭ ފެށި މުބާރާތް، ލ.ގަމު ތުނޑީ ރަމަޟާން ކަޕް އަކީ މިހާތަނަށް މި ނަމުގައި ބޭއްވޭ 20 ވަނަ މުބަރާތެވެ.
މުބާރާތް ފެށުމުގެ ގޮތުން ރޭ ދެ މެޗު ކުޅެފައިވެއެވެ. ރޭ ކުޅުނީ ގްރޫޕް އޭގެ މެ މެޗާއި ގްރޫޕް ބީގެ މެޗެކެވެ. ރޭގެ މެޗުތައް ޝަރަފުވެރި ކޮށްދެއްވީ ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީގެ އިތުރުން ލ. އަތޮޅު ޕޮލިސް ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިމަތު ޝިބަނާ ހަސަންއެވެ.
ރޭ ކުޅުނު ފުރަތަމަ މެޗުގައި ލާމު ޔޫތު މޫވްމަންޓް އިން އައިޑަލްސް ބަލިކުރީ 0-5 ގެ ނަތީޖާއަކުންނެވެ. މެޗުގައި ލާމު ޔޫތު މޫވްމަންޓްގެ މުޙައްމަދު އައިމަން ދެ ގޯލު ޖެހި އިރު، އަނެއް ގޯލުތައް ޖަހައިދިނީ އަޙުމަދު ސަޖޫލް އާއި އަބުދުﷲ ހައިކަލް އަދި އާދަމް ފާރިސްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ މި މެޗުގައި ދެ ގޯލު ޖެހި މުޙައްމަދު އައިމަންއެވެ.
ރޭ ކުޅުނު ދެވަނަ މެޗުގައި ސެންޓްރަލް އޭރިޔާ ކޮމާންޑް ވަނީ ބްރޭވް ޖެނެރޭޝަން ސްޕޯޓްސް ކުލަބާއި ވާދަކޮށް 0-1 އިން މޮޅުވެފައެވެ. މެޗުގައި ސެންޓްރަލް އޭރިޔާ ކޮމާންޑްގެ ހަމަ އެކަނި ލަނޑު ޖަހައިދިނީ ހަސަން ފަވާޒްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސެންޓްރަލް އޭރިޔާ ކޮމާންޑްގެ އަޙުމަދު ސާއިފްއެވެ.
ގަމު ކައުންސިލް ތުނޑީ ރަމަޟާން ކަޕުގައި ޖުމުލަ 18 ޓީމު ބައިވެރިވެފައިވާ އިރު، މުބާރާތް ކުޅެނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ.
ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމު މުބާރާތުގެ ކުއާޓާ ފައިނަލަށް ދާ ގޮތަށް މުބާރާތް ތާވަލު ކޮށްފައިވާ އިރު، ގުރޫޕް އޭ އާއި ބީގައި، ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނެއެވެ. ބާކީ އަނެއް ދެ ގްރޫޕުގައި، ކޮންމެ ގްރޫޕެއްގައި ހިމެނެނީ ފަސް ޓީމެވެ. މިއަހަރު ގަމު ކައުންސިލް ތުނޑީ ރަމަޟާން ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ދުވަސް" އޮންލައިންއެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ތިން މެޗު މިރޭވެސް ކުޅޭނެއެވެ.
މިރޭ ކުޅެން ހަމަޖެހިފައިވާ މެޗުތައް:
21:30 ފޮއެމަތި އެފްސީ - އަދިރިއަންސް
22:30 ރަސްހިންނެ އެސްސީ - އައުޓްރީފް އެސްސީ
23:30 ރަސްހިންނެ ޑިޓްރޮއިޓްސް - ކަންމަތި އެސްސީ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް