ފުލުހުންގެ މޮބައިލް އެޕްލިކޭޝަން އިފްތިތާހުކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ މޯބައިލް އެޕްލިކޭޝަން އިފްތިތާހުކޮށްފިއެވެ. މި އެޕް އިފްތިތާހުކޮށްދެއްވީ ޖުމްހޫރީ މައިދާނުގައި ރޭ ބޭއްވި ދިވެހި ފުލުހުންގެ ޚިދުމަތުގެ 89 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާ...

29 Mar 2022 | 20:15

ދިވެހި ފުލުހުންގެ ޚިދުމަތުގެ މޯބައިލް އެޕްލިކޭޝަން އިފްތިތާހުކޮށްފިއެވެ.

މި އެޕް އިފްތިތާހުކޮށްދެއްވީ ޖުމްހޫރީ މައިދާނުގައި ރޭ ބޭއްވި ދިވެހި ފުލުހުންގެ ޚިދުމަތުގެ 89 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މޮބައިލް އެޕްލިކޭޝަން އިފްތިތާހުކޮށްދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުއެވެ.

އިފްތިތާހު ކުރެވިގެން މިދިޔަ އެޕްލިކޭޝަނަކީ، އޮންލައިންކޮށް އާންމުންނަށް ފޯރުކޮށްދޭ ހިދުމަތްތައް، މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފޯރުކޮށްދިނުމަށްޓަކައި، އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ.

އެގޮތުން، މި އެޕްލިކޭޝަނުގައި ރަޖިސްޓްރީވުމަށްފަހު، އެމީހެއްގެ ޑްރައިވިންގ ލައިސަންސްގެ މައުލޫމާތާއި، އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތަކުގެ އަހަރީ ފީ ސްޓޭޓަސް އެނގޭނެހެން ތަފްސީލީ މައުލޫމާތާއި، އެމީހެއްގެ ޓްރެފިކް މައްސަލަތަކާއި ޕާކިން މައްސަލަތައް ބަލައިލެވޭނެއެވެ. އަދި، މި އެޕްލިކޭޝަން މެދުވެރިކޮށް ފުލުހުންނަށް މައްސަލަ ހުށަހެޅުމުގެ އިތުރުން، ހުށަހަޅާ މައްސަލަތަކުގެ އަދާހަމަ ބެލުމާއި، ފުލުހުން ފޯރުކޮށްދޭ ހިދުމަތްތަކާއި ވަކިވަކި ފުލުހުންނާ ގުޅޭ ޝަކުވާ ނުވަތަ ތައުރީފް ހުށަހެޅޭނެއެވެ

ހަމައެއާއެކު، މި އެޕްލިކޭޝަން މެދުވެރިކޮށް ކުށުގެ ރިޕޯޓަށާއި ޕޮލިސް ކްލިއަރެންސް ސެޓްފިކެޓަށް އެޕްލައިކުރުމުގެ އިތުރުން ކްލިއަރެންސް ސެޓްފިކެޓް، އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެއެވެ. އަދި ސެޓްފިކެޓްގެ ސައްހަކަން ކަށަވަރު ކުރެވޭނެއެވެ.

މި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ، އެޕްލިކޭޝަން މެދުވެރިކޮށް ފުލުހުންނާ ކުރާ މުއާމަތުގެ ރެކޯޑް ބެލެހެއްޓޭ ގޮތަށެވެ. އަދި ފުލުހުންނަށް ގުޅަން ޖެހިއްޖެ ހާލަތެއްގައި، ނެއިބަހުޑް ޕޮލިސް އޮފިސަރުންގެ މައުލޫމާތާއި ޕޮލިސް ސްޓޭޝަން ތަކުގެ މައުލޫމާތު ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަ ކަމާއެކު ބަލައިލެވޭ ގޮތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް