ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން އެންމެ ގިނަ މީހުން ގެއްލިގެން ހޯދަމުންދާ އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
އެމަނިކުފާނުގެ ހަބަރެއް އެންމެ ފަހުންވީ ހޮނިހިރު ދުވަހުގެ ހަވީރު 4:25 ހާއިރު ކުރެއްވި ޓުވީޓަކާއި އެކު އެވެ. އެއީ އެ ދުވަހު ކުރިޔަށް ދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނުގެ ފަރާތުން ވޯޓު ފޮށިތައް ކައިރީ ތިބި ބަޔަކު ހަމަނުޖެހުން ހިންގުމުން އެމީހުން ހައްޔަރު ކުރުމުން ދޫކޮށްލަން ގޮވާލާ ކުރެއްވި ޓުވީޓެވެ.
އެ ދުވަހުގެ އިންތިހާބުގައި ރައީސް ނަޝީދު ވަނީ އެންމެ ގާތް އެކުވެރިޔާ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވާދަކޮށް ނަކާމިޔާބާއި ކުރިމަތިލާން ޖެހިފައި އެވެ. 24,566 ވޯޓުން އެމްޑީޕީގެ ޕްރައިމަރީގެ ޓިކެޓު ރައީސް ސޯލިހު ކަށަވަރު ކުރެއްވި އިރު ނަޝީދަށް ލިބިވަޑައިގެންފައިވަނީ 15،641 ވޯޓެވެ.
އެ ނަތީޖާ ގަބޫލު ނުކުރާ ވާހަކަ އާއި އަލުން ޝީޓުތައް ބަލަމުންދާކަން ހާމަ ކުރީ ނަޝީދުގެ ކެމްޕެއިން ޓީމުންނެވެ. އެމަނިކުފާނުގެ ހަބަރެއް ނުވެ އެވެ. އެ ވާހަކަ ރީޓުވީޓު ކޮށްލުން ފިޔަވާ މިދިޔަ 48 ގަޑިއިރެއްހާ އިރު ތެރޭގައި ނަޝީދުގެ ހަބަރެއް ނުވެ އެވެ.
ގިނަ ބަޔަކު މިކަން ޖޯކެއްގެ ގޮތުގައިވެސް އެބަ ސިފަ ކުރެ އެވެ. މަލާމާތް ކުރާ މީހުން ބުނަމުން ދަނީ ހުތު ގޮތަކަށް ބަލިވެ، އަމިއްލަ ޕާޓީން ބަލައިނުގަތުމުން އެމަނިކުފާނު ފިއްލެވީ އެވެ. ނޫނީ އަދިވެސް ނަތީޖާ ގަބޫލު ނުކުރެވޭތީ ހެދޭނެ ގޮތަކާއި މެދު ވިސްނަވަން ގޭގައި މަޑު ކުރައްވަނީ ކަމަށް ބުނެވެސް މީހުން ވާހަކަ ދައްކަ އެވެ.
ނަޝީދާއި ވާދަވެރިންވެސް ގެންދަވަނި ތަފާތުގޮތް ގޮތަށް ވާހަކަ ދައްކަވަމުންނެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު، ސީދާ ނަޝީދުގެ ނަން ބޭނުން ނުކުރައްވާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަޔަކު ގޮސް ފެންވަރުވައިގެން ދަމާ ނެރެންދެން ދެރަވީމަ އަބަދުވެސް ރުޅި އައިސް ރަތްވެފަ ގޭގައި އޮންނަވާނީ ކަމަށެވެ. އޭގެ ފަހުން އަނެއްކާވެސް ދެން އޮންނަ މެޗަކަށް ނާރާނެ ކަމަށާއި ދަނޑަށް އެރިއްޖިއްޔާ އެހެން މީހަކު ގޯލެއް ޖެހިޔަސް ދެއަތް މައްޗަށް ނަގައިގެން ލަނޑުޖެހި މީހާޔަށްވުރެ ބާރަށް ހަޅޭއްލަމުން ދުވާނެ ކަމަށެވެ.
މި ވާހަކަތަކާއި ރައީސް ނަޝީދުގެ ސަޕޯޓަރުންނާއި އަރިސް ބޭފުޅުންގެ ވާހަކަ ތަފާތެވެ. އެމަނިކުފާނުގެ އަރިސް ބޭފުޅުން މީޑިއާގައި ވިދާޅުވީ ދެން އެމަނިކުފާނު ނުކުންނަވާނީ އިތުރު ހިތްވަރަކާއި އެކު ޖޯޝާއި ފޯރީގައި ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީ ކުރިޔަށް ދިޔަގޮތާއި ނަތީޖާ އަކީ އެމަނިކުފާނަށް ތާއީދު ނެތްކަން ފެންނަ ކަމެއް ނޫން ކަމަށެވެ. ނަޝީދު ދެން ނުކުންނަވާނީ އެމްޑީޕީގެ އަސްލު މެމްބަރުންނާއި އެކު ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއި ދެކޮޅަށް ކަމަށް ވިދާޅުވެފައިވެ އެވެ. އަދި އިންތިިހާބުން ރައީސް ސޯލިހު ބަލި ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އިންތިހާބެއްގެ ނަތީޖާ އަކީ ރައީސް ނަޝީދު ފަހަތަށް ޖެހިވަޑައިގެންނަވާނެ ކަމެއް ކަމަކަށް ނުބެލެވެ އެވެ. 2012 ވަނަ އަހަރު އެމަނިކުފާނުގެ ވެރިކަން ވެއްޓުމުން ބްރޭކެއް ނެންގެވުމަށް ފަހު އާ ހިތްވަރަކާއި އެކު ޖެހިގެން އައި ދުވަހު ސަޕޯޓަރުންނާއި އެކު ނުކުމެވަޑައިގެންނެވި އެވެ.
2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ނާކާމިޔާބުވުމުންވެސް ކުރިޔަށް ވަޑައިގެންނެވި އެވެ. އެހެން ކަމުން ޕާޓީގެ ޕްރައިމަރީން ނާކާމިޔާބުވިޔަސް އެމަނިކުފާނު އަދި ފަހަތަށް ޖެހިވަޑައިގެންނަވާނެ ކަމަކަށް ސަޕޯޓަރުން ގަބޫލެއް ނުކުރެވެ. އެމަނިކުފާނު ދެކެ ހިތާއި ހިތުގެ ގުޅުމުން ލޯބިވާ އެތައް ހާސް ރައްޔިތުންނެއް ރާއްޖޭގައި އެބަތިއްބެވެ.
ބެލެވޭ ގޮތުގައި ފޯރިގަދަ ކެމްޕެއިނަކަށް ފަހު އަރާމުކޮށްލަން ވަގުތުކޮޅެއް ނަގަނީ ކަމަށް ވެދާނެ އެވެ. ނޫނީ ކެމްޕެއިން ތެރޭގައި އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅެއްގައި މީހެއްގެ ކައިރީގައި ވިދާޅުވި ފަދައިން ރައީސް ސޯލިހާއި ވާދަކޮށް ބަލިވެއްޖެ ނަމަ ގެއަށް ވަޑައިގެން އިންނަވަނީ ކަމަށް ވެދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް