މިއަހަރު ތެރޭގައި އިތުރު 25 ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމު ކުރެވޭނެ: ރައީސް

މިއަހަރު ތެރޭގައި އިތުރު 25 ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމު ކުރެވޭނެކަމަށާއި އަދި ރާއްޖޭގެ 61 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ބިނާ ކުރުން މިހާރު ކޮންޓްރެކްޓް ކުރެވިފައިވާކަމުގައި ރައީސުލްޖުމް...

30 Mar 2022 | 04:55

މިއަހަރު ތެރޭގައި އިތުރު 25 ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމު ކުރެވޭނެކަމަށާއި އަދި ރާއްޖޭގެ 61 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ބިނާ ކުރުން މިހާރު ކޮންޓްރެކްޓް ކުރެވިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މި ޖަލްސާގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް މިހެން ވިދާޅުވީ ދިވެހިފުލުހުންގެ ޚިދުމަތަށް 89 އަހަރު ފުރުމުގެ މުނާޞަބާ ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި އަންނަ 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށް ނިމޭނެކަމަށާ މިކަމަކީ ރައްކާތެރި އަމާން ރާއްޖެއެއް ކަށަވަރު ކުރުމަށް ހިންގޭ ބޮޑު މަޝްރޫޢެއްކަން ފާހަގަކުރެއްވިއެވެ.

ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް ކުރިއެރުވުމަކީ މި ސަރުކާރާ ރައްޔިތުން މަތިކުރި ވަރަށް މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައި މި ވޭތުވެދިޔަ 3 އަހަރު ކުރެވުނު މަސައްކަތުން ފުލުހުންގެ ޚިދުމަތަށް، ހެޔޮ ބަދަލު ގެނެވިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އަވަށްޓެރި ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ކުރެވުނު މަސައްކަތުން ރާއްޖޭގައި ފުލުހުން ގާއިމުވެ ތިބޭ ހުރިހާ ރަށެއްގައި އަވަށްޓެރި ފުލުހުންގެ ޚިދުމަތުގެ ހުނަރާ ތަމްރީނު ފެށި، މިހާރު ހިނގަމުންއަންނަކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ފުލުހުން ބިނާ ކުރުމަށްޓަކައި ރާއްޖޭގެ އެންމެ ދެކުނުގައި ހުޅުވި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯއެންފޯރސްމެންޓަކީ ސަރުކާރުތަކުން ކުރިބުރަ މަސައްކަތުގެ ނަތީޖާކަން ފާހަގަކުރެއްވިއެވެ. އަދި މިތަނަކީ ރާއްޖެ - ރާއްޖޭގެ އަމިއްލަވަންތަ ކަމުގައި، ހިންދެމިލުމަށް އަވަށްޓެރި އިންޑިއާގެ ނިޔަތް ހެޔޮކަން ދައްކުވައިދޭ ރަމްޒެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތްތަނުގައި ފުލުހުންގެ ހުނަރާ ޤާބިލްކަން އިތުރުކުރުމުގައި ސަރުކާރުން އިސްކަންދޭ ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ވަނީ ފުލުހުންނަށް ބޭނުންވާ އިންސާނީ ވަސީލަތާ، ހުނަރާ ، ޤާބިލްކަމާއި، ޓެކްނޮލޮޖީ ފުލުހުންނަށް ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި، އިންތިޒާމް ވެގެން ހިންގާ ކުށްތަކާ، ޑްރަގް ނެޓްވޯރކް ތަކުގެ ގުޅުމަކީ ރާއްޖޭގެ އަމާން ކަމާ، ސުލްޙަ މަސަލަސް ކަމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުންކަމާއި އަދި އެއީ ރައްޔިތުންގެ އޮތް ވަރަށްބޮޑު ކަންބޮޑުވުމެއްކަން ފާހަގަކުރެއްވިއެވެ. އަދި މިކަންކަން ހުއްޓުވާ ކޮންޓްރޯލް ކުރުމަށް ޚާއްޞަ ޓާސްކް ފޯސްތަކެއް އެކުލަވާލައި މަސައްކަތްކުރަމުން އަންނަކަމަށާ އޭގެ ހެޔޮ ބަދަލު ވަރަށް އަވަހަށް ފެންނާނެކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަސް ހެޔޮ ގޮތުގައި ހޭދަ ކުރެއްވުމަށް ނަޞޭޙަތްތެރި ވެވަޑައިގަންނަވަމުންނެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި މެޑަލް ލިބިލެއްވި ފުލުހުންނަށް ކުލައާ މެޑަލް ހަވާލުކޮށްދެއްވީ ރައީސް ޞާލިޙެވެ. އަދި މި ޖަލްސާގައި ރައީސް ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މޯބައިލް އެޕްލިކޭޝަން ވެސް އިފްތިތާޙް ކޮށްދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް