ކުށްކުރާ ކުޑަކުދިން ބަންދުކުރާ މަރުކަޒު އައްސޭރި ޖަލުގައި ހުޅުވައިފި

ކުށްކުރާ ކުޑަކުދިން ބޭތިއްބުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އައްސޭރި ޖަލުގައި ޤާއިމްކުރެވުނު ޖުވެނައިލް ޑިޓެންޝަން ސެންޓަރ މިއަދު ހުޅުވައިފިއެވެ. މި ސެންޓަރަކީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު އަދި ...

30 Jan 2022 | 18:01

ކުށްކުރާ ކުޑަކުދިން ބޭތިއްބުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އައްސޭރި ޖަލުގައި ޤާއިމްކުރެވުނު ޖުވެނައިލް ޑިޓެންޝަން ސެންޓަރ މިއަދު ހުޅުވައިފިއެވެ.

މި ސެންޓަރަކީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު އަދި ޔުނައިޓެޑް ނޭޝަންސްގެ މިނިމަމް ސްޓޭންޑަރޑް ފޮރ ދަ ޓްރީޓްމަންޓް އޮފް ޕްރިޒަނަސް ގައި ބަޔާންކޮށްފައިވާ ކަންތައްތަކާ އެއްގޮތަށް ޤާއިމްކުރެވުނު ސެންޓަރެކެވެ.

މި ސެންޓަރުގެ ކޮންމެ ގޮޅިއެއްގައި ދެ ކުދިންގެ ޖާގަ ހުންނަ އަށް ގޮޅި މި ސެންޓަރުގައި ހަދާފައި ހުންނާނެ ކަމަށް ކަރެކްޝަނުން ބުނެއެވެ.

ކަރެކްޝަނުން ބުނީ މި ސެންޓަރުގައި މަސައްކަތްކުރުމަށް ޖުމްލަކޮށް 16 އޮފިސަރުން ތަމްރީން ކުރެވިފައިވާއިރު، މިވަގުތު ޑިއުޓީ ކުރާނީ ޖުމްލަ 07 އޮފިސަރުން ކަމުގައެވެ. އަދި މި  އޮފިސަރުންނަށް ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު، ޔޫއެންގެ މިނިމަމް ސްޓޭންޑަރޑް ފޮރ ދަ ޓްރީޓްމަންޓް އޮފް ޕްރިޒަނަސް ކުޑަކުދިންގެ ޙައްޤުތަކާބެހޭ ޤާނޫނު، ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ،ކުޑަކުދިންނާ މުޢާމަލާތްކުރާނެ ގޮތް، އިންޑިވިޖުއަލް ލަރނިންގ އަދި ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްތަކާއެއްގޮތަށް ވާނީ ތަމްރީންތައް ފޯރުކޮށްދެވިފައި ކަމުގައި ކަރެކްޝަނުން ބުނެއެވެ.

ކަރެކްޝަނުން ބުނީ މި ސެންޓަރުގައި ބައިތިއްބާ ކުޑަކުދިންނަށް އެއްވެސް ހުއްޓުމެއްނެތި، އުމުރާ ގުޅޭގޮތުން ކިޔެވުމުގެ ފުރުޞަތުއޮންނާނެއެވެ. މީގެ އިތުރުން ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކައުންސެލިންގ އަދި ސައިކިއަޓްރިކް ސެޝަންތައް ފޯރުކޮށްދިނުމާއި އިސްލާމީ ކައުންސެލިންގ ދިނުމާއި ލައިފް ސްކިލްސް ކިޔަވާދޭނެ ކަމުގައި ކަރެކްޝަނުން ހާމަކުރެއެވެ.

މި ރަސްމިއްޔާތުގައިި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން، ޕްރޮސެކިއުޓަރ ޖެނެރަލް ޙުސެއިން ޝަމީމް އާއި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމް އެފެއަރޒް ޢަލީ ނަޒީރު އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު އާއި ޖުވެނައިލް ކޯޓުގެ އިސް ޣާޒީ ޙަސަން ސަޢީދު އިބްރާހިމްގެ އިތުރުން ހިންމަފުށީ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައި ގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް