މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ށ. މިލަންދޫ އަދި ގއ. ދެއްވަދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މިލަން...

30 Jan 2023 | 13:37

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ށ. މިލަންދޫ އަދި ގއ. ދެއްވަދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މިލަންދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތިން ބޭނުންކޮށް އަދި ވިއްކާ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 28 ވަނަ ދުވަހު މިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

މި އޮޕަރޭޝަންގައި 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ކަރުދާސްކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އަދި މި މައްސަލައާ ގުޅިގެން އޭނާގެ ބަންދަށް ށ. ފީވަކު މެޖިސްޓްރޭޓް ކޯޓުން 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ ގއ. ދެއްވަދޫގައި ހިންގި އޮޕަރޭޝަނަކީ ދެއްވަދުއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ދެއްވަދޫ ޕޮލިސް ޑެސްކާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

އަދި މި މަހު 26 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި 36 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

ފުލުހުން ބުނީ މި ދެ މައްސަލަވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް