އަވައްޓެރި އިންޑިއާގައި ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު 24 ގަޑިއިރު ތެރޭގައި 40 ޕަސެންޓު އިތުރު ވެއްޖެ އެވެ.
އެ ގައުމުގެ ޔޫނިއަން ހެލްތް މިނިސްްޓްރީން އާންމު ކުރި ތަފާސް ހިސާބާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އިއްޔެ 3،016 މީހުންނަށް ބަލި ޖެހިފައިވާ ކަމަށެވެ. މިހާރު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 13،509 އަރާފައި އެވެ.
މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހަށް ފަހު ކޯވިޑް ޖެހޭ އަދަދު އިންޑިއާގައި އިތުރުވި ފުރަތަމަ ފަހަރެވެ. ބަލި ޖެހުނު އަދި މަރުވި މީހުން މިދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ގިނައީ ކެރެލާ، ހިމާޗަލް ޕްރަދޭޝް އަދި މަހާރާޝްޓްރާ ސްޓޭޓުގައި އެވެ.
ކޯވިޑް ޖެހޭ އަދަދު ކުއްލިއަކަށް އިތުރުވުމާއި ގުޅިގެން ވެރިރަށް ނިއުދިއްލީ ސަރުކާރުގެ ހެލްތް މިނިސްްޓްރީންވަނީ އެމަޖެންސީ ބައްދަލުވުމެއް ބާއްވާފައި އެވެ. އަދި މިހާތަނަށް ބަލި ކޮންޓްރޯލް ކުރުމަށް ފިޔަވަޅެއް ނޭޅި ނަމަވެސް އަދަދުތަކަށް އަންނަމުންދާ ބަދަލަށް ބަލައި އަވަސް ފިޔަވަޅުތައް އަޅާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އިންޑިއާއަކީ އެންމެ ގިނަ މީހުންނަށް ކޯވިޑް ޖެހި އެ ބަލީގައި އެންމެ ގިނަ މީހުން މަރުވި ގައުމެވެ.
އިންޑިއާގެ އިތުރުން ރާއްޖޭގައި ދަނީ މަޑުމަޑުން ކޯވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުންނެވެ. އެގޮތުން އާންމުކޮށް ދެ ތިންް މީހުންނަށް ކޯވިޑް ޖެހުނު ނަމަވެސް މިދިޔަ ދެ ހަފްތާގައި 16 މީހުންނަށް ކޯވިޑް ޖެހުނު ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް