ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އިލެކްޝަންސްއިން މިއަދު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބ...

30 Jan 2024 | 03:34

ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިލެކްޝަންސްއިން މިއަދު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، 2024 މާރިޗު 17 ވާ އާދީއްތަ ދުވަހު ބާއްވާގޮތަށް ހަމަޖައްސައި ކުރިމަތިލުމަށް ހުޅުވާލާކަމަށެވެ.

"ޤާނޫނު ނަންބަރު 1/2009 (ރައްޔިތުންގެ މަޖިލީހުގެ އިންތީޚާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ޤާނޫނު) ގެ 14 ވަނަ މާއްދާގެ ދަށުން 2023 ނޮވެންބަރު 26 ވީ އާދީއްތަ ދުވަހު މިކޮމިޝަނުން ޢާންމުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ފައިނަލް ރިޕޯޓުގައި ކަނޑައަޅާފައިވާ 93 (ނުވަދިހަ ތިނެއް) ދާއިރާއަށް، ޤާނޫނު ނަންބަރު 2/2009 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގައިވާ ގޮތުގެމަތީން، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު، 2024 ޖަނަވަރީ 30 ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00 ން ފެށިގެން، 2024 ފެބުރުވަރީ 14 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމަޔަށް ހުޅުވާލައިފީމެވެ." އިއުލާނުގައި ބުނެފައިވެއެވެ.

އެ އިއުލާނުގައި ބުނެފައިވާގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ އިންތިޚާބާބެހޭ މަރުކަޒު (ދަރުބާރުގެ) އަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން މި ތަކެތި ބަލައިގަންނާނީ 2024 ޖަނަވަރީ 30 ވާ އަންގާރަ ދުވަހުން ފެށިގެން 2024 ފެބުރުވަރީ 14 ވާ ބުދަ ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 ން މެންދުރުފަހު 2:00 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރުފަހު 2:00 ން ހަވީރު 4:00 އަށެވެ.

ޤާނޫނު ނަންބަރު: 11/2008 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) ގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އިންތިޚާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކު އެމީހަކު އިންތިޚާބަށް ކުރިމަތިލުމުގެ ކުރިން، އެމީހާގެ ރަސްމީ އިންތިޚާބީ އޭޖެންޓަކު ކަނޑައަޅަންވާނެއެވެ. އަދި އެ މާއްދާގައިވާގޮތުން، ރަސްމީ އިންތިޚާބީ އޭޖެންޓްގެ އަންނަނިވި ޝަރުޠުތައް ފުރިހަމަ ވާންވާނެކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ފޯމު ހިފައިގެން އަންނަނީ ކުރިމަތިލާ މީހާ ނޫން އެހެން މީހެއްނަމަ، ފޯމު ހިފައިގެން އަންނަ މީހެއްގެ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަޞްލު ގެންނަން ވާނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ  ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ، 2024 މާރިޗު 17 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ން ހަވީރު 5:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހުގެ އިރުއޮއްސި 6:45 ގައި ކަމާއި ވޯޓު ނަގާ ދުވަހު އިންސާނީބާރު އެކަމެއްގެ މައްޗަށް ނުހިނގާ ކަމެއް ދިމާވެގެން ވޯޓުލުން މެދުކެނޑި ނުވަތަ ވޯޓުލުމަށް މީހުން ނުކުތުމަށް ހުރަސްތަކެއް ދިމާވެގެން ނޫނީ ވޯޓުލުމަށް ކަނޑައެޅިފައިވާ ވަގުތު އިތުރުކުރާގޮތަށް ހަމަޖެހިފައިނުވެއެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2024 މާރިޗު 24 ވާ އާދީއްތަ ދުވަހު ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް އެ ކޮމިޝަނުން ލިބެން ހުންނާނެ ކަމަށާއި އަދި މިކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ފޯމު ޑައުންލޯޑުވެސް ކުރެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް