އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާ ކުރުމަށް ސަރުކާރުން އޮތީ ތައްޔާރަށް ކަމުގައި ސަރުކާރުން މިއަދު ބުނެފައިވާއިރު އެ މަޝްވަރާ ތަކަކީ ބޮޑު މަޖާގަނޑަކަށް ވެއްޖެ ކަމަށާއި އެ މަޝްވަރާތަކަށް މާބޮޑު ސަމާލުކަމެއް ނުދޭނެ ކަމަށް އިދިކޮޅު ކޯލީޝަނުން ބުނެފި އެވެ.
އިދިކޮޅު ކޯލީޝަނުން މިހެން ބުނެފައިވަނީ މ ކުނޫޒްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
އެމްޑީޕީގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން އެ ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ވިދާޅުވީ މަޝްވަރާތަކުގެ ވާހަކަ ސަރުކާރުން ދައްކަނީ އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް އިތުރުވުމުން ކަމަށެވެ.
"މިކަމުގައި ސަރުކާރުގެ އެއްވެސް އިހުލާސްތެރި ކަމެއް ނެތް، ކުރިން ސަރުކާރުން ބުނެފައި އޮތީ ލޯކަލް ކައުންސިލް އިންތިހާބު ނިމުނީމައޭ މަޝްވަރާތައް ފަށާނީ، މިހާރު މަޝްވަރާތައް ކުރިއަށް ގެންދަނީ ސަރުކާރަށް ގޮތް ހުސްވެ ހަދާނެ ގޮތް ނެތުނީމަ" އިބޫ ވިދާޅުވި އެވެ.
މި ކަމާބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް ވިދާޅުވީ ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އިދިކޮޅު ފަރާތްތަކުން ހޯދަމުން އަންނަ ކާމިޔާބުތައް ފަސްކުރެވޭތޯ ކަމަށާއި އެކަމަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ދެން ކަންތައްތައް ކުރިއަށްގެންދާނީ ކުރިއަށް ވުރެ ބާރަށް ކަމުގައިވެސް ފާރިސް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް