މާލެ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) ގެ ޢިޖްތިމާއީ ޒިންމާގެ ދަށުން، ޅ.އަތޮޅު ހޮސްޕިޓަލުގައި ޤާއިމުކުރާ ޑައިލަސިސް ސެންޓަރުގެ އިމާރާތް ބިނާކޮށްފިއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ މި ޑައިލަސިސް ސެންޓަރ އިމާރާތް ބިނާކޮށްފައިވަނީ ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯއްދަވާ ބަލި މީހުންނަށް ޚާއްސަ 2 އެނދާއި، 1 އައިސޮލޭޝަން ރޫމް އަދި ޑައިލިސިސް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެ ޒަމާނީ ވަޞީލަތްތައް ޤާއިމްކުރެވޭނެ ގޮތަށް ކަމަށެވެ.
ޅ. ނައިފަރުގައި ޤާއިމްކުރެވުނު މި ޑައިލަސިސް ސެންޓަރު ތަރައްޤީ ކުރުމުގެ މަޤްޞަދަކީ، މިސަރަހައްދުގެ އަތޮޅުތަކުގައި ދިރިއުޅުއްވާ، ކިޑްނީ ބައްޔަށް ފަރުވާ ހޯއްދަވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފައި ވެއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ މި ސެންޓަރުގެ ސަބަބުން މި ސަރަހައްދުގައި ކިޑްނީ ބައްޔަށް ފަރުވާ ހޯއްދަވާ ފަރާތްތައް މާލެ އައުމުގެ ބަދަލުގައި، ރަށުގައި ތިބެގެން ނުވަތަ އަތޮޅުން ވީހާވެސް ގާތުން، ފަސޭހަކަމާއެކު އެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.
މީގެ އިތުރުން، ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯއްދެވުމަށް ކުރަންޖެހޭ ހޭދައާއި، ޚިދުމަތް ހޯއްދެވުމުގައި އުފުލަންޖެހޭ ތަކްލީފުތަކަށް ލުޔެއް ލިބިގެންދާނެ ކަމަށާއި މިސެންޓަރުގެ ޚިދުމަތް މި ފެށޭ ފެބުރުވަރީ މަހުގެ ތެރޭގައި އާއްމުންނަށް ލިބިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފައި ވެއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ ޅ.އަތޮޅު ހޮސްޕިޓަލުގައި ޑައިލަސިސް ސެންޓަރު ބިނާކުރުމަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާ އެ ކުންފުނީގެ ޢިޖްތިމާއީ ޒިންމާގެ ދަށުން ހޭދަކޮށްފައިވާ ކަމަށެވެ.
އެމް.ޑަބްލިއު.އެސް.ސީން ބުނީ އެ ކުންފުނީގެ އަމާޒަކީ، ތަރައްޤީގެ ހަރުފަތްތައް ގިރާކުރަމުން ދާއިރު، ކުރިމަގުގައިވެސް އެ ކުންފުނީގެ ޢިޖްތިމާއީ ޒިންމާގެ ދަށުން، ދިވެހި މުޖްތަމަޢުއަށް ލާބައާއި މަންފާ ލިބިދެނިވި އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް