ދެ ފަރާތް ގުޅިގެން މަޝްވަރާ ކުރުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި އެވެ.
ސަރުކާރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ ވިދާޅުވީ އިދިކޮޅު ފަރާތްތަކާއި އެކު މަޝްވަރާ ކުރަން ސަރުކާރުން އޮތީ ތައްޔާރަށް ކަމަށެވެ. އަދި މަޝްވަރާ ކުރުމަށް ސަރުކާރުން ޖެހިލުން ނުވާ ކަމަށެވެ.
މިނިސްޓަރު ޝައިނީ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންނަވަނީ އިދިކޮޅު ފަރާތްތަކުން ހިތްހަމަ ނުޖެހޭ ކަމެއް ސަރުކާރުގެ ތެރެއިން ހިނގާނަމަ އެކަމެއް ސަރުކާރާއި މަޝްވަރާ ކޮށްގެން ހައްލު ކުރުމަށެވެ. އެކަމަކު މިނިސްޓަރު ޝައިނީ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެގޮތަށް ދެކުނަސް ސަރުކާރުން ގޯސްކޮށް ކަމެއް ކުރާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ޑިމޮކްރަސީގެ ރިވެތި އުސޫލު ގަބޫލުކުރާ ކަމުގައި ވާނަމަ މަޝްވަރާއަށް އަންނަންވީ ކަމަށާއި އެ ދައުވަތު މިހާރު ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ މަޝްވަރާތައް ކުރިޔަށް ގެންދާނީ ކުރިން ފެށި ޕާޓީ ޓޯކްސްގެ ތެރެއިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރަށް ޔަގީން ސަރުކާރުން މިކުރާ ކަންތައް މިކުރަނީ ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން. އެއަށް އެެއްވެސް ކަހަލަ ތައާރަޒެއް ކުރެވޭ ކަހަލަ ކަމެއް އަންނަ ކަމަަށް ވަންޏާ ނުވަތަ ހިޔާލު ތަފާތުވުން ބޮޑު ކަމެއް އަންނަ ކަމަށް ވަންޏާ ޕާޓީ ޓޯކްސްގެ ތެރޭގައި އެކަން ކުރެވޭނެ އިންތިޒާމް މިއޮތީ ހަމަމަޖެހިފައި." މިނިސްޓަރު ޝައިނީ ވިދާޅޫވި އެވެ.
މި ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ ގައުމުގައި ހިނގަމުންދާ ސިޔާސީ ހަލަބޮލި ކަމާއި ހެދި ސަރުކާރުން ކުރިޔަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކަށް ބުރޫއެއް ނާރާނެ ކަމަށެވެ.
ސިޔާސީ ޕާޓީތަކަށް ހުޅުވާލި މަޝްވަރާއަށް އައުމަށް ސަރުކާރުން ވަނީ ކަންތައްތަކެއް ކަނޑައަޅާފައި އެވެ. އެގޮތުން ސަރުކާރަށް ޑިމާންޑެއް ކުރާ ނަމަ އަމިއްލަ ބޭނުމެއް ނެތް، ގާނޫނީ ގޮތުން ކުރެވޭވަރު ކަމަކަށް ވާންޖެހެ އެވެ. އަދި ރާއްޖެއިން ބޭރުގައި ތިބި އިދިކޮޅު ސިޔާސީ ފަރާތްތަކާއި މަޝްވަރާ ނުކުރައްވާނެ ކަމަށާއި ރައީސް ނަޝީދު މަޝްވަރާގައި ބައިވެރިވެވަޑައިގެންނަވާނަމަ ރާއްޖެ ވަޑައިގެން ޖަލަށް ވަޑައިގަތުމުން ސަރުކާރުން މަޝްވަރާ ކުރަން ޖަލަށް ދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް