އެމެރިކާގައި އުމުރުން50 އަހަރުން މަތީގެ މީހުންނަށް ކޯވިޑް ވެކްސިންގެ އިތުރު ބޫސްޓާ ޑޯޒެއް ދިނުމުގެ ހުއްދަ އެ ގައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ދީފި އެވެ.
މި ޑޯޒު ދޭން ނިންމީ އުމުރުން ދުވަސްވީ މީހުންނަށް އިތުރު ރައްކާތެރިކަން ހޯދައި ދިނުމަށް ކަމަށް ބުނެފައިވެ އެވެ. އެފްޑީއޭއިން ބުނީ ވެކްސިން ހަތަރު ވަނަ ޑޯޒު ނުވަތަ އިތުރު ބޫސްޓާ ޑޯޒެއް ޖެހޭނީ ތިން ވަނަ ޑޯޒު ޖެހިތާ ހަތަރު މަސް ފަހުން ކަމަށެވެ.
މީގެ ކުރިން އެ އިދާރާއިން އިތުރު ބޫސްޓާ ޑޯޒު ޖެހުމުގެ ހުއްދަ ދީފައި އޮތީ 12 އަހަރުން މަތީގެ ކުދިންނާއި މީހުންގެ ތެރެއިން ދިފާއީ ނިޒާމު ބަލިކަށި މީހުންނަށެވެ. އަދި އެމީހުންނަށް ވަނީ ތިން ވަނަ ބޫސްޓާ ޑޯޒެއް ނުވަތަ ފަސް ވަނަ ޑޯޒެއް ޖެހުމުގެ ހުއްދަވެސް ދީފަ އެވެ.
އުމުރުން50 އަހަރުން މަތީގެ މީހުން އިތުރު ބޫސްޓާ ޑޯޒު ޖަހާ މީހުންގެ ތެރޭގައި ހިމެނުމުން އިތުރުން މިލިއަނަކަށްވުރެ ގިނަ ޑޯޒު އެމެރިކާގައި ވެކްސިން ދިނުމަށް ބޭނުންވާނެ އެވެ. އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ބުނީ ގިނަ ބަޔަކު ވެކްސިންގެ ހަތަރު ވަނަ ޑޯޒު ޖަހާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ބޫސްޓާ ޑޯޒުގެ ގޮތުގައި ޖެހުމުގެ ހުއްދަ ދީފައިވަނީ ފައިޒާ އަދި މޮޑާނާ ވެކްސިންއެވެ.
އިތުރު ބޫސްޓާ ޑޯޒެއް ޖެހުމުގެ ހުއްދަ ދިން އިރު ފިނިމޫސުން ފެށުނނު ފަހުން އެ ގައުމުގައި ވަނީ ކޯވިޑްގެ އަދަދުތައް ވަރަށް ބޮޑަށް ދަށްވެފައި އެވެ. އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލުގެ ތަފާސް ހިސާބުން ދައްކާގޮތުގައި ކޯވިޑް ވެކްސިންގެ ތިން ވަނަ ޑޯޒު ޖަހަން ފެށުމުން ބަލި އޮތީ އެ ގައުމުގައި ވަރަށް ބޮޑަށް ކޮންޓްރޯލްވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް