ބަންގަލަދޭޝްގެ ރާޖްޝާހީގައި ދަންޖެހިގެން މަރުވެފައި ހުއްޓަ އިއްޔެ ފެނުނު ދިވެހި މަޝްހޫރު މޮޑެލް ރައުދާ އާތިފްގެ ކަރުގައި ހިފާފައި ހުރި ކަމުގެ ނިޝަންތަކެއް ފެންނަނަށް ހުރި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
ރައުދާ އަކީ ބަންގްލަދޭޝްގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގައި މެޑިސިން ކިޔަވަމުން ދިޔަ ދަރިވަރެކެވެ. އޭނާ ދަންޖެހިގެން މަރުވެފައި ހުއްޓަ ފެނިފައިވަނީ އިއްޔެ ހެނދުނު ސައިބޯން ނުދާތީ އެކުވެރިން ގޮސް ކޮޓަރީގެ ދޮރު ނުހުޅުވައިގެން ކުޑަ ދޮރުން ބެލި އިރު އެވެ. ރައުދާ ދަންޖެހިފައި ހުރީ ހޮސްޓެލްގައި އޭނާ އުޅޭ ކޮޓަރީގެ ފަންކާގައި ސްކާފެއް އައްސައިގެންނެވެ.
މި މައްސަލަ ތަހުގީގު ކުރާ ރާޖްޝާހީގެ މެޓްރޮޕޮލިޓަން ޕޮލިސްގެ ކޮމިޝަނަރު ޝަފީގުލް އިސްލާމް އާއި ހަވާލާ ދީ ޑާކާ ޓްރިބިއުންގައި ބުނެފައިވަނީ ރައުދާ ފެނިފައިވާ ދަންޖެހިފައި ހުއްޓަ ކަމުގަ ވިޔަސް ކަރުގައި މީހަކު ހިފާފައި ހުރި ކަމުގެ ނިޝާންތައް ވަރަށް ރަނގަޅަށް އެނގެން އެބަ ހުރި ކަމަށެވެ.
އެހެންކަމުން ރައުދާ މަރުވެފައިވަނީ އަމިއްލައަށް ދަންޖެހިގެން ކަމަށް ނިންމެން އަދި ނެތް ކަމަށާއި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި ރައުދާގެ އާއިލާ ރާޖްޝާހީއަށް ދިޔަހާ އަވަހަކަށް ރައުދާ އޮޓޮޕްސީއެއް ހަދައި މަރުގެ ހަގީގަތް ދެނެގަންނާނެ ކަމަށް ފުލުހުން ބުނެ އެވެ.
ޝަފީގުލް އިސްލާމް ބުނީ ރައުދާ އަކީ ބޭރު ގައުމެއްގެ ދަރިވަރަކަށް ވާތީ މި މައްސަލަ ވަރަށް ރަނގަޅަށް ތަހުގީގު ކުރާނެ ކަމަށެވެ.
ރައުދާގެ އާއިލާގެ މެންބަރުން ރޭ ވަނީ ބަންގްލަދޭޝްއަށް ގޮސްފައި އެވެ.
ރައުދާ އަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ މޮޑެލް އެކެވެ. އޭނާ ވަނީ މަޝްހޫރު ފެޝަން މެގަޒިން "ވޯގު އިންޑިއާ"ގެ މިދިޔަ އަހަރުގެ އޮކްޓޯބަރުގެ އަދަދުގައި ފީޗާ ކޮށްފައި އެވެ.
އޭނާ އެންމެ ފުރަތަމަ މަޝްހޫރު ވެގެން ދިޔައީ ފޮޓޯގްރަފަރު ޝިފާޒް ޝައްމޫން ނަގާފައިވާ "މޯލްޑިވިއަން ގާލް ވިތު އަކުއާ ބްލޫ އައިސް"ގެ ނަމުގަ ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯ އަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް