ރަމަޟާންމަހުގެ ހެޔޮ ދަރުމައާއި ސަވާބު ލިބިގަތުމަށް އަވަސްވެ ގަންނާށެވެ.

އަޅުގަނޑުމެން ދިވެހިންނަކީ އަދި ދުނިޔޭގެ އެހެން އިސްލާމީ ޤައުމުތަކުގެ މީހުންނަކީ ވެސް ރަމަޟާންމަހަށް ޚާއްޞަ ތައްޔާރީތައް ވާބައެކެވެ. މި ތައްޔާރީތައް ވުމުގައި މަދުފަހަރެއްގައި ނޫނީ އިސްކަން ދެވިފައި އޮ...

30 Mar 2022 | 04:37

އަޅުގަނޑުމެން ދިވެހިންނަކީ އަދި ދުނިޔޭގެ އެހެން އިސްލާމީ ޤައުމުތަކުގެ މީހުންނަކީ ވެސް ރަމަޟާންމަހަށް ޚާއްޞަ ތައްޔާރީތައް ވާބައެކެވެ.

މި ތައްޔާރީތައް ވުމުގައި މަދުފަހަރެއްގައި ނޫނީ އިސްކަން ދެވިފައި އޮންނަނީ މާއްދީކަންކަން ފުރިހަމަކުރުމަށެވެ. ރަމަޟާން މަސް އަޅުގަނޑުމެންގެ ފަރާތުން ބޭނުންވާ ތައްޔާރީތައް އޮންނަނީ ދޫކޮށްލެވިފައެވެ.

ކޮންމެ އަހަރަކު އެއްފަހަރު އަޅުގަނޑުމެންނާ ބައްދަލުކުރާ ރަމަޟާން މަސް މިވަނީ އަޅުގަނޑުމެންނާ ބޯމަތިވެފައެވެ. މިއީ އަޅުގަނޑުމެންގެ ބޯތަކަށް ހިޔާ އަޅައިދޭ މައްސަރަކެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ﴾ މާނައަކީ، رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. އެ قرآن ބާވައިލެއްވީ މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هداية އާއި حق އާއި باطل ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ.

މި މައްސަރަކީ ފާފަތައް ފުއްސަވާ ހެޔޮކަންތައް ދަރަޖަތަކަށް އުފުލިގެންދާ މަހެކެވެ. މި މަހުގައި ﷲ ގެ ރަޙްމަތް ބާވައިލައްވާ މީސްތަކުން ނަރަކައިން މިންޖުކުރައްވައެވެ.

ﷲ ގެ ފުއްސެވުން މިމަހުގައި ލިބިއްޖެމީހަކަށް ބާއްޖަވެރިކަން ހުއްޓެވެ. އެކަލާނގެ ދީލަތިވަންތަކަމާއި އިޙްސާންތެރިކަމުގެ ސަބަބުން ލިބޭ ބާއްޖަވެރިކަމަކީ އެއަށްފަހު މަތިވެރި އުފަލެއް ނުވާ ބާއްޖަވެރިކަމެކެވެ.

ރަސޫލާ صلى الله عليه وسلم ޙަދީސްކުރައްވާފައިވެއެވެ. ތިޔަބައިމީހުންގެ ގާތަށް رمضان އަތުވެއްޖެއެވެ. އެއީ ތިޔަބައިމީހުންގެ މައްޗަށް އެ މައްސަރެއްގައި ރޯދަ فرض ކުރެއްވި بركات ތެރި މައްސަރެވެ.

އެ މަހުގައި އުޑުގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވެއެވެ. އަދި އެ މަހުގައި ނުކިޔަމަންތެރި شيطان ން ކަސްތަޅު އެޅެއެވެ. އެއްހާސް މައްސަރަށްވުރެ ހެޔޮކަންބޮޑު ރެއެއް އެ މަހުގައި މާތް الله ހިމަނުއްވާފައި ވެއެވެ. އެރޭގެ ހެޔޮކަމުން محروم ވެއްޖެ މީހާއީ ހަމަކަށަވަރުންވެސް محروم ވެއްޖެ މީހެކެވެ.

ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކުރުމަކީ މަތިވެރި ނިޢުމަތެކެވެ.

މުއުމިނުން އުފާކުރާނެ ވަގުތެކެވެ. އެއީ ﷲ ގެ ބަސްފުޅުގައިވާފަދައިންނެވެ. ﴿ قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَٰلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِّمَّا يَجْمَعُون﴾ ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ގެ فضل ވަންތަ ކަމާއި، އެކަލާނގެ رحمة އަށްޓަކައި (އެބަހީ: إسلام دين އާއި قرآن އަށްޓަކައި) ފަހެ، އެއުރެން އުފާކުރާހުށިކަމެވެ! އެއުރެން (ދުނިޔެމަތީގައި) އެއްކުރާ ތަކެއްޗަށްވުރެ، އެކަން ހެޔޮކަން ބޮޑެވެ.

މިއީ ފައިދާހުރި ވިޔަފާރީގެ މަތިވެރިވެގެންވާ މައްސަރެކެވެ. މި ވިޔަފާރި އަޅުގަނޑުމެންނަށް މިކުރެވެނީ އެންމެ ދީލަތި ފަރާތާއެކުގައެގައެވެ. އެކަލާނގެ ތަނަވަސް ރަޙްމަތުން ދެއްވާއެއްޗެއް މަދުވުމެއް ދުވަހަކުވެސް ނުވެއެވެ. ކުރާ ކޮންމެ ހެޔޮކަމެއް އެތައް ދަރަޖައެއް އިތުރުކުރައްވާ އަޖުރު ދެއްވައެވެ. ވިޔަފާރީގައި ކޮންމެ މީހަކުވެސް އެންމެ ފައިދާވާ ދުވަސްތަކުގެ އިންތިޒާރު ކުރެއެވެ. އަޅުގަނޑުމެންނަށް މިއޮތީ އެންމެ ދީލަތިވަންތަ ﷲ އާ އެންމެ ފައިދާބޮޑު ވިޔަފާރި ކުރުމުގެ ފުރުޞަތު ލިބިފައެވެ.

މިއީ ކުރާ ހެޔޮ ޢަމަލު ޙައްދެއްނެތި ދެއްވާ މޫސުމެވެ. އެއީ ކެތްތެރިކަމާއެކު އެކަލާނގެ އެންގެވުމަށް ބޯލަނބައި ރޯދަ ފުރިހަމަކުރާތީއެވެ. ﴿ إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ ﴾ ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ حساب އެއްނެތިއެވެ. މިއާޔަތުގައި ﷲ ބަޔާންކުރައްވާފައިވާ ފަދައިންނެވެ. . ކެތްތެރިވުމުގެ ތެރޭގައި ﷲ އަށް ކިޔަމަންގަތުމުގެ ގޮތުން އަޅުގަނޑުމެން ހިފާ ރޯދަ ހިމެނިގެންދާނެއެވެ.

މީގެ އިތުރުން ކީރިތި ނަބިއްޔާގެ ސުންނަތުގައި އައިސްފައިވަނީ ރޯދައިގެ ސަވާބު ޙައްދެއްނެތި ދެއްވާނެކަމުގައެވެ.

ކީރިތި ރަސޫލާގެ ބަސްފުޅެއްގެ މާނައިގަ ވެއެވެ. އާދަމްގެ ދަރިޔާގެ ހެޔޮ ޢަމަލު ދިހަގުނައަށް އަދި ހަތްސަތޭކަ ގުނައަށް އިތުރުކުރައްވައެވެ.

ދެން ޤުދުސިއްޔަ ޙަދީސްގައި މާތް ﷲ ވަޙީކުރެއްވިއެވެ. ރޯދަ ފިޔަވައެވެ. ރޯދައަށް ޖަޒާދެއްވުން ވަނީ ތިމަންރަސްކަލާނގެއަށެވެ. ﷲ ގެއަޅާ ކެއިންބުއިމާއި ޝަހުވަތްތަކުން ދުރުވެގަންނަނީ ތިމަން ކަލާނގެއަށްޓަކައެވެ. އެހެންކަމުން އެނގެނީ ކޮންމެ ހެޔޮ ޢަމަލެއް ހަތްސަތޭކަ ގުނައަށް އިތުރުކުރައްވާކަމެވެ.

ނަމަވެސް ރޯދައަށް ﷲ ޖަޒާދެއްވަނީ ޙުދޫދެއް ނެތިއެވެ. ވީމާ، އަޅުގަނޑުމެން ހެޔޮގޮތުގައި ރޯދަހިފައި ރަމަޟާންމަހުގެ ބަރަކާތް ލިބިގަތުމަށް އަވަސްވަމާ ހިނގާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް