ކޮންމެ ގާނޫނެއް ފާސް ކުރިޔަސް އެމްޑީޕީގެ ވެރިއަކީ ކުރީގެ ރައީސް ނަޝީދު

ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ހުށަހެޅި އިސްލާހު މިއަދު ފާސްކުރިޔަސް، އެމްޑީޕީ ހިނގާނީ ކުރީގެ ރައީސް އަދި މިހާރު ވެސް އެމްޑީޕީގެ ރައީސް ކަމުގައި ހުންނެވި މުހައްމަދު ނަޝީދުގެ ބެެއްލެވުމުގެ ދަށުން ކަމަށް ...

30 Mar 2015 | 11:33

ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ހުށަހެޅި އިސްލާހު މިއަދު ފާސްކުރިޔަސް، އެމްޑީޕީ ހިނގާނީ ކުރީގެ ރައީސް އަދި މިހާރު ވެސް އެމްޑީޕީގެ ރައީސް ކަމުގައި ހުންނެވި މުހައްމަދު ނަޝީދުގެ ބެެއްލެވުމުގެ ދަށުން ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވާއިރު، އެ ބިލް ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވުމުން، މިހާރު ޓެރަރިޒަމްގެ ކުށުގައި ޖަލުގައި ހުންނެވި އެމްޑީޕީގެ ރައީސް ނަޝީދު އެ މަގާމުންނާއި އަދި ޕާޓީގެ މެމްބަރުކަމުން ވެސް ވަކިވާނެ އެވެ.

އެ ބިލް މަޖިލީހުން ފާސްކުރުމާއި ގުޅިގެން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާޓީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ، ނަޝީދު އެ ޕާޓީގެ ލީޑަރުގެ ގޮތުގައި ބެހެއްޓުމުގެ ހުރިހާ އިހްތިޔާރެއް އެމްޑީޕީއަށް ލިބިފައިވާ ކަމަށެވެ. އަދި ޕާޓީގެ ލީޑަރުން ކަނޑައަޅާނީ އެ ޕާޓީގެ މެމްބަރުން އެދޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަދަ ބިލްތައް ފާސްކުރަމުން ގޮސް، އެމްޑީޕީ އުވާލަން ވެސް ސަރުކާރަށް ތާއީދުކުރާ މެމްބަރުން ބިލެއް ފާސްކުރާނެ ކަމަށެވެ. އެކަމަކު އެފަދަ ބިލެއް ފާސްކުރިޔަސް ޕާޓީ އުވައެއް ނުލެވޭނެ ކަމަށާއި އެމްޑީޕީއަކީ ފިކުރެއް ކަމަށެވެ.

"އަދިވެސް ޑީއާރުޕީގެ ޒައީމަކީ ރައީސް މައުމޫން. އެކަން އެބައޮތް ޕާޓީގެ އަސާސީ ގަވައިދުގައި ވެސް ލިޔެފައި. އެހެންވީމަ ރައީސް ނަޝީދު ޕާޓީގެ ލީޑަރުގެ ގޮތުގެ ބެހެއްޓުމަށް ހުރިހާ އިހްތިޔާރެއް އަޅުގަނޑުމެންނަށް ވެސް ލިބިފައިވޭ، އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ އެމްޑީޕީގެ ލީޑަރަކީ މިއަދު ވެސް މާދަމާ ވެސް އަދި އިއްޔެ ވެސް ގަލޮޅު ކެނެރީގޭ ރައީސް މުހައްމަދު ނަޝީދުއޭ. އެގޮތުގައޭ އެމްޑީޕީ އިން އަދިވެސް ކުރިއަށްދާނީ." އަލީ ވަހީދު ވިދާޅުވި އެވެ.

ގައުމުގައި އިޖުތިމާއީ އެތައް ބައިވަރު މައްސަލަތަކެއް ހުރިއިރުވެސް ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރައީސް ނަޝީދުއާ އެމްޑީޕީއާ ގުޅޭ ބިލުތައް މަޖިލީހަށް ވެއްދުމަށްފަހު ފާސްކުރަމުން ދިއުން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

މިއަދު ބައްދަލުވުމުގައި އެޕާޓީޣެ ޕީޖީ ލީޑާރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރައީސް ޔާމީން ގާނޫނުތަކަށް އިސްލާހު ހުށަހަޅުއްވަނީ ހަމައެއް ލަމައެއް ނެތި ކަމަށެވެ. އަދި އެފަދަ ކަންކަމުން ފެނިގެން ދަނީ ރައީސް ޔާމީނަށް އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލިފައިވާތަން ކަމަށެވެ.

އޭނާ ވިދާޅުވީ އެ ޕާޓީން ދަނީ މަޖިލީހަށް ހުށަހެޅޭ އެފަދަ ބިލްތައް ފާސް ނުކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް