އެމްބީސީ އުވާލައި، އާ ކުންފުންޏެއް އުފައްދަން ބިލެއް ހުށަހަޅައިފި

ދައުލަތުގެ މީޑިއާ މިހާރު ހިންގަމުން އަންނަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އުވާލައި އޭގެ ބަދަލުގައި އާ ކުންފުންޏެއް އުފެއްދުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ...

30 Mar 2015 | 09:02

ދައުލަތުގެ މީޑިއާ މިހާރު ހިންގަމުން އަންނަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އުވާލައި އޭގެ ބަދަލުގައި އާ ކުންފުންޏެއް އުފެއްދުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ސަރުކާރު ކޯލިޝަންގެ ފަރާތުން ހޯރަފުށީ ދާއިރާގެ އެމްޑީއޭގެ މެމްބަރު މުހައްމަދު އިސްމާާއިލް ހުށަހަޅުއްވާފައިވާ "ޕަބްލިކް ސާވިސް މީޑިއާ" ބިލްގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ. "ޕަބްލިކް ސާވިސް މީޑިއާ"ގެ ބިލްގައި ބުނެފައިވާ ގޮތުގައި އެ ބިލް ގާނޫނަކަށް ވެ، އަމަލުކުރަން ފެށުމުން އެމްބީސީގެ ގާނޫނު އުވޭނެ އެވެ.

ޕަބްލިކް ސާވިސް މީޑިއާ ބިލްގެ އެއް މަގުސަދަކީ، ނުފޫޒުން އެއްކިބާ ވެފައިވާ އަދި އެޑިޓޯރިއަލްގެ މިނިވަންކަން ލިބިފައިވާ އަދި ރާއްޖޭގެ އެންމެހައި ސަރަހައްދުތަކަށް ހިދުމަތް ދޭ ގައުމީ މީޑިއާއެއްގެ ގޮތުގައި ދެމިއޮތުމެވެ. ބިލްގައި ވާގޮތުން ޕަބްލިކް ސާވިސް މީޑިއާާ ހިންގާނީ، ހަތް މެމްބަރުންގެ ގަވަނިން ބޯޑަކުންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ބޯޑެކެވެ. ބޯޑުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ ރައީސް އޮފީހުންނެވެ. ބޯޑަށް މެމްބަރުން އައްޔަން ކުރާނީ ހަތް އަހަރު ދުވަހަށެވެ.

ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، ގަވަނިން ބޯޑު އެކުލަވާލަން ޖެހެ އެވެ. ބޯޑުގައި އިސްކޮށް ތިއްބަވަނީ ޗެއާޕާސަން އާއި ވައިސް ޗެއާޕާސަންއެކެވެ.

ބޯޑުގެ މެމްބަރުންގެ މުސާރަ ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި ބޯޑުގެ ކޮންމެ ޖަލްސާއަކަށް ވަކި މިންވަރެއްގެ އުޖޫރައެއް ދޭ އުސޫލުން، ނުވަތަ ގާނޫނުން އެ ބޯޑާ ހަވާލުކޮށްފައިވާ ޒިންމާތަކާއި މަސައްކަތްތަކަށް ރިއާޔަތްކޮށް ޕާޓް ޓައިމް އުޖޫރައެއް ދޭ އުސޫލުން ހަމަޖެއްސިދާނެ ކަމަށް ވެސް ބިލްގައިވެ އެވެ.

މަޖިލީހަށް މިއަދު ހުށަހެޅި އެ ބިލްގައި ވަނީ ގަވާނިންގ ބޯޑޫގެ ޒިންމާތަކާއި މަސްއޫލިއަޔްތުތައްވެސް ވަކިން ބަޔާންކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް