އެމެރިކާއާއެކު ގުޅުން ބަދަހިކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރައްވައިފި

އެމެރިކާއާއެކު ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓްގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިއަން ‌‏އެފެއާޒް ޑޮނާލްޑް ލޫ އާއި ރައީސުލްޖުމްހޫރިއ...

30 Jan 2024 | 09:10

އެމެރިކާއާއެކު ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓްގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިއަން ‌‏އެފެއާޒް ޑޮނާލްޑް ލޫ އާއި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މަޝްވަރާކުރައްވައިފިއެވެ.

ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް މަޝްވަރާތައް ކުރައްވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ދެއްކެވި ވާހަކަފުޅުގައި، ވިޔަފާރިއާއި އިޤުތިޞާދު ކުރިއެރުވުމާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުންބަދަހިކުރުމާއި އަދި އިންޑިއާ ކަނޑުގެ ސަލާމަތާ ގުޅޭ ކަންކަމުގައި އެއްބާރުލުން އިތުރުކުރުން ފަދަ ދާއިރާތަކުން ދެޤައުމުން ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށް އަލި އަޅުއްވައިލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމެރިކާ ސަރުކާރުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައި، އެމަނިކުފާނުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ދިވެހިރާއްޖެއަށް ފައިދާކުރާ، ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް ބާރުލިބޭ ކަންކަމަށް މަރުހަބާކިޔުން ކަމުގައި ވިދާޅުވިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓްގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިއަން ‌‏އެފެއާޒް ވަނީ ދިވެހިރާއްޖެއާއި އެމެރިކާއިން އިސްކަންދޭ މުހިންމު ބައިނަލްއަޤްވާމީ މައްސަލަތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިއަށް އޮތީ ރަމަޟާން މަހަށްވާތީ، ފަލަސްޠީނުގެ ގާޒާ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ އުދުވާންތައް ދާއިމީ ގޮތެއްގައި ހުއްޓާލުމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދެން އޮތީ ބައިނަލްއަޤްވާމީ ގޮތުން ގަބޫލުކުރާ ދެދައުލަތެއް ޤާއިމުކޮށް، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، އަދި ފަލަސްޠީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމުކޮށްގެން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ އިންތިޚާބުގައި ހޯއްދެވި ކާމިޔާބީއަށްޓަކައި މަރުޙަބާ ވިދާޅުވިއެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުހަލާ ޞުލްޙަވެރިކަމާއެކު ގެންގޮސްދެއްވުމާއި، ވެރިކަމުގައި މިވީ ކުރު މުއްދަތުގެ ތެރޭގައި ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދެވި ގޮތްތަކަށް ތަޢުރީފުކުރައްވައި، އެއީ މުޅި ދެކުނު އޭޝިއާއާއި ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް މިސާލެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް