"ކޮންމެ ސްކޫލެއްގައިވެސް މާއްދާއެއްގެ ގޮތުގައި އަރަބި ބަސް ކިޔަވާދޭނަން" މި ސިޔާސަތުގެ ދަށުން ރާއްޖޭގައި ހިންގާ ސަރުކާރު ސްކޫލްތަކުގައި އަރަބި ބަސް ކިޔަވާދިނުމާއި ގުޅޭގޮތުން، އަރަބި ބަސް ކިޔަވައިދެއްވާ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދޭގޮތުގައި ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ ސިންގަޕޫރްގެ "އިރްޝާދް ޓްރަސްޓް ފައުންޑޭޝަން" އާއި ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. "އިރްޝާދް ޓްރަސްޓް ފައުންޑޭޝަން" އަކީ ސިންގަޕޫރް، މެލޭޝިއާ އަދި އިންޑޮނޭޝިއާގައި ވެސް އަރަބި އިސްލާމީ ތައުލީމު އުނގަންނައިދޭ އިންޓަނޭޝަނަލް ސްކޫލް ހިންގާ ގްރޫޕެކެވެ.
"އާދީއްތަ ދުވަހު ފެށި މި ތަމްރީނު ޕްރޮގްރާމްގައި މާލެއާއި އަތޮޅުތެރޭގެ ސްކޫލްތަކުން އަރަބި އަދި އިސްލާމް ކިޔަވައިދެއްވާ 64 މުދައްރިސަކު ވަނީ ބައިވެރިވެފަ އެވެ. މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އަރަބި ބަހުންނެވެ. އަދި މި ތަމްރީނު ޕްރޮގްރާމްގައި ކިޔަވައިދެއްވާފައިވަނީ "އިރްޝާދް ޓްރަސްޓް ފައުންޑޭޝަން"ގެ ޓްރެއިނަރުންނެވެ." އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެ އެވެ.
މިނިސްޓްރީން އިތުރަށް ބުނީ މި ތަމްރީނު ޕްރޮގްރާމްގެ މަގްސަދަކީ ރާއްޖޭގެ ސްކޫލްތަކުގައި އަރަބި ބަސް އުނގަންނަވައިދެއްވުމުގައި މަސައްކަތްކުރައްވާ ދިވެހި މުދައްރިސުން، ކިޔަވައިދިނުމުގައި ބޭނުންކުރެވޭ ޒަމާނީ ވަސީލަތްތަކަށް އަހުލުވެރި ކުރުވުމާއި އަދި ގައުމީ މަންހަޖުގެ ތެރެއިން އަރަބި ބަސް އުނގަންނަވައިދެއްވުމުގައި ދަރިވަރުން ޝައުގުވެރިވާފަދަ ފިލާވަޅުތަކެއް ކުރިއަށް ގެންދިއުމަށް މުދައްރިސުން އަހުލުވެރި ކުރުވުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް