ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބުނު ވަޒީރުން އަލުން މަޤާމަށް އައްޔަންކުރުމަކީ ޤާނޫނު އަސާސީއަށް ކުޑައިމީސްކުރުން ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ.
ދަ ޑިމޮކްރެޓްސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައްޔިތުން މަޖިލީހުގެ ބޮޑު އަގުލަބިއްޔަތުން ރުހުން ނުދިން ވަޒީރުންތަކެއް އަލުން އަނބުރާ އައްޔަނުކުރުމަކީ ގާނޫނުއަސާސީގެ ހުރުމަތް ކަނޑާލުން ކަމަށާއި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރުންގެ ނަންތައް އަނބުރާ ނުފޮނުވޭނެ ކަމަށެވެ.
އެ ޕާޓީ އިން ބުނީ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން މީހަކު ބަންޑާރަނައިބުގެ ހައިސިއްޔަތާ އަމިއްލަ ޒާތީ ތައައްސުބުގެ ދެމެދުގައި ތާށިވެ ހުރެގެން، ގާނޫނުއަސާސީގެ އިންތަކާ މިންތަކުން ބޭރުން ގާނޫނީ ލަފަޔާއި ރައުޔުތައް ނެރި، ދައުލަތް ތަމްސީލެއް ނުކުރެވޭނެ ކަމަށެވެ.
ޑިމޮކްރެޓްސް އިން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ މި އަމަލުތައް ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި ގާނޫނުއަސާސީގެ ހުރުމަތާއި، ދުނިޔޭގެ ޑިމޮކްރެޓިކް ހަމަތަކާއި، ގާނޫނީ ދައުލަތްތަކުގެ ނިޒާމުތައް ރޭވިފައި އޮންނަ އެންމެ އަސާސީ މަފްހޫމުތަކަށް ކުޑައިމީސް ނުކުރެއްވުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.
ރައްޔިތުންގެ މަޖިލީހުން ރުހުން ނުލިބުނު ތިން ބޭފުޅުންނަކީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމާއި، ހައުސިންގ މިނިސްޓަރ ޑރ އަލީ ހައިދަރު އަހުމަދާއި އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދެވެ. މަޖިލީހުގެ ރުހުން ނުލިބުނު ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ތިން ބޭފުޅުން މަޤާމަށް އަލުން އައްޔަންކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް