އިންޑިއާއިން ނެތިގޮސްފައިވާ ޖަނަވާރެއްކަމުގައިވާ ޗީތާ ދެކުނު އެފްރިކާއިން އެ ގައުމަށް ގެންދިއުމަށް އެ ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެގޮތުން ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައިވަނީ ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި އިންޑިއާއަށް 100 ޗީތާ ގެންދިއުމަށެވެ.
އިންޑިއާއަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި ނަމްބިއާއިން އަށް ޗީތާ ގެންގޮސްފައިވެއެވެ.
ދެކުނު އެފްރިކާއިން ގެންދާ ޗީތާ ތަކުގެ ފުރަތަމަ 12 ޗީތާ އަންނަ މަހުގެ ތެރޭގައި އިންޑިއާއަށް ގެންދާނެކަމަށް ބުނެފައިވެއެވެ.
އިންޑިއާއިން ޗީތާ ނެތިގޮސްފައިވާކަމުގައި އިއުލާނުކޮށްފައިވަނީ 1952 ވަނަ އަހަރުގައެވެ.
ޗީތާއަކީ މުޅި ދުނިޔެއިންވެސް ނެތި ގޮސްދާނެކަމުގެ ބިރު ހީވެފައިވާ ޖަނަވާރެކެވެ. އެންމެ ބާރަށް ދުވާ އެއްގަމު ޖަނަވާރުކަމުގައިވާ ޗީތާގެ ދުނިޔޭގެ މިވަގުތުގެ އާބާދީއަކީ ގާތްގަނޑަކަށް ހަތް ހާސް ކަމުގައި މަސްދަރުތައް ބުނެއެވެ.
އެ އާބާދީގެ ތިން ބައިކުޅަ އެއްބައި އުޅެނީ ނަމީބިއާ އާއި ދެކުނު އެފްރިކާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް