ޕާޓީ ތެރޭ ވަކި ހަރަކާތް ނުހިންގޭނެ ކަމަށް ބުނެ ފައްޔާޒްގެ އިންޒާރު ނަޝީދަށް!

އެމްޑީޕީގެ ތެރޭގައި ވަކި ސިޔާސީ ހަރަކާތް ނުހިންގޭނެ ކަމަށް ބުނެ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އިންޒާރު ދެއްވައިފި އެވެ. އޭނާ މިގޮތަށް އިންޒާރު ދެއްވީ ރިޔާސީ ޕްރައިމަރީން ބަލި ގަބޫލު ކުރައްވ...

30 Jan 2023 | 06:06

އެމްޑީޕީގެ ތެރޭގައި ވަކި ސިޔާސީ ހަރަކާތް ނުހިންގޭނެ ކަމަށް ބުނެ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އިންޒާރު ދެއްވައިފި އެވެ.

އޭނާ މިގޮތަށް އިންޒާރު ދެއްވީ ރިޔާސީ ޕްރައިމަރީން ބަލި ގަބޫލު ކުރައްވާ ޕާޓީ ތެރޭގައި "ފިކުރެއްގެ ދިރުން" ނަމުގައި ހަރަކާތެއް ކުރިޔަށް ގެންދަން ނިންމާފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާނު ކުރެއްވުމުންނެވެ. ދެ ބޭފުޅުންވެސް މިގޮތަށް ވިދާޅުވީ އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި އެވެ.

ފައްޔާޒް ވިދާޅުވީ ޕާޓީގެ އުސޫލާއި ގަވާއިދު ބަދަލުނުކޮށް، ޕާޓީ ތެރޭގައި ވަކި ހަރަކާތެއް ނުހިންގޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި، ޕާޓީގެ ކެންޑިޑޭޓަކީ ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ކަމުން އަލުން އެކަމާ މެދު ވިސްނާލެއްވުމަށް އެދިވަޑައިގެންނަވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ނަޝީދު ކުރެއްވި މެސެޖުގައި ވިދާޅުވީ 'ފިކުރެއްގެ ދިރުން' ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި ވެސް އަލުން ހަދައި، ކަނޑާލި 39،000 އަށް ވުރެ ގިނަ މީހުން އަލުން އެމްޑީޕީއާ ގުޅި، އެ މީހުންނާ އެކު ފެންނަ ގޮތް ނިންމާނެ ކަމަށެވެ. ފިކުރެއްގެ ދިރުމުގެ ފަރާތުން ތާއީދުކުރާ ރިޔާސީ ކެނޑިޑޭޓެއް ކަނޑައަޅާނީ ފަހުން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކުރިއަށް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެއްބަސްވާ ކެންޑިޑޭޓަކީ ތާއީދުކުރަން ފަސޭހަވާނެ ކެންޑިޑޭޓެއް ކަމަށެވެ.

ހޮނިހިރު ދުވަހުގެ ބޭއްވި ޕްރައިމަރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތާއީދު ކުރެއްވީ 24,566 ވޯޓުންނެވެ. ނަޝީދަށް ލިބިވަޑައިގެންނެވީ  15،641 ވޯޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް