އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވިކަން ގަބޫލު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހުގެ ބޭއްވި ޕްރައިމަރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތާއީދު ކުރެއްވީ 24,566 ވޯޓުންނެވެ. ނަޝީދަށް ލިބިވަޑައިގެންނެވީ 15،641 ވޯޓެވެ.
ނަޝީދު މިއަދު އެމްޑީޕީގެ ރަސްމީ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ އިންތިހާބުގެ އޮޅުވާލުންތައް އެއްކިބާކޮށްފި ނަމަ ރައީސް ސޯލިހަށް ވަރަށް ގިނަ ވޯޓް އުނިވާނެ އެވެ. އެކަމަކު ނަޝީދު ވިދާޅުވީ ވޯޓާސް ލިސްޓަށް ބަލާ ނަމަ ކުޑަ ފަރަގަކުން ރައީސް މޮޅުވެދާނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ އެ ފަރަގު ކުޑަކަމުން ޕްރައިމަރީ ކާމިޔާބު ކުރެވުނަސް ރައީސް ސޯލިހަށް މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަަމަށެވެ. އެހެންވެ ނަޝީދު ވަނީ އެމަނިކުފާޏު ތާއީދު ކުރައްވާގޮތް ގައުމީ މަޖިލީހުގެ ގްރޫޕުގައި ހުށަހަޅުއްވާފައި އެވެ.
އެމަނިކުފާނު ވިދާޅުވީ 'ފިކުރެއްގެ ދިރުން' ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި ވެސް އަލުން ހަދައި، ކަނޑާލި 39،000 އަށް ވުރެ ގިނަ މީހުން އަލުން އެމްޑީޕީއާ ގުޅި، އެ މީހުންނާ އެކު ފެންނަ ގޮތް ނިންމާނެ ކަމަށެވެ. ފިކުރެއްގެ ދިރުމުގެ ފަރާތުން ތާއީދުކުރާ ރިޔާސީ ކެނޑިޑޭޓެއް ކަނޑައަޅާނީ ފަހުން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކުރިއަށް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެއްބަސްވާ ކެންޑިޑޭޓަކީ ތާއީދުކުރަން ފަސޭހަވާނެ ކެންޑިޑޭޓެއް ކަމަށެވެ.
ނަޝީދު މިހެން ވިދާޅުވި އިރު ރައީސް ސޯލިހު ވަނީ ބަރުކަމާނީ ނިޒާމެއްގެ ތެރެއިން ވެރިކަން ކުރަން ނޫޅޭ ކަމަށް ވިދާޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް