ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވިއިރު މާލެ މަގުތަކުން ކުއްޔަށް ދޫކުރި ޕާކިން ޖާގަތަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ ޕާކިންގ ސްލޮޓް ލިބުނު މެސެޖަށްފަހު އިތުރު މުއާމަލާތެއް ނުކުރާ ފަރާތްތަކާއި، ޕާކިންގ ސްލޮޓް ލިބުނުކަން އެންގުމަށްފަހު އެއްބަސްވުން ނަހަދާ ފަރާތްތައް އަދި ޕާކިންގ ސްލޮޓްތަކާ ގުޅޭ އިތުރު ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު 5 ފެބްރުވަރީ 2024 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
މާލޭގެ މަގުމަތިން ހަތަރުފުރޮޅުލީ އުޅަނދުތަކަށް ކުއްޔަށް ދޫކުރި ޕާކިން ޖާގަތަކާ ގުޅޭގޮތުން ރައްޔިތުންގެ ކަންބޮޑުވުމެއް ވާނަމަ މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓުގެ ޝަކުވާ ޕޯޓަލް މެދުވެރިކޮށް އަދި އާއްމު ހިދުމަތްތަކާ ބެހޭ ބަޔަށް ލިޔުމުން ޝަކުވާ ހުށަހެޅޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
މާލޭގެ މަގުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކު ކުރުމަށް ބައިވަރު ޖާގަތައް ދޫކޮށްފައިވާއިރު، މާލޭގައި ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ޕާކު ކުރާނެ ޖާގަ ހޯދުމަށް ދަތިވެއެވެ. އަދި މީގެ ސަބަބުން ނުގަވައިދުން މާލެ މަގުމަތީގައި އުޅަނދުތައް ޕާކުކުރާ މައްސަލަ ވަނީ އިތުރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް