ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަކަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން އައްޔަންކުރައްވައިފިއެވެ.
މުހުތާޒަށް ސަރުކާރުގެ މަޤާމެއް ދީފައި މިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕްރައިމަރީގައި ދަގެނތީ ދާއިރާއަށް ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންފައި ވަނިކޮށެވެ.
މުހުތާޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު ޕްރޮސެކިއުޓާ ޖެނެރަލްގެ މަޤާމު އަދާކުރައްވި ބޭފުޅެކެވެ. މުހުތާޒު އެ މަޤާމުން ދުރުކޮށްފައިވަނީ 2016 ވަނަ އަހަރުގެ ފަހުކޮޅު ޕީޕީއެމް އަށް ނިސްބަތްވާ ބައެއް މެމްބަރުން ވެގެން މުހުތާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދައިގެންނެވެ.
މަޤާމުން ދުރުކުރި ފަހުން، ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ޓެރަރިޒަމްގެ އަމަލެއްގައި ބައިވެރިވުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލައި 17 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ވަނީ އައިސްފައެވެ. މުހުތާޒު މިނިވަންވެފައިވަނީ 2018 އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމް ހައިކޯޓުން ބާތިލްކުރުމުންނެވެ.
ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް މުހުތާޒު އައްޔަންކުރުމާއެކު ރައީސް އޮފީހުގައި މިހާރު ހަތަރު އެޑްވައިޒަރުން އެބަތިއްބެވިއެވެ. އެއީ ރައީސް މުޢިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ އާއި، ޓޫރިޒަމް ޑިވެލޮޕްމަންޓް އެޑްވައިޒަރު މުޙައްމަދު ހަލީލް އާއި، ޓްރޭޑް އެންޑް އިންވެސްޓްމެންޓުގެ ޕްރިންސިޕަލް އެޑްވައިޒަރު މުޙައްމަދު އަލީ ޖަނާހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް