2023 ވަނަ އަހަރުގެ ކޮރަޕްޝަން އިންޑެކްސްގައި 39 ޕޮއިންޓަށް ރާއްޖެ ވެއްޓިއްޖެ

2023 ވަނަ އަހަރުގެ ކޮރަޕްޝަން އިންޑެކްސްގައި ދިވެހިރާއްޖެ 40 ޕޮއިންޓުން 39 ޕޮއިންޓަށް ވެއްޓިއްޖެއެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ދިވެހިރާއް...

30 Jan 2024 | 08:07

2023 ވަނަ އަހަރުގެ ކޮރަޕްޝަން އިންޑެކްސްގައި ދިވެހިރާއްޖެ 40 ޕޮއިންޓުން 39 ޕޮއިންޓަށް ވެއްޓިއްޖެއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ދިވެހިރާއްޖެ ހިމެނެނީ 50 ޕޮއިންޓަށްވުރެ ދަށުން ޕޮއިންޓް ލިބިފައިވާ ތިންބައިކުޅަ ދެބައި ޤައުމުތަކުގެ ތެރޭގައި ކަމަށެވެ.

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ކޮންމެ އަހަރަކު އާއްމުކުރާ "ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް" އަކީ އެކި ޤައުމުތަކުގެ ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާ ކަމަށް ޤަބޫލުކުރާ މިންވަރު ދައްކުވައިދޭ އިންޑެކްސް އެކެވެ.

ދައުލަތް ހިންގުމުގައި ކޮރަޕްޝަން ހިމެނޭ މިންވަރު 1 އިން 100 އަށް ގިންތިކުރާ މި އިންޑެކްސް އިން ދައްކުވައިދޭ ގޮތުގައި 0 އެއީ ކޮރަޕްޝަންގެ އަމަލުތައް އެންމެ ގިނަކަމަށް ޤަބޫލުކުރެވޭ އަދި 100 އެއީ ކޮރަޕްޝަންގެ އަމަލުތައް އެންމެ މަދުކަމަށް ޤަބޫލުކުރެވޭ މިންވަރެވެ. 2023 ވަނަ އަހަރުގެ ސީޕީއައިގައި 180 ޤައުމު ހިމަނާފައިވާއިރު، ދިވެހިރާއްޖެއަށް ލިބިފައިވާ ސްކޯއަކީ 39 ކަމުން، ދިވެހިރާއްޖެ ރޭންކް ކުރެވިފައިވަނީ އިންޑެކްސްގެ 93 ވަނައިގައެވެ.

ޓްރާންސްޕޭރެންސީ އިން ބުނީ ރާއްޖޭގެ 2023 ވަނަ އަހަރުގެ ނަތީޖާ ނެރުމަށްޓަކައި ރިއާޔަތްކޮށްފައިވަނީ ބައިނަލްއަޤްވާމީ 3 މަސްދަރަކަށް ކަމަށެވެ. އެއީ ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންގްސް، ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓް އަދި ވޯލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމެންޓް އެވެ.

ޓްރާންސްޕޭރެންސީން ބުނީ 2023 ވަނަ އަހަރުގެ ސީޕީއައި ސްކޯއިން ހާމަވެފައިވަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ތައާރަފްކުރެވިފައިވާ ޤާނޫނުތަކަށް އަމަލުކުރުމުގައި އަދި ތަންފީޒްކުރުމުގައި ދިވެހިރާއްޖެއިން ކުރިއެރުމެއް އައިސްފާ ނުވާކަމަށެވެ. ފާއިތުވި އަހަރުތަކެކޭ އެއްފަދައިން ރާއްޖޭގައި ކޮރަޕްޝަންގެ އަމަލުތައް ރިޕޯޓުކުރުމުގައާއި ތަހުގީގުކުރުމުގައާއި އަދި ދައުވާކޮށް އިންސާފު ނުލިބި ޤާނޫނުތައް ތަންފީޒް ނުކުރެވުމުގެ ސަބަބުން ސިޔާސީ ފަރާތްތަކާއި ދައުލަތުގެ މުވައްޒަފުން ޒިންމާދާރު ކުރުވުމަށް އަދިވެސް ރާއްޖެ ނުކުޅެދިފައިވާކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ.

ޓްރާންސްޕޭރެންސީން ބުނީ ސީޕީއައިގެ މެދުމިނުމުގެ ގިންތީގެ ޤައުމުތަކަކީ ނިޒާމުގެ ގިނަ މައްސަލަތައް ހުރި، ބޮޑެތި ކޮރަޕްޝަން އަދި އިސް މަޤާމުތަކުގައި ތިބޭ މަދު ބައެއް ނުހައްގުން މުއްސަނދިވެ، ގިނަ ބަޔަކަށް އޭގެ އަސަރުކުރާފަދަ ހިޔާނާތުގެ އަމަލުތައް ގިނަ ޤައުމުތައް ކަމަށެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށާއި ސިޔާސީ ކަންކަމުގައި ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ހާއްސަ ސަމާލުކަމެއް ދިނުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ގޮވާލާފައެވެ. އެގޮތުން، އަދުލު އިންސާފުގެ ނިޒާމުގެ މިނިވަންކަން ހަރުދަނާކުރުމަށާއި، ނަޒާހާތްތެރިކަމާއި މޮނިޓަރިންގެ ނިޒާމް ތައާރަފްކުރުމަށާއި، އަދުލު އިންސާފަށް ފަސޭހައިން ވާސިލްވުމަށާއި އަދުލު އިންސާފުގެ ނިޒާމް އިތުރަށް ހާމަކަން ބޮޑު އަދި ދެފުށް ފެންނަ ގޮތަށް ބައްޓަންކުރުމަށް ޓްރާންސްޕޭރެންސީން ވަނީ ގޮވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް