ތިލަމާލެ ބްރިޖްގެ މަސައްކަތަށް ހާއްސަ އުޅަނދެއް ރާއްޖެ ގެނެސްފިއެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ ތިލަމާލެ ބްރިޖްގެ މަސައްކަތަށް ހާއްސަ ކޮށްގެން "ދަ ޖެކް އަޕް" ނަމަކަށް ކިޔާ ބާޖު މާލޭގެ ބަނދަރަށް ގެނެސްފައިވާ ކަމަށެވެ.
އަދި މި ބާޖު ބޭނުން ކުރާނީ ބްރިޖް އެޅުމުގައި ފެނު އަޑީގައި ކުރާ މަސައްކަތްތަކަށް ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ތިލަމާލެ ބުރިޖު މަޝްރޫޢުގެ ދަށުން، 6.47 ކިލޯ މީޓަރުގެ ދިގު ބުރިޖަކާއި ކޯޒްވޭއަކުން މާލެ އާއި ވިލިމާލެ އަދި ތިލަފުއްޓާއި، ގުޅީފަޅު ގުޅާލާނެއެވެ.
ތިލަމާލެ ބްރިޖަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކާއި އެ ޤައުމުން ދޭ އެހީއެއް އެއްކޮށްލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫޢުއެވެ. މި މަޝްރޫޢުއަށް 7.7 ބިލިއަން ރުފިޔާ ވަރު ހަރަދު ކުރާނެއެވެ.
މިއީ ދިވެހި ސަރުކާރުން އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗަރ އާއި ހަވާލު ކޮށްގެން ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒު ކޮށްފައިވާ މަޝްރޫޢުއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް