ސައުދީ ކުލަބް އަލް ނަޞްރަށް ބަދަލުވުމުގެ ކުރިން ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ޔޫރަޕްގެ ދެ ކުލަބުން ހުށައެޅުން ލިބުނުކަން މަޝްޙޫރު ޓޯކް ޓީވީ ޖާނަލިސްޓް ޕިއާސް މޯގަން ކަށަވަރުކޮށްދީފިއެވެ.
މޯގަން ބުނީ ރޮނާލްޑޯ ސައުދީ ކުލަބް އަލް ނަޞްރަށް ބަދަލުވީ ޔޫރަޕުން ކުލަބެއް ނުލިބިގެން ނޫންކަން އޭނާއަށް ކަށަވަރުވެފައިވާ ކަމަށާއި ރޮނާލްޑޯ ސައުދީ ކުލަބަކަށް ބަދަލުވާން ނިންމީ ޔޫރަޕް ކުލަބެއް ނުލިބިގެން ގޮތް ހުސްވެގެން ނޫންކަމަށެވެ.
އޭނާ ބުނީ މީޑިއާތަކުގައި ރޮނާލްޑޯއަށް ކިތެންމެ ވަރަކަށް ފާޑުކިޔުންތައް އަމާޒުވި ނަމަވެސް ހަގީގަތް އޮޅުވައިނުލެވޭނޭ ކަމަށާއި މީޑިއާގައި ރޮނާލްޑޯއަށް ފާޑުކޖިޔުންތައް އަމާޒުކުރަނީ އެއްވެސް ވަރަކަށް ހަޤީޤަތް ނުބަލާ ކަމަށެވެ.
މޯގަން ބުނީ އޭނާއާއި ރޮނާލްޑޯ އާއި ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށާއި އެހެން ކަމުން ގިނަ ކަންކަން ރޮނާލްޑޯ އޭނާއާއި ހިއްސާކުރަމުން ގެންދާކަމަށެވެ. ރޮނާލްޑޯއަށް ސައުދީ ކުލަބުން ހުށައެޅުން ލިބުމުގެ ކުރިން ވެސް ސްކޮޑްލެންޑުގެ ސެލްޓިކް އާއި ރޭންޖާސްގެ ހުށައެޅުން ރޮނާލްޑޯއަށް ވަނީ ލިބިފައިކަމަށެވެ. ނަމަވެސް އެ ދެ ކުލަބުގެ ހުށައެޅުމަށް ވެސް ނޫނެކޭ ބުނެ ސައުދީއަށް ރޮނާލްޑޯ ދިޔައީ މެދުއިރުމަތީގެ ފުޓްބޯޅައަށް އިންގިލާބެއް ގެނެސް އެތަނުގެ ފުޓްބޯޅައަށް ކުރިއެރުންތަކެއް ހޯދައިދިނުމުގެ މަޤުސަދުގައިކަމަށް މޯގަން ބުންޏެވެ.
މޯގަން ބުނީ ބައެއް ފަރާތްތަކުން ރޮނާލްޑޯ ސިފަކުރަނީ ލާރިއަށް ދަހިވެތި ކުޅުންތެރިއެއްގެ ގޮތުގައި ކަމަށާއި ސައުދީ ކުލަބް އަލް ނަޞްރަށް ރޮނާލްޑޯ ބަދަލުވީ ވެސް ގިނަ ލާރި ހޯދަން ކަމަށް އެފަރާތްތަކުން ބުނާކަމަށެވެ. ނަމަވެސް ރޮނާލްޑޯ އެކަން އެގޮތަށް ކުރީ ފަހަރެއްގައިވެސް ލާރީގެ ދަހިވެތިކަމުން ނޫން ކަމަށް މޯގަން ވަނީ ބުނެފައެވެ.
" ސައުދީއަށް ބަދަލުވުމުގެ ކުރިންވެސް ރޮނާލްޑޯއަށް ޔޫރަޕްގެ ދެ ކުލަބެއްގެ ހުށައެޅުން ލިބުނު. އެކަން އަހަރެންނަށް އެނގޭ. އެއީ ސެލްޓިކް އާއި ރޭންޖަސް. ނަމަވެސް އެ ހުށައެޅުންތައް ރޮނާލްޑޯ ގަބޫލް ނުކޮށް ސައުދީ ކުލަބްގެ ހުށައެޅުމަށް އާބަސްބުނީ. އެއީ ގިނަ ލާރީގެ ބޭނުމުގައި އޭނާ ކުރިކަމެއް ނޫން." މޯގަން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް