2022 ވަނަ އަހަރުގެ އެންމެ ފަހު ކުއާޓާގައި ސާﷲު ފައިދާގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް212 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ބީއެމްއެލްއިން ބުނީ ހިންގުމުގެ ފައިދާގެ ގޮތުގައި 489 މިލިއަން ރުފިޔާ ލިބުނު ކަމަށެވެ. މިދިޔަ އަހަރުގެ އޮޑިޓް ނުކުރާ މާލީ ހިސާބުތަކަށް ބަލާއިރު ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ބޭންކަށް ވަނީ 1.48 ބިލިއަށް ރުފިޔާ ލިބިފައެވެ.
މި ނަތީޖާ ހާސިލް ކުރެވިފައިވަނީ ހުރިހާ ދާއިރާއަކުންވެސް ލިބިފައިވާ ކުރިއެރުން ދެމެހެއްޓިގެން ކަމަށް ބުނެ އެވެ. މިދިޔަ އަހަރު ބޭންކުގެ އެސެޓަށް ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާ އިތުރުވެފައިވާއިރު ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ އަދަދަށް ބަލާއިރު 1.8 ބިލިއަން ރުފިޔާ އިތުރުވެފައިވެއެވެ.
2022 ވަނަ އަހަރު ދޫކޮށްފައިވާ ލޯނުތަކުގެ ފެންވަރު ރަނގަޅުވެ، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 4.3 ބިލިއަން ރުފިޔާގެ އައު ލޯނު ދޫކޮށްފައިވެއެވެ. ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށް މަތީގައި ހިފެހެއްޓިފައެވެ.
މި ނަތީޖާއާ ގުޅޭ ގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރ ގައި ހާސިލްކުރެވިފައިވާ ހަރުދަނާ ނަތީޖާއަށް ފަހު ކުރިޔަށް މިއޮތް އަހަރު އެ ބޭންކުގެ ސްޓްރެޓަޖީގައި ހިމެނޭ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ނުހަނު އިސްކަމެއްދީގެން މަސައްކަތްކުރަމުންދާނެ ކަމަށެވެ.
"2022 ވަނަ އަހަރަކީ ބޭންކަށް ވަރަށްވެސް ހާއްސަ އަހަރެއް. އެއީ ބޭންކަށް 40 އަހަރު ފުރުން ފާހަގަކުރި އަހަރު. ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ހަރަކާތެއް ހިންގައި، ޖުމްލަ 12 ހަރަކާތެއް މިވަނީ ހިންގާފައި. މިއީ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި، މުޖުތަމައަށާއި މުވައްޒަފުން ހިމެނޭހެން އެ ފަރާތްތަކަށް އެހީތެރިވުމަށް އެކި ދާއިރާތަކަށް އަމާޒުކޮށްގެން، ހިންގުނު ބޭނުންތެރި އަދި މުހިންމު ހަރަކާތްތަކެއް. މީގެ ތެރޭގައި ތައުލީމާއި ތިމާވެށީގެ އިތުރުން ސިއްހީ ދާއިރާ ހިމެނޭ،" ކާރލް ސްޓުމްކަ ވިދާޅުވި އެވެ.
ބީއެމްއެލްއިން ރާއްޖޭގެ 20 އަތޮޅުގައި 35 ބްރާންޗް، 84 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 142 އޭޓީއެމް، 7،900 ޕޮއިންޓް އޮފް ސޭލް މަރޗަންޓުންނާއި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން މެދުވެރިކޮށް ހިދުމަތް ދެ އެވެ.
މީގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް