ތޮއްޑޫގައި މަރުވި ބިދޭސީ މީހާ، ބަޔަކު މަރާލީ ކަމުގެ އެއްވެސް ހެއްކެއް ނެތް: ފުލުހުން

މާރޗް 23 ވަނަ ދުވަހުގެރޭ އއ. ތޮއްޑޫގައި ބިދޭސީއަކު މަރުވެފައިވާކަމަށް އެދުވަހުގެރޭ 21:50 ހާއިރު އއ. ރަސްދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައިގެ ތަޙުޤީޤުގައި މިހާތަނަށް ބެލި ބެލުމުން އެމީހާ މަރުވެ...

30 Mar 2015 | 06:02

މާރޗް 23 ވަނަ ދުވަހުގެރޭ އއ. ތޮއްޑޫގައި ބިދޭސީއަކު މަރުވެފައިވާކަމަށް އެދުވަހުގެރޭ 21:50 ހާއިރު އއ. ރަސްދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައިގެ ތަޙުޤީޤުގައި މިހާތަނަށް ބެލި ބެލުމުން އެމީހާ މަރުވެފައިވަނީ މީހެއްގެ ފަރާތުން ލިބިފައިވާ އަނިޔާއަކުން ނުވަތަ ބަޔަކު މީހުން ގަސްތުގައި މަރާލި މަރާލުމުންކަން ބުނެވޭނެ ވަރުގެ އެއްވެސް ހެއްކެއް ލިބިފައެއް ނުވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުން ބުނީ މިޙާދިސާގެ މަޢުލޫމާތު 2015 މާރޗް 23 ވަނަ ދުވަހުގެ 21:50 ހާއިރު އއ. ތޮއްޑޫ ކައުންސިލްގެ ފަރާތުން އއ. ރަސްދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުމާއެކު ރަސްދޫގައި މަސައްކަތްކުރާ ފުލުހުންގެ ޓީމެއް ތޮއްޑުއަށްގޮސް މައްސަލައިގެ މަޢުލޫމާތު ހޯދައި މައްސަލަ ތަޙުޤީޤު ކުރަން ފެށި ކަމަށެވެ.

އަދި މިމައްސަލަ އަކީ މަރުގެ މައްސަލައަކަށް ވެފައި އިތުރަށް ބަލަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން އެސީނަށް ދިޔަ، ރަސްދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނަށް އެނގުމާއެކު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާ ފޮރެންސިކް ސަރވިސަސް ޑައިރެކްޓްރޭޓް އަދި ރަސްދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުން ހިމެނޭގޮތުން ޚާއްޞަ ތަޙުޤީޤު ޓީމެއް އެކުލަވާލައި އެޓީމު ތޮއްޑުއަށްގޮސް މައްސަލައިގެ ޚާއްޞަ ތަޙްޤީޤު މަސައްކަތްތަކެއް ވަނީ ކޮށްފައި ވާކަމަށްވެސް ފުލުހުން ބުނެ އެވެ.

"މިގޮތުން މި މައްސަލައާއި ގުޅުންހުރި އަދި ހުރެދާނެކަމަށް ބެލެވޭ ދިވެހިންނާ ތޮއްޑޫގައި މަސައްކަތްކުރާ ގިނަ ޢަދަދެއްގެ ބިދޭސީން ހާޒިރުކޮށް ސުވާލުކޮށް ގިނަ ބައެއްގެ ތަޙުޤީޤު ބަޔާން ވަނީ ނެގިފަ،މީގެ އިތުރުން މިމައްސަލައިގެ ތަޙުޤީޤަށް ބޭނުންވާ ތަންތަން ބަލައި ފާސްކޮށް މަރުވެފައިވާ މީހާގެ ހަށިގަނޑުންނާ މަރުވެފައިވާ މީހާ އޮތްތަނުންނާ އޭނާ ދިރިއުޅޭ ތަނުން ލިބެންހުރި މާއްދީ ހެއްކާއި ޤަރީނާ އަށްފުދޭ ތަކެތި ނަގައި ފޮރެންސިކް ތަޙުލީލުތައް މިދަނީ ކުރަމުން" ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށްބުނީ ބަނގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ކާޒީ ބިލާލް މިއާ މަރުވެފައިވަނީ ލިބިފައިވާ ނުވަތަ ކޮށްފައިވާ އަނިޔާއަކުން ނޫންކަމަށާއި އަދި އޭނާގެ މަރުގެ ޙާދިސާއަކީ ބަޔަކު މީހުން ގަސްތުގައި އޭނާ މަރާލަން ހިންގާފައިވާ ޢަމަލެއް ކަމަށް ބެލެވެން ނެތްކަންވެސް ތަޙުޤީޤަށް މިހާތަނަށް ކުރެވުނު މަސައްކަތުން އެނގިފައިވާކަމަށެވެ. އަދި މިމައްސަލައިގެ ތަޙުޤީޤު މިހާ ހިސާބަށް ބޭނުންވާ މަޢުލޫމާތު ނެގިފައިވުމާއެކު އޭނާގެ ހަށިގަނޑު ޢާއިލާ އާއި ޙަވާލުކުރުމަށް 29 މާރޗް 2015 ވަނަ ދުވަހުގެރޭ ބަނގްލަދޭޝް އަށް ފޮނުވާލާފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް