އިމާމުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢު އިސްލާމިކް މިނިސްޓްރީން އިފްތިތާޙްކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝެއިޚް މުހައްމަދު ލަތީފެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެއް އަހަރު ތެރޭގައި 700 އިމާމުން ތާޒާކޮށް ނިމޭނެކަމަށެވެ. އަދި އިމާމުންނަށް ސައުދީ، މިސްރު، މެލޭޝިއާ، ބްރުނާއި އަދި މޮރޮކޯ އިންވެސް ތަމްރީން ޕްރޮގްރާމްގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި، އިމާމުންނަށް މާސްޓަރ އަދި ޕީއެޗްޑީ އަށް ސްކޮލަރޝިޕްވެސް ދެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އިމާމުން ތަމްރީނު ކުރުމަށް ތައިލެންޑަށް ފޮނުވުމުގެ ވިސްނުންވެސް ގެންގުޅުއްވާކަމަށާއި، ނަމަވެސް އެހެން ފޮނުވާ އިމާމުން އަނބުރާ ރާއްޖެ އަންނަން ޖެހޭނެ ކަމަށެވެ.
އިމާމުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢަކީ އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި 11 ސަރަހައްދަކަށް ބަހާލައިގެން މުޅި ރާއްޖޭގެ ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހަތަރު ދުވަހުގެ ޕްރޮގްރާމެކެވެ.
އިމާމުން ތާޒާކުރުމުގެ ފުރަތަމަ ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ އަންނަ މަހު ގއ. ގެމަނަފުށީގައެވެ. އެ ޕްރޮގްރާމްގައި 77 އިމާމުން ބައިވެރިވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް