ކިޑްނީ ބަލީގެ މައްސަލަތައް އަންނަނީ ދިވެހި މުޖުތަމަޢުގައި ވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އުމުރުން ދުވަސްވީ ވަރަށް ގިނަ ބޭފުޅުންނާއި ޒުވާނުންގެ ތެރޭގައި ވެސް، ދުވަސްވީ ކިޑްނީ ބަލީ(Chronic Kidney Disease / CKD) ގެ އުދަނގޫ ތަހައްމަލުކުރަމުން ގެންދާ މީހުން އުޅެއެވެ. ކޮންމެ އަހަރަކު ކިޑްނީ ބަލިތައް ޖެހިގެން އެތައް ބަޔަކު ދުނިޔެ ދޫކުރެއެވެ. ކިޑްނީ ބަލީގެ އަސާސީ ފަރުވާގައި ދެވޭ ޑަޔަލިސިސް ހެދުމާއި، ކިޑްނީ ޓްރާންޕްލާންޓޭޝަން އަކީ ފަގީރު ގައުމުތަކުގައި އާންމުން އަތްފޯރާވަރަށްވުރެ އަގާއި ޚަރަދު ބޮޑު، އަދި ސަރުކާރުތަކާއި ދައުލަތްތަކުގެ ބަޖެޓަށް މާލީގޮތުން ބާރުބޮޑުވެގެންދާ ޚިދުމަތްތަކަށްވުމުގެ ނަތީޖާއަކީ ގިނަ ބަޔަކު ކިޑްނީ ބަލިތަކުގައި މަރުވެ ދިއުމެވެ.
ދުވަސްވީ ކިޑްނީގެ ބައްޔަކީ ކޮބާ؟
ކިޑްނީގެ ބައްޔޭ ބުނުމުން ވަރަށް ގިނަ ބަލިތަކެއް އޭގައި ހިމެނިދާނެ އެވެ. އެގޮތުން ކިޑްނީގެ ބަލިތަކުގެ ތެރޭގައި ހިމެނޭ ބައެއް ބަލިތަކުގެ ތެރޭގައި ކިޑްނީ(ގުރުދާ) ދުޅަވުން، ކުޑަކަމުދާ ނިޒާމްގައި ޖަރާސީމް އެޅުން، ކިޑްނީގައި ހިލައުފެދުން، އަދި ކިޑްނީ ފޭލްވުން ފަދަ ބަލިތައް ހިމެނެއެވެ.
ދުވަސްވީ ކިޑްނީގެ ބައްޔަ(CKD)ކީ 3 މަސް ދުވަހަށް ނުވަތަ އެއަށްވުރެ ދިގުމުއްދަތަކަށް ކިޑްނީގެ މަސައްކަތްކުރުން ދަށްވުން، ނުވަތަ ކިޑްނީއަށް ގެއްލުން ލިބިފައި ހުރުމެވެ. ވަކި މިންވަރަކަށްވުރެ ކިޑްނީގެ މަސައްކަތް ދަށަށް ދިއުމުން، ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކުރުމަށް ކިޑްނީ ނުކުޅެދެއެވެ. މިހާލަތަށް ކިޔަނީ "ކިޑްނީ ފޭލްވުމެވެ".
ކިޑްނީ ފޭލްވުމުން ސަލާމަތްކޮށްދޭ ދެ އިޚްތިޔާރަކީ:-
- ޑަޔަލިސިސް ހެދުން : މިއީ ވަރަށް ތަހައްމަލުކުރަން އުދަނގޫ ކަމެކެވެ.
- ކިޑްނީ ޓްރާންސްޕްލާންޓް ކުރުން : ކިޑްނީ އެއް ހޯދުމަކީ އުދަނގޫ ކަމެކެވެ. ދުވަސްވީ ކިޑްނީގެ ބައްޔަކީ އާންމު، ފުރާނައަށް ނުރައްކާވާ، ނަމަވެސް ފަރުވާކުރެވިދާނެ ބައްޔެކެވެ. މިއީ ބޭސްކޮށްގެން އެއްކޮށް ރަގަޅުކުރެވޭނެ ބައްޔެއް ނޫނެވެ. ނަމަވެސް ކުރީކޮޅުގައި ދެނެގަނެވިއްޖެނަމަ، ބަލިމީހާގެ ހާލަތު، އިތުރަށް ގޯސްވެގެން ދިއުން ކުޑަކުރެވިދާނެ އެވެ. ކިޑްނީ ބަލި އުފަންވެގެން އައުމަކީ އެމީހެއްގެ މުޅި ދިރިއުޅުން އެކަމުގައި ވޭތިކުރަންޖެހޭ، ކަމެކެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ބަލައިގެން އުޅެންޖެހޭ ކަމެކެވެ. ދުވަސްވީ ކިޑްނީގެ ބަލި ހުރުމަކީ އެކަމުގެ ސަބަބުން އެހެން ބަލިތަކަށް މަގުފަހިކުރުވައި، އެކަންކަން އިތުރަށް ގޯސްކުރުވައި، އަވަހަށް މަރުވުން، އަދި ނުކުޅެދުންތެރިކަން މެދުވެރިކޮށްފާނެ ކަމެކެވެ. ކުރީކޮޅުގައި ބަލި ދެނެ ނުގަނެވިއްޖެނަމަ، ކިޑްނީ ފޭލްވެ، ޑަޔަލިސިސްހެދުން ނުވަތަ ކިޑްނީ ޓްރާންޕްލާންޓޭޝަން ހަދަން ޖެހިދާނެ އެވެ.
ކިޑްނީގެ ބަލި ޖެހެނީ ކޮންބަޔަކަށް؟
- ދުނިޔޭގެ އާބާދީގެ % 10 މީހުންނަކީ ކިޑްނީ ބަލީގެ މީހުންނެވެ. މާނައަކީ ދުނިޔޭގެ އާބާދީގެ ކޮންމެ 10 މީހުންގެ ތެރެއިން އެކަކީ ދުވަސްވީ ކިޑްނީ ބަލީގެ އަހުލުވެރިއެކެވެ.
- ކޮންމެ އުމުރެއްގެ ކޮންމެ ނަސްލެއްގެ މީހަކަށް ވެސް ކިޑްނީ ބަލިޖެހިދާނެ އެވެ.
- ދުނިޔޭގެ އާބާދީގެ 75 އަހަރުން މަތީ އުމުރުގެ ½ މީހުންނަށް ކޮންމެ ވެސް މިންވަރަކަށް ވިޔަސް ކިޑްނީ ބަލިތައް ކުރިމަތިވެފައިވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ.
- ދުނިޔޭގެ އާބާދީގެ އުމުރުން 74-65 އަހަރާ ދެމެދުގެ އުމުރުގެ ކޮންމެ 5 ފިރިހެނުންގެ ތެރެއިން 1 އަދި ކޮންމެ 4 އަންހެނުންގެ ތެރެއިން އެކަކީ ކިޑްނީ ބަލީގެ މީހެކެވެ.
- ބޮޑެތި މީހުންނަށް ކިޑްނީގެ ބަލިތައް ޖެހޭ މައިގަނޑު ދެސަބަބަކީ ހަކުރު ބައްޔާއި، ލޭމައްޗަށްދިއުންކަން ފާހަގަ ކުރެވެއެވެ.
ތިބާ އަކީ ކިޑްނީ ބަލިޖެހުމުގެ ފުރުޞަތު އޮތް މީހެއްތަ؟
ކިޑްނީ ގެ ބަލިތައް ޖެހުމަށް މަގުފަހިކުރާ ކަންތައްތަކެއް ހުރެއެވެ. އެގޮތުން ފާހަގަ ކުރެވޭ ކަންތައްތަކުގެ ތެރޭގައި:-
- ލޭމައްޗަށްދިއުން
- ހަކުރު ބަލިޖެހުން ·
- އާއިލާގައި ކިޑްނީ ބަލީގެ މީހަކު ހުރުން ·
- އާދަޔާ ޚިލާފަށް ހަށިގަނޑުގެ ފަލަވެ ބުރަހެލިވުން ·
- ދުންފަތުގެ އިސްތިއުމާލުކުރުން ·
- އުމުރުން 50 އަހަރަށްވުރެ މަތިވުން ·
- އޭޝިޔާ، އެފްރިކާ، ހިސްޕެނިކް ނޫނީ އޮސްޓްރޭލިޔާ ނަސްލުގެ މީހަކަށްވުން މަތީގައި ބަޔާންކުރެވުނު ކަންތައްތަކުގެ ތެރެއިން ކަމެއް ހުރިކަމުގައިވާނަމަ ޑޮކްޓަރެއްގެ ލަފާހޯދުން މުހިއްމެވެ.
ތިބާގެ ދަރިފުޅަށް ކިޑްނީ ބަލިޖެހުމުގެ ފުރުޞަތު އެބައޮތްތަ؟
ކުޑަކުދިންނަށް ވެސް ކިޑްނީގެ ބަލިތައް ޖެހުމުގެ ފުރުޞަތު އޮތްތޯ ބަލަން އެންމެ ފަސޭހަ ގޮތަކީ އެކުދިންގެ ކުޑަކަމު ނަޖިސް ޓެސްޓުކުރުމެވެ. އެގޮތުން އަންނަނިވި ހާލަތްތަކާ، ކަންތައްތައް ދިމާވެފައިވާ ކުދިންނަކީ ކިޑްނީގެ ބަލިތައް ޖެހުމުގެ ފުރުޞަތު އޮތް ކުދިންކަމަށް ބެލިދާނެ އެވެ.
- އާދަޔާ ޚިލާފަށް ފަލަވެ، ބަރުދަން އިތުރުވުން.
- އުނަގަނޑު، އަރިކަށިން ތިރި، ނުވަތަ ދަށްބަނޑުގައި ނުފިލާ ތަދެއް ހުރުން.
- ކުޑަކަމުދާއިރު ތަދުވާތީ އުޅުން، ކުޑަކަމު ނަޖިހަށް ބަދަލުއައިސްފައި ހުރުން، ނުވަތަ ޖަނގިޔަލަށް ކުޑަކަމުދެވިފައި ހުރުން ·
- ސަބަބު ބަޔާންކޮށްދޭން ނޭނގި ހުންއައުން ·
- ފައިތިލަ، ތަނބިކަށި، ފައި ފޮއްސިވެ ދުޅަވުން ·
- ހެދުނު ހޭލާއިރު ލޮލުގެ ބޮނޑި ދުޅަވެފައި ހުރުން ·
- ދޭތެރެ ދޭތެރެއިން ހަށިގަނޑުން ފެންމަދުވުމުގެ މައްސަލަ ކުރިމަތިވުން ·
- އާއިލާގައި ކިޑްނީގެ ބަލި ޖެހިފައިވާ މީހަކު ހުރުން
މީގެ އިތުރުން އަންނަނިވި ޞިއްޙީ މައްސަލަތަކުގެ ތެރެއިން މައްސަލައެއް ހުންނަ ކުދިންނަކީ ވެސް ކިޑްނީގެ ބަލިތައް ޖެހުމުގެ ފުރުޞަތު އޮތް ކުދިންކަމަށް ބެލިދާނެ އެވެ.
- ކުއްޖާގެ އުމުރާ އަޅާބަލާއިރު މާކުޑަވުން / ނުވަތަ ދުވަސްނުފުރާ އުފަންވެފައިވުން ·
- ހެދިބޮޑުވުމުގައި މައްސަލަ ހުރުން ·
- ހަކުރު ބަލި ހުރުން ·
- ލޭމައްޗަށް ދިއުން ·
- ރިކެޓްސް ޖެހުން (ވިޓަމިން ޑީ މަދުވެ، ކަށިތައް މަޑުވާ ބައްޔެއް)
- ދުންފަތުގެ ދުމަށް ހުށަހެޅުން ·
- އާއިލާގެ ތެރޭގައި ދައުރުވާ އެހެން ބައްޔެއްހުރުން : މިސާލަކަށް ކިޑްނީގައި ވައިކޮތަޅު އުފައްދާ ބަލި، އަލްބޯރޓް ސިންޑްރޯމް، ހިތުގެ ބައްޔެއް ހުރުން
ދިވެހިންގެ ދިރިއުޅުމުގައި ހުރި ކިޑްނީގެ ބަލިތަކަށް މަގުފަހިކުރާ އާދަތައް ·
- ދުންފަތުގެ އިސްތިއުމާލުކުރުން : ސިގިރޭޓް، ސުއްޓާ ބުއިން، ގުޑުގުޑާ ބުއިން.
- ދުފުން : ދުންފަތް ލައިގެން ދުފުން ·
- ކެއުމުގައި ތެލާއި، ސަރުބީ، އެކުލެވޭ ކާނާ މާގިނައިން ބޭނުންކުރުން.
- ކެއުމުގައި ލޮނު މާގިނައިން ބޭނުންކުރުން ·
- ޖަންކް ފުޑްސް މާގިނައިން ބޭނުންކުރުން ·
- އެކަށޭނަ ވަރަށް ކަސްރަތު ނުކުރުން އަދި ހެލިފެލިވެ ނޫޅުން ·
- އެކަށޭނަ މިންވަރަށް ދިޔާތަކެތި ނުބުއިން ·
- ފިޒީ ޑްރިންކްސް ، އެނާރޖީ ޑްރިންކްސް ފަދަ ބުއިންތައް މާގިނައިން ބޭނުންކުރުން ·
- އަމިއްލައަށް ބޭސްނަގައިގެން ބޭނުންކުރުން .
ދުވަސްވީ ކިޑްނީގެ ބަލި ދެނެގަންނާނީ ކިހިނެއް؟
ކިޑްނީގެ ބަލީގެ ކުރީކޮޅު އެއްވެސް އަލާމާތެއް، އުދަނގުލެއް ފާހަގަނުވެ ހިނގައިދާނެއެވެ. ގިނަ ފަހަރު އުދަނގުލެއް ފެންނައިރު ހުންނާނީ ކިޑްނީ މަސައްކަތުގެ %90 ހަލާކުވެގެން ގޮސްފައެވެ. ނުވަތަ ކިޑްނީގެ ބޮޑުބައެއް ހަލާކުވެގެން ގޮސްފައެވެ. ކިޑްނީގެ ތަފާތު ބަލިތައް ހުރުމާއެކު، އެކި ބައްޔަށް ކުރާ ޓެސްޓުތައް ތަފާތުވުމަކީ ވެދާނެ ގޮތެކެވެ. ކިޑްނީގެ ބަލިތައް ޚާއްޞަކޮށް ކިޑްނީ ފޭލްވުން ފަދަ ކަންތައްތައް ވަރަށް ފަސޭހައިން ދެނެގަނެވިދާނެއެވެ.
- ކުޑަކަމު ނަޖިހުގައި ޕްރޮޓީން ހުރިތޯ ބެލުން.
- ލޭގައި "ކްރިއެޓިނިން" ހުރި މިންވަރު ބެލުން.
ކިޑްނީ ބަލީގެ އަލާމާތްތައް
ކިޑްނީ ބަލީގައި ގިނަ ދުވަސްވުމުން (ދުވަސްވީ ކިޑްނީ ބަލީގައި) ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި: ·
- ފައިގެ ތަބިކަށްޓާވީ ހިސާބު ދުޅަވެ ފޮއްސިވުން / ފައި ފޮއްސިވެ ދުޅަވުން ·
- ވަރުބަލިވުން / ވާޅުވުން (ވަރުބަލިވެ ވާޅުވުން) ·
- ކަންކަމަށް ސަމާލުކަންދޭން ދަތިވުން ·
- ކާހިތްނުވުން / ކާހިތް ކެނޑުން ·
- ކުޑަކަމު ނަޖިހުގައި އާދަޔާ ޚިލާފަށް ފޮނުހުރުން / ކުޑަކަމުނަޖިހުން އާދަޔާ ޚިލާފަށް ފޮނުއެރުން ·
- އެހެނިހެން : ބުރަކަށީގައި ރިހުން، ދަށްބަނޑުގައި ރިހުން، ކުޑަކަމުދާއިރު ތަދުވުން، ލޮލުގެ ބޮނޑި ދުޅަވުން، ގިނަ ދުވަސްތަކެއް ވަންދެން ހުންއައުން
އެނގޭތަ؟ ... ތިބާގެ ކިޑްނީ އިން :- (ކިޑްނީގެ ވަޒީފާ)
ކިޑްނީ އަކީ ކޮންމެ މީހަކަށް ވަރަށް މުހިއްމު ގުނަވަނެކެވެ. ކިޑްނީ ރަގަޅަށް މަސައްކަތް ނުކުރުމަކީ ތިބާގެ ހަށިގަނޑު ނުރައްކަލަކަށް ހުށެޅިފައިވުން ކަމަށް ވެދާނެ އެވެ. ކިޑްނީ އިން ފުރިހަމަކޮށްދޭ މުހިއްމު މަސައްކަތްތައް ތިރީގައި މިވަނީ އެވެ.
- ހަށިގަނޑުގައި ކުޑަކަމުނަޖިސް އުފައްދައިދިނުން ·
- ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދިނުން ·
- ކަށިތައް ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް އެހީތެރިވެދިނުން ·
- ލޭގެ ރަތް ސެލްތައް އުފެއްދުމަށް އެހީތެރިވެދިނުން ·
- ހަށިގަނޑުގައި ހުންނަ މައުދަންތަކުގެ ނިސްބަތް އެއްހަމައެއްގައި ހިފަހައްޓައިދިނުން ·
- ހަށިގަނޑުން ވިހަ މާއްދާތައް ސާފުކޮށް ބޭރުކޮށްދިނުން ·
- ހަށިގަނޑުގައި ފެނާއި، ލޮނުގެ ނިސްބަތް އެއްހަމައެއްގައި ހިފަހައްޓައިދިނުން ·
- ހަށިގަނޑުގައި އުފެދޭ ބޭކާރު ވިހަ މާއްދާތަކާއި، އިތުރުވެފައި ހުންނަ ފެން ހަށިގަނޑުން ބޭރުކޮށްދިނުން ·
- ހަށިގަނޑުގައި ހުންނަ ކެމިކަލްތަކުގެ ނިސްބަތް އެއްހަމައެއްގައި ހިފަހައްޓައިދިނުން ·
- ލޭގެ "އެސިޑް"ގެ ނިސްބަތް ކޮންޓްރޯލްކޮށްދިނުން ·
- ލޭގެ ރަތް ސެލްތައް އުފެއްދުމަށާއި، ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް ބޭނުންވާ ހޯރމޯންތައް އުފައްދައިދިނުން.
ކިޑްނީގެ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކުރުމަށް ކުރެވިދާނެ މުހިއްމު 8 ކަންތައް
ކިޑްނީގެ ބަލިތަކަކީ ނޭނގި ހުއްޓައި ކުއްލިއަކަށް ފުރާނައަށް ނުރައްކާވެ، ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރުކުރުވާ ބަލިތަކެކެވެ. ނަމަވެސް ކިޑްނީގެ ބަލިތައް އުފަންވެގެން އައުމުގެ ފުރުޞަތު ކުޑަކުރެވިދާނެ ތަފާތު ގޮތްތައް ހުރެއެވެ. އެގޮތުން ކިޑްނީގެ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކުރުމަށް އަމަލުކުރެވިދާނެ "ރަނެއްފަދަ 8 އުސޫލް" ތިރީގައި މިވަނީ އެވެ.
- ހަށިގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ކަސްރަތުކޮށް ހެލިފެލިވެ(ހަރަކާތްތެރިވެ) އުޅޭށެވެ.
- ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލްގައި ބެހެއްޓޭތޯ ބަލާށެވެ.
- ލޭގެ ޕްރެޝަރު ގަވާއިދުން ބަލަމުން ގެންދާށެވެ.
- ފައިދާހުރި ކާނާ ބޭނުންކުރުމާއެކު، ބަރުދަން އެކަށޭނަ ވަރެއްގައި ހިފެހެއްޓޭތޯ ބަލާށެވެ.
- ހަށިގަނޑަށް ފައިދާހުރި ދިޔާތަކެތި ބޭނުންކުރުމަށް އިސްކަން ދޭށެވެ.
- ދުންފަތުގެ އިސްތިއުމާލު ނުކުރާށެވެ.
- އަބަދު އަމިއްލައަށް ބޭސް ނަގައިގެން ބޭނުން ނުކުރާށެވެ.
- އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ހުރިނަމަ "ކިޑްނީގެ ބައްޔެއް ހުރިތޯ" ބެލުމަށް ޓެސްޓުކުރާށެވެ
- ހަކުރު ބަލި ހުރުން
- ލޭމައްޗަށްދިއުން
- ހަށިގަނޑު ބުރަހެލިވެ ފަލަވުން
- އާއިލާގައި ކިޑްނީ ބަލީގެ މީހަކު ހުރުން
- އޭޝިޔާ، އެފްރިކާ، ހިސްޕެނިކް، އޮސްޓްރޭލިޔާ ނަސްލުގެ މީހަކަށްވުން
ކިޑްނީގެ ބަލިތަކުން ރައްކާތެރިވުން
ކިޑްނީގެ ބަލިތަކުން ރައްކާތެރިވުމަށް އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދިނުން މުހިއްމެވެ. ·
- ގަވާއިދުން ކަސްރަތުކުރުން ·
- ހެލިފެލިވެއުޅޭ ހަރަކާތްތެރި ދިރިއުޅުމެއް ޚިޔާރުކުރުން ·
- ލޭމައްޗަށްދާތީ ޑޮކްޓަރ ދީފައި ހުންނަ ބޭސް ގަވާއިދުން ބޭނުންކުރުން ·
- ހަކުރު ބައްޔަށް ޑޮކްޓަރ ދީފައި ހުންނަ ބޭސް ގަވާއިދުން ބޭނުންކުރުން ·
- ލޭގެ ޕްރެޝަރ ކޮންޓްރޯލް ގައި ބެހެއްޓުން ·
- ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލް ގައި ބެހެއްޓުން ·
- ލޭގެ ޕްރެޝަރު ގަވާއިދުން ބަލަމުން ގެންދިއުން ·
- ލޭގެ ހަކުރުގެ މިންވަރު ގަވާއިދުން ބަލަމުން ގެންދިއުން ·
- ހަށިގަނޑުން ބަރުދަން އެއްވަރެއްގައި ބެހެއްޓޭތޯ ބެލުން ·
- ހަށިގަނޑަށް ފައިދާހުރި ކާނާ ޚިޔާރު ކުރުން ·
- މޭވާއާއި ތަރުކާރީގެ ބާވަތްތައް ކެއުމުގައި ހިމެނުން ·
- ކެއުމުގައި ލޮނު ބޭނުންކުރުން މަދުކުރުން ·
- ކެއުމުގައި ތެލާއި، ސަރުބީ ބޭނުންކުރުން މަދުކުރުން ·
- ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުން ·
- ހަށިގަނޑަށް ފައިދާހުރި ދިޔާތަކެތި ބުއިމަށް އާދަކުރުން ·
- އެކަށޭނަ މިންވަރަށް ފެން ބޭނުންކުރުން ·
- އެނާރޖީ ޑްރިންކްސް، ފިޒީ ޑްރިނކްސް ފަދަ ބުއިންތައް ބޭނުން ކުރުމުން ދުރުހެލިވުން ·
- އަމިއްލައަށް ބޭސް ނެގުމުގެ އާދަ ދޫކޮށްލުން.
ކިޑްނީ ދުވަސް
ދުނިޔޭގެ ކިޑްނީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މާރިޗު މަހުގެ ދެވަނަ ބުރާސްފަތި ދުވަހެވެ. އެގޮތުން މިއަހަރުގެ ކިޑްނީ ދުވަހަކީ 12 މާރިޗު އެވެ. ކޮންމެ އަހަރަކު ކިޑްނީ ދުވަސް ފާހަގަ ކުރުމަށް ޝިއާރެއް ކަނޑައަޅައެވެ. މިއަހަރު ކިޑްނީ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ކިޑްނީގެ ދުޅަހެޔޮކަން އެންމެނަށް" މިއެވެ. މި ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ ކިޑްނީގެ މުހިއްމުކަން އާންމުންނަށް އަންގައިދިނުމާއި، ކިޑްނީގެ ބަލިތަކަށް އާންމުން ހޭލުންތެރިކޮށް، އެފަދަ ބަލިތަކުން ކުރިމަތިވާ މައްސަލަތައް ކުޑަކޮށް، އެބަލިތަކުން ރައްކާތެރިވުމަށް އާންމުންނަށް ބާރުއެޅުމެވެ. ދުނިޔޭގެ ކިޑްނީ ދުވަސް ފުރަތަ ފަހަރަށް ބައިނަލް އަގުވާމީ ފެންވަރެއްގައި ފާހަގަކޮށްފައިވަނީ 2006 ވަނަ އަހަރު އެވެ. މިދުވަސް ފާހަގަ ކުރަން ފެށީ "އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ކިޑްނީ ފައުންޑޭޝަން" އާއި، "އިންޓަނޭޝަނަލް ސޮސައިޓީ ފޮރ ނެފްރޮލޮޖީ"ގެ އިސްނެގުމަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް