ދަރިވަރުންނަށް ހާއްސަކޮށް އެކުދިންގެ ސިއްހަތަށް ސަމާލުކަން ދިނުމަށް "ދުޅަހެޔޮ ހަށިހެޔޮ ދުވަސް"ގެ ނަމުގައި ހާއްސަ ދުވަހެއް ފާހަގަކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން ބުނީ މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް "ދުޅަހެޔޮ ހަށިހެޔޮ ދުވަސް" ފާހަގަކުރާނީ ކުޅިވަރުގައި ފާހަގަކުރެވޭ ދަރިވަރުންނަށް އެވޯޑް ދޭން ބާއްވާ ކަލާސް އެވޯޑް ހަފްލާ އޮންނަ ދުވަހު އެވެ.
މިނިސްޓްރީން ބުނީ މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ ދަރިވަރުންގެ މެދުގައި ދުޅަހެޔޮ ސިއްހަތާއި ރަނގަޅު ކާނާއަށް ދޭ މުހިއްމުކަން އިތުރުކުރުމާއި ކުޅިވަރު ހަރަކާތްތަކުގައި ކުދިންގެ ބައިވެރިވުން އިތުރު ކުރުންކަމަށެވެ.
އެ މިނިސްޓްރީން ބުނީ ދުޅަހެޔޮ ހަށިހެޔޮ ދުވަސް ފާހަގަކުރާއިރު، ސަމާލުކަން ދީފައިވަނީ ދަރިވަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ކަމަށެވެ.
މިނިސްޓްރީން ބުނީ މި ދުވަސް ފާހަގަކުރުމުގައި ދުވަސް ފެށުމަށް ހަމަޖައްސާފައިވަނީ ފަތިސް ނަމާދުންކަމަށެވެ. އަދި ދަރިވަރުންނާއި މުވައްޒަފުން އެއް ކިލޯ މީޓަރުގެ ދުވުމެއްގައި ބައިވެރިވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މާދަމާ ކަލާސް އެވޯޑް ދިނުމަށް ނިންމާފައިވާ އިރު، މާދަމާ ސްކޫލްތަކުގެ އެސެމްބަލީ ހާއްސަކޮށްފައި ވަނީ ވެސް ދުޅަހެޔޮ ސިއްހަތާއި ރަނގަޅު ކާނާގެ ތީމަށެވެ. އަދި ސްކޫލްތަކުގައި ކުރިއަށް ގެންދާނީ ކުޅިވަރާއި ދުޅަހެޔޮ ސިއްހަތާ ގުޅުން ހުރި ހަރަކާތްތައް ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް