ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ސާވާއަށް ދިން ރެމްސަމްވެއާ ހަމަލާ ތަހުގީގު ކުރަން ފުލުހުންނަށް ހުށަހަޅައިފިއެވެ.
ސްޓެލްކޯގެ ސާވާއަށް ރެންސަމްވެއާ އެޓޭކެއް ދީފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި އޭގެ ސަބަބުން އެ ކުންފުނީގެ އައިޓީ ނެޓްވޯކް މެދުވެރިކޮށް ދެމުންދާ ހިދުމަތްތަކާއި އެ ކުންފުނީގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަނާއި މޯބައިލް އައުޓްލެޓްތަކުގެ އިތުރުން ހިދުމަތްދޭ ކައުންޓަރުތަކުން ދެމުންދަ ހިދުމަތްތައްވެސް މެދުކެނޑުނެވެ.
އެކަމާ ގުޅިގެން ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެކަމުގެ ސަބަބުން ދިމާވެފައިވާ ދަތިތައް ހައްލުކޮށް، މެދުކެނޑިފައިޗާ ހިދުމަތްތައް އަލުން ދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލަ ވީހާވެސް އަވަހަށް ހައްލުކުރުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކޮށް، ލަފަޔާއި އެހީތެރިކަމާއެކު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބުންޏެވެ.
އޭގެ އިތުރުން ސްޓެލްކޯއިން ބުނީ އެ މައްސަލަ ބަލައި ތަހުގީގު ކުރުމަށް އެދި ފުލުހުންނަށްވެސް ހުށަހަޅާފައިވާ ކަމަށެވެ.
އެ ހަމަލާއާ ގުޅިގެން ހިދުމަތްތައް މެދުކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހުނުކަން ފާހަގަކޮށް ސްޓެލްކޯއިން ބުނީ އެ ކުންފުނިން ދެމުންގެންދާ ހިދުމަތްތައް ދެމެހެއްޓެނިވި އަދި އިތުބާރު ހުރި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
އަދި އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅެއް އަޅަމުންދާކަމަށް ސްޓެލްކޯއިން ބުންޏެވެ. އަދި އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މައާފަށް އެދިފައި ވެއެވެ.
ސްޓެލްކޯއިން މިހާރު ވަނީ މެދުކެނޑުނު ބައެއް ހިދުމަތްތައް އެ ކުންފުނީގެ ހެޑް އޮފީހުން ލިބޭޭނެ އިންތިޒާމު ހަމަޖައްސައިފައެވެ. އެގޮތުން ފޯމު ހުށަހެޅުމާއި ބިލު ދެއްކުމުގެ ހިދުމަތް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް