ޚާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ސިޔާސީ ހަރަކާތް ހިންގާނަމަ އަދަބު ދޭން އެމްޑީޕީން ޚާއްސަ ބިލެއް މަޖިލީހަށް ވައްދަން ތައްޔާރުވެއްޖެއެވެ.
މިފަދަ ބިލެއް މަޖިލީހަށް ވެއްދުމަށް ތައްޔާރުވެފައި މިވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން "އިންޑިއާ އައުޓް" ގެ ނަމުގައި ކެމްޕެއިނެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ.
މި ބިލަށް ދީފައިވާ ނަމަކީ “ދިވެހިރާއްޖެއިން ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ޚާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލް” އެވެ.
ޚާރިޖީ ގުޅުމަށް ބުރޫއަރާ ގޮތަށް އަމަލު ކުރާ ފަރާތްތަކަށް ޖަލުގެ އަދަބު ދިނުމާއި ޖޫރިމަނާ ކުރުން ފަދަ އަދަބުތަމި ބިލުގައި ވަނީ ހިމަނާފައެވެ. އަދި މި ބިލު މަޖިލީހަށް ހުށަހަޅާނީ އަންނަ ބުރާސްފަތި ދުވަހު މަޖިލީހުގެ ޖަލްސާތައް އަލުން ފެށުމާއެކު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އެހެންނަމަވެސް މި ބިލް މަޖިލީހަށް ހުށަހަޅާނެ ވަކި ތާރީޚެއް އަދި އެ ޕާޓީން ހާމަކޮށްފައެއް ނުވެއެވެ.
އެމްޑީޕީއިން އިސްވެ، މިފަދަ ބިލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނައިރު އިދިކޮޅު ފަރާތްތަކުން ވަނީ މިއީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ކެމްޕެއިން ހުއްޓުވުމަށްޓަކައި އެމްޑީޕީއިން ކުރަމުން އަންނަ ކަމެއް ކަމުގައި ތުހުމަތުކޮށްފައެވެ.
އެހެންނަމަވެސް މި ތުހުމަތުތަކާއި ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް، ވިދާޅުވީ ވަކި ކެމްޕެއިނަކަށް އަމާޒު ނުކުރާ ކަމަށާއި އެހެންނަމަވެސް ގާނޫނެއް ހަދާނީ ކަމެއް ދިމާވުމުން ކަމަށް އާޒިމްވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް