ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ބިމެއް އޮޅުވާލައިގެން ވިއްކަން އުޅުނު މުވައްޒަފު ވަޒީފާއިން ވަކިކޮށްފި އެވެ.
އެ މުވައްޒަފަފު މަސައްކަތް ކޮށްފައިވަނީ އަމިއްލަ ފަރާތެއްގެ އަތުން ފައިސާ ނަގައިގެން އެޗްޑީސީގެ ބިމެއް ވިއްކާށެވެ. އެ އަމަލަކީ ހިޔާނާތާއި ރިޝްވަތުގެ އަމަލެއް ކަމަށް ބުންޏެވެ.
އެ ކުންފުނިން މިއަދު ބުނީ ބިން ދޭންް އެ މުވައްޒަފު މަސައްކަތް ފެށި ހިސާބުން އެ ކަން އެޗްޑީސީއަށް އެނގުމުން ތަހުގީގު ފަށައި މުވައްޒަފު ސަސްޕެންޑު ކުރި ކަމަށެވެ. އަދި މައްސަލަ ބަލައި ނިންމުމަށް ފަހު އިއްޔެ ވަޒީފާއިންް ވަކިކޮށްފައިވާ ކަމަށް ބުންޏެވެ.
އެޗްޑީސީން ބުނީ އެ މުވައްޒަފު ވަނީ އޮޅުވާލައިގެން އެ މީހާ އާއި މުއާމަލާތްކޮށް މުވައްޒަފުގެ އަމިއްލަ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރުވާފައި ކަމަށެވެ. އެޗްޑީސީން ބުނީ ފައިސާގެ އެއްވެސް މުޢާމާލާތެއް އަމިއްލަ މުވައްޒަފެއްގެ ބޭންކް އެކައުންޓެއް މެދުވެރިކޮށް އެ ކޯޕަރޭޝަނުން ނުކުރާނެ ކަމަށެވެ.
މި މައްސަލަ އެޗްޑީސީން ވަނީ ފުލުހުންނަށްވެސް ހުށަހަޅާފައި އެވެ. އެކަމަކު އެ މުވައްޒަފު މަސައްކަތް ކުރީ ކޮން ތަނަކުން ބިން ވިއްކަން ކަމެއް އެޗްޑީސީން ހާމައެއް ނުކުރެ އެވެ. ހަމަ އެކަނި ބުނީ އެއްވެސް ބިމެއް ވިއްކުމުގެ ފުރުސަތު ލިބިފައި ނުވާކަމަށެވެ.
ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެޗްޑީސީގެ މުވައްޒަފަކު މިލިއަނަކަށްވުރެ ގިނަ ރުފިޔާއަށް ބިމެއް ވިއްކީ ތިލަފުށިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް