އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި އާ ޓާމިނަލެއް ހެދުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އާއި އެމްޓީސީސީ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ހުޅުލޭ އައިލެންޑް ހޮޓަލުގައި ސޮއި ކުރި އެއްބަސްވުމުގެ ދަށުން ޓާމިނަލް އެޅުމަށް ޖާގަ ހުސްކުުރުމުގެ ގޮތުން ބައެއް އިމާރަތްތައް އެއާޕޯޓްގެ އެހެން ސަރަހައްދުތަކަށް ބަދަލުކުރުމާއި، އަލަން އިމާރަތްތައް ހެދުމާއި އަދި ވަގުތީގޮތުން ބޭނުންކުރާ އިމާރަތްތައް މަރާމާތު ކުރުން ހިމެނެއެވެ.
މި މަސައްކަތް ދެ ހަފްތާތެރޭ އެމްޓީސީސީ އިން ފަށަންޖެހެއެވެ. މަސައްކަތް ހަވާލުކޮށްފައި ވަނީ ފަސް މަސް ދުވަހުން ނިންމަންޖެހޭ ގޮތަށެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއު ނިމޭނެ ކަަމަށް ސަރުކާރުން ލަފާ ކުރަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށެވެ.
ީމީގެ ކުރިން ސަރުކާރުން ބުނެފައިވަނީ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދަނީ ފަސް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިންނަށް އަމާޒުކޮށްގެން ކަމަށާއި އޭގެ ތެރޭގައި ދެވަނަ ރަންވޭ އާއި ތެޔޮ ފާމުގެ އިތުރުން ޓާމިނަލް އެތައް ގުނައަކަށް ބޮޑުކުރުން ހިމެނޭ ކަމަށެވެ.
އެ މަޝްރޫއަކީ 700 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެކެވެ.
އެ މަޝްރޫއު ކުރިޔަށް ގެންދަން ސަރުކާރުން ދަނީ ބޭރުގެ ފަރާތްތަކާއި ޖަމިއްޔާތަުގެ އެހީއާއި ލޯން އެހީ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާތަނަށް ޖަޕާނާއި ޗައިނާގެ އިތުރުން ސައުދީ ފަންޑުން ވަނީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫގައި ބައިވެރިވާން ބޭނުންވާކަން ހާމަކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް