އަންނަ މަހު ގާޒީ ބިލްޑިންގް ތަޅާލަން ފަށަނީ

ސަރުކާރު އޮފީސްތައް ހިންގާ އެންމެ ދުވަސްވީ އިމާރާތް ކަމަށްވާ ގާޒީ ބިލްޑިން ތަޅާލައި އެތަނު ޕާކިން ޒޯނެއް އަޅަން ނިންމައިފި އެވެ. ޕްލޭނިން މިނިސްޓްރީން މީޑިއާގައި ބުނީ އެ އިމާރާތް ތަޅާލުމުގެ މަސައްކަތް...

30 Mar 2023 | 07:52

ސަރުކާރު އޮފީސްތައް ހިންގާ އެންމެ ދުވަސްވީ އިމާރާތް ކަމަށްވާ ގާޒީ ބިލްޑިން ތަޅާލައި އެތަނު ޕާކިން ޒޯނެއް އަޅަން ނިންމައިފި އެވެ.

ޕްލޭނިން މިނިސްޓްރީން މީޑިއާގައި ބުނީ އެ އިމާރާތް ތަޅާލުމުގެ މަސައްކަތް އޭޕްރިލް މަހުގެ ފަހުކޮޅު ފަށާނެ ކަމަށެވެ. އިމާރާތް ތަޅާލަން ނިންމީ ރައްކާތެރިކަން ކުޑަވެ، މިހާރު ބާވެފައިވާތީ ކަމަށް ބުނެފައިވެ އެވެ.

އެތަނުގައިވެސް ޕާކިން ޒޯނެއް ހަދަން ނިންމީ އެ ސަރަހައްދުގައި ޕާކިންއަށް ދިމާވެފައިވާ މައްސަލައަށް ލުޔެއް ހޯދުމަށެވެ. އިމާރާތް ތަޅާލައި ޕާކިން ޒޯނެއް ހަދަން ނަގާނެ މުއްދަތު އެ މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

ހަތަރު ފަންގިފިލާގެ ގާޒީ ބިލްޑިންގްއަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލްގައްޔޫމްގެ ވެރިކަމުގައި 26 ޖުލައި 1982 ގައި ހުޅުވި ޢިމާރާތެކެވެ. މިއީ ސަރުކާރު އޮފީސްތައް ވަކިވަކި ތަންތާނގައި ހިންގުމުގެ ބަދަލުގައި، އެއް ފުރާޅެއްގެ ދަށަށް ގެނެސް ވީހާވެސް ފަސޭހައިން ހިދުމަތް ފޯރުކޮށްދިނުމުގެ މަގުސަދުގައި ތަރައްގީކުރި ޢިމާރާތެކެވެ.

އެތަނުގައި މިހާރު ހިންގަމުން ދަނީ އޮޑިޓާ ޖެނެރަލްގެ އޮފީހައި، ‏މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އެވެ.

ސަރުކާރުން ވަނީ ދާދި ފަހުން ހުރަވީ ބިލްޑިންގް ވެސް ތަޅާލައި އެތަނުގައި ޕާކިން ޒޯނެއް ހަދާފައި އެވެ. އަދި އެ ސަރަހައްދުގައި ހުރި ކުރީގެ އެޓޯލް މިނިސްޓްްރީ ހިނގި އިމާރާތްވެސް މިހާރު ތަޅާލައި ޕާކިން ޒޯނަކަށް ހަދާފައި އެވެ.

އެ ދެ ޕާކިން ޒޯނާއި އެކުވެސް އެ ސަރަހައްދުގެ ޕާކިން މައްސަލައަކަށް އަދިވެސް ހައްލެއް ނުލިބެ އެވެ،

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް