ދިރާގުން އީ.ޕީ.އޭގެ 'ރެސްޓޯ ރަސްފަރީ' ޕްރޮޖެކްޓަށް އެހީތެރިކަން ފޯރުކޮށްދެނީ

'ރެސްޓޯ ރަސްފަރީ' ޕްރޮޖެކްޓް ކުރިއަށްގެންދިޔުމަށް ދިރާގާއި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) އިން ގުޅިއްޖެއެވެ. އީ.ޕީ.އޭއިން ފަށާފައިވާ މި 'ރެސްޓޯ ރަސްފަރީ' އަކީ 2021ވަނަ އަހަރު ރަސް...

30 Jan 2024 | 01:02

'ރެސްޓޯ ރަސްފަރީ' ޕްރޮޖެކްޓް ކުރިއަށްގެންދިޔުމަށް ދިރާގާއި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) އިން ގުޅިއްޖެއެވެ.

އީ.ޕީ.އޭއިން ފަށާފައިވާ މި 'ރެސްޓޯ ރަސްފަރީ' އަކީ 2021ވަނަ އަހަރު ރަސްފަރީ ފަރަށް އާގު ބޯޓެއް އެރުމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުންތައް އިޔާދަކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މި ޕާރޓްނާޝިޕްގެ ދަށުން ދިރާގުން އީ.ޕީ.އޭގެ ރިސްޓޯރޭޝަން ޓީމުތަކަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން ފަރު އިޔާދަކުރުމުގެ މަސައްކަތް ކުރާ ޓީމްތަކަށް އެކުންފުނިން ވަނީ ޑައިވިންގ ކިޓްތައްވެސް ހަދިޔާކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން ފަރު އިޔާދަކުރުމުގެ ގޮތުން 5 އަހަރުގެ މުއްދަތަކަށް މުރަކަ އަލުން ފަރުގައި އިންދާ، އަދި ނާސަރީތަކުގައި އާލާކުރާ މުރަކަވެސް ފަރަށް ބަދަލުކުރާނެއެވެ. އެގޮތުން ދިރާގުގެ ދަރުމަވެރިންވެސް ވަނީ ދާދި ފަހުން ކުރިއަށްގެންދިޔަ މުރަކަ އިންދުމުގެ ހަރަކާތުގައި ބައިވެރިވެފައެވެ.

'ރަސްފަރީ މެރިން ޕްރޮޓެކްޓެޑް އޭރިއާ' ސައިޓުގައިވާ މި ފަރަކީ އެތަކެއް ތަފާތު ދިރޭތަކެތި ދިރިއުޅެމުންދާ ސަރަހައްދަކަށްވެފައި، މި ފަރު އިޔާދަކުރުމަކީ ބަޔޯޑައިވަރސިޓީ ހިމާޔަތް ކުރުމަށް އެޅިގެންދާނެ ވަރަށް ބޮޑު ފިޔަވަޅެކެވެ.

"މި ޕްރޮޖެކްޓްގެ ދެމެހެއްޓެނިވި ކާމިޔާބީއަށްޓަކައި، މި މަޝްރޫޢުގެ ކޮންމެ މަރުޙަލާއެއްގައިވެސް ކަމާގުޅުންހުރި ފަރާތްތަކުގެ ހަރުދަނާ ބައިވެރިވުމާއި އެއްބާރުލުން ވަރަށް މުހިންމު. އެގޮތުން ރަސްފަރީ ހިމާޔަތް ކުރުމަށް ދިރާގުން ކުރަމުންގެންދާ މަސައްކަތް ފާހަގަކޮށް އަގުވަޒަން ކުރަން. އަދި އަޅުގަނޑުމެންގެ އުންމީދަކީ ޕްރޮޖެކްޓް ޕާރޓްނަރުންގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުން،" އީ.ޕީ.އޭގެ ޑިރެކްޓަރ ޖެނެރަލް، އިބްރާހިމް ނައީމް ވިދާޅުވިއެވެ.

"މި މުހިންމު ކޮންޒަވޭޝަން ޕްރޮޖެކްޓް ކުރިއަށްގެންދިޔުމަށް އީ.ޕީ.އޭއާ ގުޅިގެން މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ތިމާވެށި ހިމާޔަތްކޮށް ކަނޑުތަށް ބެލެހެއްޓުމަކީ އަޅުގަނޑުމެންގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު)ގެ މައިގަނޑު އެއް އަމާޒު. އެހެންކަމުން އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަނީ މިފަދަ ތިމާވެއްޓަށް ފައިދާކުރުވަނިވި ހަރަކާތްތަކުގައި ބައިވެރިވުމަށް،" ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މަރކެޓިންގ ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވިއެވެ.

ދިރާގުން އަންނަނީ ދިވެހިރާއްޖޭގެ ގުދުރަތީ ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ ޕްރޮޖެކްޓްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް