ފްލޫގެ ކަންކަން މިހާރު އޮތީ އާއްމު ހާލަތުގައި: އެޗްޕީއޭ

މާލެއާއި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ފެތުރެމުން ދިޔަ އަރިދަފުސް ރޯގާއާއި އިންފްލުއެންޒާގެ ހާލަތުވަނީ ރަނގަޅުވަމުން އައިސްފައި ކަމަށާއި މާލެއާއި ބައެއް އަތޮޅުތަކުގައި ހަލުވިކަމާއެކު ރޯގާ ފެތުރުން ...

30 Mar 2017 | 12:13

މާލެއާއި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ފެތުރެމުން ދިޔަ އަރިދަފުސް ރޯގާއާއި އިންފްލުއެންޒާގެ ހާލަތުވަނީ ރަނގަޅުވަމުން އައިސްފައި ކަމަށާއި މާލެއާއި ބައެއް އަތޮޅުތަކުގައި ހަލުވިކަމާއެކު ރޯގާ ފެތުރުން މަދުރުކުރުމަށް ސިއްހީ ދާއިރާގެ ތެރޭގައި އިޖާބަދިނުމަށް ކަނޑައަޅާފައިވާ މިންގަނޑު ނުވަތަ އިޖާބަ ދިނުމުގެ ތިންވަނަ ލެވެލް ގައި މަސައްކަތް ކުރުމުގެ ހާލަތެއް މިހާރު ނެތްކަމުގައި އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން މިހެން ބުނެފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގަ އެވެ.

"ވުމާއެކު މިހާރު މަސައްކަތްކުރަމުން މިގެންދަނީ އާންމު ހާލަތުގައިވެސް ރޯގާ އުޅެމުންދާއިރު ކަންކުރާ އުސޫލުގެ މަތިންނެވެ. ބަލިތައް އުޅޭގޮތް ދެނެގަތުމަށް ގާއިމް ކުރެވިފައިވާ ޑިޒީޒް ސަވައިލަންސް ނިޒާމުގެ ތެރެއިން އެއްވެސް ރަށެއްގައި އާދަޔާ ހިލާފަށް ބައްޔެއް އުޅޭނަމަ ނުވަތަ ރޯގާއެއް އިތުރުވާނަމަ ކަނޑައަޅާފައިވާ މިންގަނޑުތަކުގެ ތެރެއިން މަސައްކަތް ކުރަމުންދާނެ އެވެ." އެޗްޕީއޭގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މި ފުރުސަތުގައި މާލެއާއި އަތޮޅުތަކުގެ ސިއްހީ ހިދުމަތްދޭ ތަންތަނުންނާއި އެހެނިހެން ފަރާތްތަކުން ކޮށްދެއްވާފައިވާ މަސައްކަތްތަކަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށާއި މި އޭޖެންސީން ދީފައިވާ ލަފާގެ މަތިން ސްކޫލުތައް ބަންދުކޮށްދެއްވައި އެޅުއްވި މުހިއްމު ފިޔަވަޅަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި މިހާރު ބަލި ފެތުރުމުގެ ހާލަތު ރަނގަޅުވެފައިވާތީ ސްކޫލުތަކަށް ކުދިން ފޮނުވުން އެންމެ ރަނގަޅު ކަމުގައި ބެލެނިވެރިންގެ މައުލޫމާތަށްޓަކައި ދަންނަވާކަމުގައިވެސް އެޗްޕީއޭގެ ބަޔާނުގައި ވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ އަރިފުސް ރޯގާ، ވައިރަލް ހުން އަދި އިންފްލުއެންޒާ ފަދަ ބަލިތަކަކީ އަބަދުވެސް އުޅެމުންދާ މޫސުމީ ރޯގާތަށް ކަމުގައިވާތީ މިފަދަ ބައްޔެއް ޖެހުމުން އެހެން މީހުންނަށް ފެތުރުން މަދުކުރެވޭނެ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި އާންމު ސާފުތާހިރުކަން ދެމެހެއްޓުމަކީ މި އޭޖެންސީން އިލްތިމާސް ކުރާ ކަންކަން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް