ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އަލަށް ހަދާފައިވާ ކާގޯ ޓާމިނަލް އިމާރާތުގައި "ކާގޯ އޮފީސް" ހިންގަން ޖާގަ ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ކުރި އިއުލާނެއްގައި ބުނީ ވީއައިއޭގެ ކާގޯ ޓާމިނަލް އިމާރާތުގައި ކާގޯ އޮފީސް ހަދައި ހިންގާނެ ފަރާތްތަކެއް ހޯދައި، އެތަންތަން ހިންގުމުގެ ލައިސަންސް ދޭން ބޭނުންވާ ކަމަށެވެ.
އެގޮތުން އެމްއޭސީއެލް އިން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް އޮފީސް ހަދައި ހިންގުމަކީ އޮފީސް ހިންގުމަށް ދޫކުރާ ޖާގަ ލިބޭ ފަރާތްތަކުގެ ޒިންމާއެއް ކަމަށް އެ އިއުލާންގައި ބުނެފައި ވެއެެވެ.
އެމްއޭސީއެލުން ބުނީ ކާގޯ އޮފީސް ހިންގަން ކުރިމަތިލެވޭނީ އިންޓަނޭޝަނަލް އެއާލައިނެއްގެ ކާގޯ ސޭލްސް އެޖެންޓްއެއްގެ ގޮތުގައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) ގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށެވެ.
އަދި އެފަދަ ފަރާތްތަކަކީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި ބްރޯކަރެއް ނުވަތަ އެޖެންޓެެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ކާގޯ ބްރޯކަރެއް ނުވަތަ ކާގޯ އެޖެންޓަކަށް ވެސް ވާންޖެހެއެވެ.
މިގޮތުން އެމްއޭސީއެލް އިން ބުނީ ކާގޯ އޮފީސް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 13 ވަނަ ދުވަހުގެ ކުރިން އީމެއިލް އަކުން ޝައުގުވެރިކަން ފާޅުކުރުމުން އެފަރާތަކަށް ބީލަން ފޮތް އީމެއިލް މެދުވެރިކޮށް ފޮނުވާނެ ކަމަށެވެ.
ބީލަން ހުށަހެޅުމުގެ ސުން މިނެޓަކީ އަންނަ މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 11:00ގެ ނިޔަލަށެވެ. އަދި ކުއްޔަށް ހިފަންބޭނުންވާ ކޮންމެ އޮފީސް ޖާގައަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 15،000 ރުފިޔާ ހުށަހަޅަން ޖެހެއެވެ.
މީގެ އިތުރުން އެމްއޭސީއެލުން ބުނީ އިތުރަށް ޖާގަ ލިބޭ ފަރާތްތައް ކަނޑައަޅާނީ ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު ބީލަމުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން އެ ކުންފުންޏަށް އެންމެ ފައިދާހުރި ބީލަންތައް ހުށަހަޅާފައިވާ ފަރާތްތައް ދެނެގަތުމަށް ފަހު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް