ނޫރާ މާޔޫސް ވާގޮތްވިއެވެ. އެއީ މީގެ ކުރިން ނޫރާގެ މަންމަ ކަންތައް ކުރިގޮތެއް ނޫނެވެ. މިއަށްވުރެ ވިއްސާރަދުވަސް ދުވަހުވެސް ނޫރާބަލާ އޭނާގެ މަންމަ އާދެއެވެ. އެކަމަކު މިއަދު ނޫރާކައިރީ ބުނެލުމެއްނެތި، ލަޔާލް އާ ނޫރާ ގެންދަން ހަވާލުކޮށްފާނެކަމަށް ޤަބޫލުކުރަން އޭނާއަށް ދަތިވަނީއެވެ.
ނޫރާ އެކަނި ގެޔަށް ހިނގައްޖެއްޔާ ނޫރާގެ މައިންބަފައިން އިންތިހާއަށް ދެރަވާނެކަން އޭނާއަށް އެނގެއެވެ. އެހެންނޫނަސް ލަޔާލްއާ އެކު ގެޔަށް ދިއުމަކުން މައްސަލައެއް ނޫންތާއެވެ. ލަޔާލްއަކީ ދުރުމީހެއް ނޫންވިއްޔާއެވެ. ނޫރާ އޭނާގެ އަމިއްލަ ނަފްސަށް ވިސްނައިދިނުމަށްފަހު، ލަޔާލް އާދޭސްކުރަން ފެށުމުން ލަޔާލްއާ އެކު ގެއަށްދިއުމަށް ނޫރާ ނިންމިއެވެ.
މަގުގައި ދެކޮޅަށް ދުއްވަމުންދާ ދުއްވާ އެއްޗިހީގެ އަދަދު އިންތިހާއަށް އިތުރު ވަގުތެކެވެ. ސްކޫލުތަކުން ކުދިން ނިމޭ ގަޑިއަށްވެފައި ވިއްސާރަކޮށް އޮތުމުންނެވެ. ދެކޮޅަށް ދުއްވަމުންދާ ވެހިކަލް ތަކުގެ ތެރެއިން މަގު ހުރަސްކުރުން އެހާ ފަސޭހަ ނުވާނެކަން ނުރާއަށް އެނގެއެވެ.
''ހިނގާ މިދިމާއިން .......... އެކޮޅުން ހުރަސްކުރަން ވެއްޖެއްޔާ ތެމޭއިރުވެސް ކާރާ ހަމައަށް ނާދެވޭނެ އެއްނު؟.........'' ލަޔާލް އިޝާރާތް ކުރީ މަގުގެ އަނެއްފަޅީގައި އޮތް އޭނާގެ ކާރާދިމާއަށެވެ. މަގު ހުރަސްކުރާ ސަރަހައްދު އޮތްލެއް ދުރުކަމުން ލަޔާލް ބޭނުންވީ އެމީހުންތިބި ދިމާއިން ހުރަސްކުރާށެވެ. އެއީ ގިނަ ދިވެހިންގެ އާދައެވެ. ޤަވާއިދު އޮތްތަނުގައި ބާއްވާފައި އުޅެންބޭނުންވަނީ ފަސޭހަ ގޮތަކަށެވެ.
ނޫރާވެސް ލަސްކުރާކަށް ބޭނުމެއް ނޫނެވެ. އެހެންކަމުން ހެދުން ކުޑަކޮށް ހިއްލާލުމަށްފަހު އެއްއަތުން ގަޔާލާ ހެދުން ހިފަހައްޓާލިއެވެ. އަނެއްއަތުން ކުޑައިގައި ހިފަހައްޓާލަމުން ، ތަންވަޅުބަލާ، ކުރިއަށް ހިނގައިތަގެވެ. ޖެހެމުންދިޔަ ގަދަ ވަޔާއެކު، ކުޑަހިފައިގެންހުރެ މަގު ހުރަސްކުރުން ނޫރާއަށް އެހާ ފަސޭހަ ކަމަކަށް ނުވިއެވެ.
''އަހަރެން ކުޑަ ހިފަހައްޓައިދެންތަ...........'' ލަޔާލް ކުރިއަށް ޖެހިފައި ނޫރާ ހިފަހައްޓައިގެންހުރި ކުޑައިގައި ހިފަން އަތްދިއްކޮއްލިއެވެ.
''ނޫން.......އޯކޭއޭ........ '' ނޫރާ ކުޑަ ދުރަށް ޖައްސާލަމުން ލަޔާލްއާ ފޭއަށް ޖެހިލިއެވެ.
''ތިޔޮއްބޮޑު ހެދުން ބޮނޑިކުރަމުން، ދަބަހުގަ ހިފަހައްޓަމުން، ކިހިނެއް މިހާ ވައިބާރު އިރު.......... އުނަދގޫވާނެތީއޭ މިބުނީ........ ތިއުޅެނީ ކުޑަވެސް ހިފަހައްޓާ ނުލެވިގެން........ ވާރޭ ބޯކޮއްލުމުގެ ކުރިން ކާރާ ހަމައަށް ދެވޭތޯ ބަލަންވާނެ އެއްނު........'' ލަޔާލް ބުނެލިއެވެ. ނުތެމި ކާރާހަމައަށް ދާން ލަޔާލް ބޭނުންވާތީއެވެ.
ނޫރާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. އޭނާ އިޚްތިޔާރު ކުރީ ހަމަހިމޭންކަމެވެ. ދުއްވާ އެއްޗިއްސަށް ތަންދެމުން އޭނާ މަޑުމަޑުން ކުރިއަށް ގޮސް، މަގުގެ އަނެއްފަރާތުގައި އޮތް ލަޔާލްގެ ކާރުގެ ފަހަތު ދޮރުފަތް ހުޅުވާލިއެވެ. އޭރު ވާރޭވެސް ކުރިއަށްވުރެ ބޯކޮއްފިއެވެ.
''ހާއި.......ނޫރާ........ '' ފަހަތު ޝީޓްގައި އިން ހަމްޒާގެ އަޑުން ނޫރާއަށް ސިހުން ލިބުނެވެ. ހުޅުވާލައިގެން ހުރި ދޮތުފަތް ލައްޕާލުމަށްފަހު ނޫރާ ފަހަތަށް ޖެހިލިއެވެ. ހީވީ ބިރެއް ފެނިގެން ފަހަތަށް ޖެހިލިހެންނެވެ. ސުވާލުގެ ނަޒަރަކުން ލަޔާލްއާ ދިމާއަށް ނޫރާ ބަލާލިއެވެ.
''ކިހިނެތްވީ...........ދެންވެސް އަރާބަލަ.......... ހަމްޒާ އިނަސް އެއީ މައްސަލައެއް ނޫނޭ......އެއީ އަހަރެންގެ ފްރެންޑެއް.........އެހެންނޫނަސް ހަމްޒާ ނޫޅޭ ނޫރާ ކާލާކަށް..........'' ލަޔާލް ހިނިތުންވެލަމުން ނޫރާ ލައްޕާލި ދޮރުފަތް އަލުން ހުޅުވާލަދިނެވެ.
ނޫރާ އެއްވެސް އެއްޗެކޭ ނުބުނެ ލަޔާލްއާ ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ. ނޫރާގެ ދެލޮލުގައިވަނީ ޝަކުވާއެވެ. ލަޔާލް މިގޮތަށް ނޫރާ ކާރަށް އަރުވަން މަޖްބޫރު ކުރުވާތީ ނޫރާއަށް އެގޮތް ކަމަކު ނުދިޔައެވެ. ނޫރާގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރުތައް ފެންނަންހުއްޓަސް، ލަޔާލް އެކަމާ އަޅައެއް ނުލައެވެ. ކުރިންވެސް މާޔޫސްވެފައިހުރި ނޫރާ އިންތިހާއަށް މާޔޫސްވެ، ދެރަވިޔަސް ލަޔާލްއަށް އެކަން އިހްސާސްވާ ހެނެއް ހިޔެއް ނުވެއެވެ.
''އަހަރެންދާނީ ހިނގާފަ........... ލަޔާލް ދޭ އޭނާ ގޮވައިގެން...........'' ނޫރާ ބޭނުންވީ ވެހެމުންދާ ވާރެއަށް ބެލުމެއްނެތި ހިނގާފައި ގެއަށްދާށެވެ.
''ހިތްހަމަ ނުޖެހުނީތަ............ ހަމައަސްލުވެސް ބޮޑުދައިތަ ބުނެގެނޭ މަ މިއައީ........ އައިމަގުމަތީގަ ހަމްޒާ ގުޅީމަ އޭނާ މި ނެގީ ކެފޭއިން....... ހަމްޒާގެ އިތުރުން އެއުޅޭ އިއްބެ މެންވެސް އެރީމަ، އެމީހުން އޮފީހަށް ވައްޓާލާފަ މިދިމާއަށް މިއައީ ބަންގި ގޮވަންވާއިރަށް............ '' ލަޔާލް ބެލީ ކަންތައްވީގޮތް ނޫރާއަށް އޮޅުންފިލުވައިދޭށެވެ. ނޫރާގެ މިޒާޖް ލަޔާލަށް ރަނގަޅަށް އެނގޭތީއެވެ. ވެހެމުންދާ ބޯވާރޭގައި ތެމިގެން ނޫރާ ގެޔަށް ފޮނުވާކަށް ލަޔާލް ބޭނުމެއް ނޫނެވެ.
''ދެން އަރާބަލަ ނޫރާ........ޕްލީސް.......'' ލަޔާލް އާދޭހާއެކު އެދުނެވެ.
''ނުވެސް ދަންނަ މީހެއްވީމަ........'' ނޫރާ ބަލާލީ ލަޔާލްގެ މޫނަށެވެ. ލަޔާލްގެ މޫނުމަތިން އާދޭހުގެ އަސަރުތައް ނޫރާއަށް ފެނުނެވެ.
''ތި ދެން އެވަރުގެ ކަމެއްތަ ނޫރާ..........ނޫރާއެކޭ ކުޑަކުއްޖެކޭ ތަފާތެއްނެތް.......... އޯކޭ ނޫރާ ނުދަންޏާ އަހަރެން ދަނީ........... އަހަރެން ގޮސް ބޮޑުދައިތަކައިރީ ބުނެފާނަން ނޫރާ ނައޭ އަހަރެން ބުނެބުނެ.........ނިމުނީއެއްނު.........'' ބޮލުގެ އިސްތަށިގަނޑުން ފެންފޮޅަމުން، ދޮރު ހުޅުވާލުމަށްފަހު ލަޔާލް ކާރަށް އެރިއެވެ. އޭނާ ހިތްހަމަ ނުޖެހުނީ ކަން ނޫރާއަށް އެނގުނެވެ.
މިފަހަރުވެސް ގޮތް ދޫކުރަން ނޫރާއަށް މަޖްބޫރުވީއެވެ. ލަޔާލް ހިތްހަމަ ނުޖެހުނީކަން އެނގުމުން ނޫރާ ދެރަވިއެވެ. ވާރޭ ބޯވެ މުޅިހެދުން ތެމި ފޯވިފަހުން ނޫރާ ކާރަށް އަރާ އިށީނެވެ. އޭނާ އިށީނީ ހަމްޒާއާ ވީހާވެސް ދުރުގައެވެ.
ހަމްޒާ ނިކަން ފަރުވާތެރިކަމާއެކު ނޫރާއާދިމާއަށް ބަލާލިއެވެ. ހަމްޒާގެ މޫނުމަތީގައިވަނީ ފަނޑު ހިނިތުންވުމެކެވެ. އެ ހިނިތުންވުމާއެކު ހަމްޒާގެ މޫނުމައްޗަށް ވެރިވި ކުލަވަރާ، އަސަރުތައް ފެނުނީ ހަމައެކަނި ލަޔާލަށެވެ. ކުރިމަތީގައި ހުރި ލޯގަނޑުން ހަމްޒާގެ މޫނަށް ލަޔާލް ބަލާލިއެވެ. ހަމްޒާގެ ހިނިތުންވުމަށް ރައްދުދީ ލަޔާލް ވެސް ހިނިތުންވެލަމުން އެއްބުމަ ހިއްލާލިއެވެ.
އިސްޖަހައިގެން އިންއިރު އެތަނުގައި ބައިންދާފައި އިން ބުދެކޭ ނޫރާއެކޭ އެއްގޮތެވެ. ތެމިފައިވާ ދެއަތްތިލަ މަޑުމަޑުން ތުރުތުރު އަޅަމުން ދިޔުން ފިޔަވާ، އިތުރު އެއްވެސް ހަރަކާތެއް އެހަށިގަނޑިގައި ނެތެވެ. ވާރޭގެ ސަބަބުން ތެމިފައިވާ ރީތި ދިގު އެސްފިޔަތަކަށް ގުޑުމެއްވެސް އަރުވާނުލާ އޭނާ އެއިނީ އެސްފިޔަ ޖަހާލަންވެސް ހަނދާންނެތިފައި ކަހަލައެވެ. އެ ދޮން މޫނަށް ބުރާފައިވާ ފެންތިކިތައް، އެއްތިކި އަނެއްތިއްކާ ގުޅި މަޑުމަޑުން ތިރިޔަށް ސޮހެމުން ދިޔައިރު ނޫރާއަށް އެކަން އިހްސާސްވާހެނެއް ހިޔެއް ނުވެއެވެ.
ލަޔާލް ކާރު ދުއްވާލައިފިއެވެ. ކާރު ތެރެއަށް ވެރިވެފައިވަނީ ހަމަހިމޭން ކަމެވެ. އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ. އެގޮތަށް އިރުކޮޅެއް ވޭތިވުމަށްފަހު ކާރު މަޑުކޮއްފިއެވެ. ނޫރާ އިސްއުފުލާ ބޭރު ބަލާލިއެވެ. ގެއަށް އާދެވުނީ ކަމަށް ހީކޮށެވެ. އެހެނަސް ނޫރާއަށް ފެނުނީ އޭނާގެ ގެ ހުންނަ ހިސާބެއް ނޫނެވެ. ކުރިމަތިން ފެންނަންހުރީ ލަޔާލްގެ ގެއެވެ.
''އަންނާނަން......... އެއްޗިހި ބަދަލުކޮއްލައިގެން..........'' ލަޔާލް ކާރުން ފައިބަމުން ބުނެލިއެވެ. އެއްވެސް މީހެއްގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ހަލުވި ފިޔަވަޅު އަޅަމުންގޮސް، ލަޔާލް ދޮރާށި ހުޅުވާލާފައި އެތެރެއަށް ވަދެގެން ދިޔައީއެވެ.
ނޫރާވެސް ބޭނުންވީ ފައިބާށެވެ. ނުވެސް ދަންނަމީހަކާއެކު މިހެން ކާރުގައި އިންނާކަށް އޭނާ ބޭނުމެއް ނޫނެވެ. އުމުރުން އެކާވީސް އަހަރުވެފައި ހުއްޓަސް ނޫރާ އަދި މިގޮތަށް އެއްވެސް ފިރިހެއް ކުއްޖަކާއެކު އެކަހެރިވެފައެއް ނުވެއެވެ. އެ އުމުރުގެ ހުރިހާ ކުދިން ލޯބީގެ ކުޅިގަނޑު ކުޅޭއިރު ނޫރާ އެހަކަލަ ވިސްނުމެއްވެސް ނުގެންގުޅެއެވެ.
ނޫރާ ފައިބަންވެގެން ދޮރު ހުޅުވާލަން ކޮއްލި ހަރަކާތާއެކު އޭނާ ގަނޑުވިކަހަލައެވެ. ނޫރާގެ ފިނިފިނި އަތުގައި ހަމްޒާ ވަނީ ހިފަހައްޓާފައެވެ. ނޫރާގެ ހިތްތެޅިގަތްގަތީނުން މޭފަޅާފައި ބޭރަށް ނުނިކުތީ ކިރިޔާއެވެ.
ކުއްލިއަކަށް ނޫރާގެ ސިނކުނޑި، އޭނާއަށް ދިނީ މުޅިން ތަފާތު ސިގްނަލެކެވެ. ނޫސްތަކުގެ ސުރުޚީތަކުން ނޫރާއަށްވެސް ފިރިހެނުންގެ ނުބައި ޢަމަލުތަކުގެ ޝިކާރައަށްވާ އަންހެންކުދިންގެ ވާހަކަ ފެނިފައިވެއެވެ. އެފަދަ ހަބަރުތައް އޭނާވެސް ކިޔާފައިވެއެވެ. އެފަދަ ވިސްނުމެއް ނެތްނަމަ ހަމްޒާ އޭނާގެ ގައިގައި އަތް ނުލާނެކަމަށް ނޫރާއަށް ވިސްނެން ނެގީ މަދު ސކުންތުކޮޅެކެވެ.
ނޫރާ ހަމްޒާގެ އަތުތެރެއިން އޭނާގެ އަތް ދަމައިގަތެވެ. އެހެނަސް ހަމްޒާ ދެވަނަ ފަހަރަށްވެސް ނޫރާގެ އަތުގައި ހިފަހައްޓައިފިއެވެ. ކުރިން ހިފެހެއްޓިވަރަށްވުރެ ބާރަށެވެ. އެ އަތަށް އެއްވެސް ގުޑުމެއް އަރުވާ ނުލެވޭހާ ބާރަށެވެ.
ނޫރާ ބިރުން ތެޅިގަތެވެ. އޭނާގެ ރީތި ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. ދެލޯ ބޮޑުކޮއްލަމުން ހަމްޒާގެ މޫނަށް ނޫރާ ބަލާލިއެވެ. ހަމްޒާގެ މޫނަށް ބަލަން އިންނަމަވެސް، އެ ރީތި ދެލޯ ފުރިފައިވާ ކަރުނައިގެ ތެރެއިން ނޫރާއަކަށް އެއްވެސް ތަނެއް ފެންނާނެހެނެއް ހިޔެއްނުވެއެވެ.
ނުނިމޭ.... ވާހަކައިގެ އާ ބައެއް، 04 ފެބްރުއަރީ އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް