ސިވިލް ކޯޓުގެ ގާޒީ އަކާއި ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ގާޒީއެއްގެ ސުލޫކީ މައްސަލަ ޑިޕާޓްމެންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބަލަން ފަށައިފި އެވެ.
ޖޭއެސްސީން ބުނީ ސިވިލް ކޯޓުގެ ގާޒީ ފައްޔާޒު ޝާތިރުގެ މައްސަލަ ބަލަނީ ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައެއްގެ އަޑުއެހުންތައް ނިންމާލުމަށްފަހު މައްސަލައިގެ ހުކުމް ނުކޮށް އެއް އަހަރު ދުވަހަށް ވުރެ ދިގު މުއްދަތަކަށް މައްސަލަ ކުރިއަށް ގެންދިޔުމުގައި ފަރުވާކުޑަކޮށްފައިވާ ކަމަށް ބުނާ މައްސަލަ އެކެވެ.
ފައްޔާޒުގެ މިމައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލުމަށް ޖޭއެސްސީ އިން ނިންމީ މިމަހުގެ އަށްވަނަ ދުވަހު އެވެ.
ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޒިޔާދާ ތޯހިރުގެ މައްސަލަ ބަލަނީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައާއި ކޯޓު ހަވާލުވުމުގެ ކަންކަމުގައި އަދި އެ ކޯޓުން ހިންގަންޖެހޭ ޝަރީއަތުގެ މަޖިލިސްތައް ހިންގުމުގައި ޒިންމާދާރުކަން ކުޑަކޮށް އަމަލުކޮށްފައިވާ ކަމަށް ބުނާ މައްސަލައިގަ އެވެ.
ޒިޔާދާ ތޯހިރުގެ އިތުރު މައްސަލައެއްވެސް ޖޭއެސްސީ އިން ދަނީ ތަހުގީގު ކުރަމުންނެވެ.
އެއީ ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި މައްސަލައަކަށްފަހު އެ ނިންމުމާ ގުޅޭ ގޮތުން ނޫސްބަޔާނެއް ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެކެވެ.
ފައްޔާޒާއި ޒިޔާދާ ތޯހިރުގެ މައްސަލަ ތަހުގީގު ކުރަން މިހާރު ކޮމިޓީއެއް ވަނީ އެކުލަވާލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް