އެމްޑީޕީއަށް އެކަނި ރައީސް ވަކިކުރެވޭ ގޮތަށް މަޖިލިސް ގަވައިދު ބަދަލުކުރި މައްސަލަ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) މެމްބަރުންގެ ވޯޓުން އެކަނި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މަޤާމުން ވަކިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް ގެނައި އިސްލާހު ބާތިލްކުރުމ...

30 Jan 2024 | 12:02

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) މެމްބަރުންގެ ވޯޓުން އެކަނި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މަޤާމުން ވަކިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް ގެނައި އިސްލާހު ބާތިލްކުރުމަށް އެދި ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހަޅާފައިވަނީ އާދިއްތަ ދުވަހުއެވެ.

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ބުނާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ދުރުކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިންބައިކުޅަ ދެބައި މެމްބަރުންގެ ވޯޓުންނެވެ. އެއީ 87 މެމްބަރުންގެ ތެރެއިން 57 މެމްބަރުންނެވެ.

ސަރުކާރުގެ އާ މަޤާމުތަކަށް ވަޑައިގަތުމަށް މަޖިލީހުގެ ހަތް މެމްބަރަކު އިސްތިއުފާ ދެއްވާފައިވާއިރު، މަޖިލީހުގެ މި ދައުރުގެ ޖުމްލަ މެމްބަރުންގެ އަދަދު 87 އިން 80 އަށް ވަނި ދަށްވެފައެވެ. މި ބަދަލާއެކު މަޖިލީހުގައި ކަންކަން ފާސްކުރުމަށް ކަނޑައަޅާފައިވާ އަގުލަބިއްޔަތުގެ މިންވަރުތަކަށް ބަދަލު އައިސް ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރުމަށް ބޭނުންވާ ވޯޓުގެ އަދަދު 54 އަށް ތިރިވިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި "މަޖިލީހުގެ ޖުމްލަ މެންބަރުން" މި ޢިބާރާތަށް މަޖިލީހުން މިހާރު ދީފައިވާ މާނަކުރުމުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދަކީ، އެއްވެސް ސަބަބަކާ ގުޅިގެން މަޖިލީހުން ހުސްވެފައިވާ ގޮނޑިތައް ނުހިމެނޭ ޢަދަދެއް ކަމަށް ބަޔާންކޮށްފައިވާތީ، މިއީ ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނާ އެ މަޖިލީހުގެ ޖުމްލަ ޢަދަދާ ޚިލާފު މާނަކުރުމެއް ކަމަށެވެ.

އެމްޑީޕީގެ 44 މެމްބަރުން އަދި ދަ ޑިމޮކްރެޓްސްގެ 13 މެމްބަރުން މިހާރު މަޖިލީހުގައި ތިބި އިރު، އެ ބަދަލާއެކު އެ ދެޕާޓީގެ މެމްބަރުން ގުޅިގެން އެކަނިވެސް ރައީސުލްޖުމްހޫރިއްޔާ ވަކިކުރެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް