މި ސަރުކާރުގެ ކެބިނެޓުން ޖާގަ ލިބުމަކީ ލިބުނު މަތިވެރި އުފަލަކާއި ޝަރަފެއް ކަމުގައި ވަޒީރުކަމުން ދުރުކޮށްފައިވާ ފައިސަލް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ފައިސަލް ވިދާޅުވެފައިވަނީ ދިވެހި ގައުމަށާއި ދިވެހި ރާއްޖޭގެ ޓޫރިޒަމަށް ޚިދުމަތް ކުރާން އަޅުގަނޑަށް ފުރުޞަތު ދެއްވި ކަމައްޓަކައި އިހުލާސްތެރި ކަމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާ ކުރައްވާކަމަށެވެ.
"ވޭތުވެ ދިޔަ ތަނުގައި، އަޅުގަނޑާ ހަވާލު ކުރެއްވި މަސައްކަތް އަޅުގަނޑު އަދާ ކޮށްފައި ވާނީ ޝައުގުވެރިކަމާއި އިޙްލާސްތެރި ކަމާއެކު ތެދުވެރިވެ ހުރެ، އަޅުގަނޑު ޤާބިލިއްޔަތު ތަންދިން އެންމެ އުސް ދަރަޖައިގައި ވަރުބަލި ނުވެ، އަޅުގަނޑާ ހަވާލު ކުރެއްވި ޓޫރިޒަމްގެ އަމާޒުތަކަށް ވާސިލުވާން މަސައްކަތްކޮށްފައި ވާނީ ދިވެހިރައްޔިތުންނާއި ގާތުންނާއި ބަދަލުވަމުންދާ ދުނިޔޭގެ ފަތުވެރިކަމަށް ބަލައިގެން" ފައިސަލް ވިދާޅުވެފައިވެއެވެ.
އެ ޕޯސްޓްގައި ފައިސަލް ފާހަގަކުރައްވާފައިވާގޮތުގައި ދިވެހި ސަރުކާރުން މިދިއަ އަހަރަށް ކަނޑައެޅި މައިގަނޑު އަމާޒު، ދެ މިލިއަން ޓޫރިސްޓުންގެ ލަނޑު ދަނޑިއަށް ވާސިލު ވެވުނެވެ. އެއީ ދިވެހިންގެ ހަޔާތުގައި ތާރީޚީ އުފަލަކާއި ބޮޑު ކާމިޔާބީއެކެވެ. އެ އުފާ ދިވެހި ސަރުކާރާއި ރައްޔިތުނަށް ހޯދައި ދޭން އަޅުގަނޑަށް އުޅެވުނީ ޓޫރިޒަމް އިންޑިސްޓްރީގެ އަޑު އަހައިގެނެވެ. ދިވެހި ރައްޔިތުން ފަރާތުންގެ އައި ފާޑުކިޔުން ވެސް ބަލައިގަނެގެނެވެ. ރައްޔިތުން ކީ ފާޑަކީ ކުރިޔަށް ދާން އަޅުގަނޑަށް ލިބުނު ގަދަ ހިތްވަރަކަށްވި އެވެ.
"ދިވެހި ސަރުކާރާއެކު ދިވެހި ގައުމަށް އަޅުގަނޑު ޚިދުމަތް ކުރި އިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި އެ މަނިކުފާނުގެ ވަޒީރުންގެ މަޖިލީހާއި ޓޫރިޒަމް މިނިސްޓަރީގެ ސިޔާސީ މުވައްޒަފުންނާއި ސިވިލްސާވިސް މުވައްޒަފުންގެ ފަރާތުން އަޅުގަނޑަށް އެއްބާރުލުން ދީފައި ވަނީ ނުހަނު ބޮޑަށް، އެ ހުރިހާ ފަރާތްތަކަށް އަޅުގަނޑުގެ ހިތުގައި އޮތީ ލޯތްބާއި ޝުކުރު" ފައިސަލް ވިދާޅުވެފައިވެއެވެ.
ފައިސަލް ފާހަގަކުރައްވާފައިވާގޮތުގައި ޓޫރިޒަމް އިންޑަސްޓްރީ އާއި އެ އިންޑަސްޓްރީގައި ހިމެނޭ މަޓީ، މަޓާޓޯ އަދި ގެސްޓް ހައުސް އެސޯސިއޭޝަނާއި އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް، ދެއްވެވި އެއްބާރުލުމަކީ ގަދަ ބާރަކަށްވި އެވެ. އެ ފަރާތްތާމެދު އަޅުގަނޑުގެ ހިތުގެ ފުނުގައި އޮތް ޝުކުރާއި ލޯބި ބޮޑެވެ. އެއީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަނާއި އެތާނގެ ވެރިންނާއި މުވައްޒަފުން ހިމެނޭ ގޮތުން އުފެދިފައި އޮތް ލޯތްބެކެވެ.
ދިވެހި ޓޫރިޒަމް އެހެން ހަރުފަތަކަށް ގެންދާން ޖެހޭކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވެފައިވަނީ އެކަމަށް މިހާރު ދިވެހިން އަޅާންޖެހޭ އެންމެ ބޮޑު ފިޔަވަޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަރަށް ބޮޑު ޝައުގުވެރި ކަމެއް އޮތް ފިޔަވަޅުތަކެއް ކަމަށާއި އެއީ ޓޫރިޒަމްގެ ފަހި ފުރުސަތުތައް ޒުވާނުންނަށް ހޯދައިދީ، އިންވެސްޓްކޮށް ޒުވާނުންގެ ބައިވެރިވުމާއެކު ދިވެހި ޓޫރިޒަމް ދިވެހިންގެ އަތް މައްޗަށް ގެނައުން ކަމަށެވެ. އަދި އިތުރު އެނދު ތަރައްގީ ކުރާނެ ފަންޑު ހޯދައި ދިނުމާއެކު ފަސޭހަ ފަހި މާހައުލެއް ޒުވާނުންނަށް އުފައްދައި ދިނުން ކަމަށެވެ.
"ކުޑަ އިންޓްރަސްޓެއްގައި ލޯނު ދިނުމާއި ޓޫރިޒަމް ނެތް ދިމަ ދިމާއަށް ލުއިތައް ހޯދައިދީ ކަނެކްޓިވިޓީ އިތުރު ކުރާން ޖެހެ އެވެ. ލ. ހުޅިމެންދޫގައި ތަރައްގީ ކުރާން ނިންމާފައިވާ ޓޫރިޒަމް ޓްރޭނިން ސްކޫލްގެ އުފެދި ތަރައްގީވާން ޖެހޭ، ޒަމާންވެ ނުހެދި، ސިމެންތިއަށް ވެފައިވާ ރަށްތަކުގެ ވެރިންނާ ވާހަކަ ދައްކައި މާކެޓަށް ނެރެވޭނެ ގޮތް ހޯދައިދޭން ޖެހޭ، މިކަން ކަން ވެގެން ދިއުމަކީ އަޅުގަނޑު ދެކޭން ބޭނުންވާ ތަން" ފައިސަލް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވެފައިވަނީ ޓޫރިޒަމަކީ ރާއްޖޭގެ ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ވައްދައިދޭ އިންޑަސްޓްރީ އެއް ކަމަށާއި އެ އިންޑަސްޓްރީ ފުޅާކޮށް ޒަމާނީ ކުރުމާއެކު މާކެޓްކޮށް އެކްސްޕްލޯ ކުރުމަށް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން ދީފައި އޮންނަ ބެޖެޓް 25 މިލިއަނާއި 50 މިލިއަން ޑޮލަރު ދެމެދުގެ އަދަދަކަށް ބަދަލުވާންޖެހެ އެވެ. އެކަން ބަދަލުވެ އެ ބަޖެޓް ބޮޑުވާން ޖެހެ އެވެ.
ޓޫރިޒަމާމެދު މެދުރާސްތާގެ ތަސައްވުރެއް އޮތްކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވެފައިވަނީ އެއީ މީގެ 15 އަހަރު ފަހުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި 6،000 އާއި 8،000 އާ ދެމެދު އެނދު އުފައްދާ ބައިނަލްއަޤުވާމީ އެއާޕޯޓްތަކާއެކު ޝެޑިއުލް ފްލައިޓްތައް އަޅާން ފަށައި ދިވެހި ޓޫރިޒަމް ފުޅާ ވުން ކަމަށާއި ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރޫޒް މެރީނާ ހަދައި ކްރޫޒްލައިނާތަކަށް ޖާގަ ހޯދައި ދިނުމާއެކު ޓޫރިޒަމް ސިންދަފާތުކޮށް މެޑިކަލް ޓޫރިޒަމާއި ސްޕޯޓް ޓޫރިމާއި ހެރިޓޭޖް ޓޫރިޒަމް ފުޅާ ޖާގަ ހޯދައި ދިނުންކަމަށެވެ.
ދިވެހި ގައުމަށް ޚިދުމަތް ކުރުމަކީ އަބަދުވެސް ލިބޭ ބޮޑު އުފަލެއްކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވެފައިވަނީ އެއީ ދެކޭ އެންމެ ބޮޑު ހުވަފެން ކަމަށެވެ. އަދި އޭނާ އަދާ ކުރަން ޖެހޭ އެންމެ ބޮޑު ގައުމީ ވާޖިބުވެސް ކަމަށެވެ.ދިވެހި ގައުމާއި، ރާއްޖޭގެ، ޓޫރިޒަމަށް ފެހި ކަމާއި އާރޯ ކަން ލިބިލިބި ހުރުން އެދިލައްވާކަމުގައިވެސް ފައިސަލް ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް