ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަ ކުރުމަށް ބާއްވާ "ސަވާދީއްތަ ދަތުރު"ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާ، އެކަމުގެ ފަހުމުނާމައިގާ ސޮއެ ކޮށްފިއެވެ.
ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ފަހުމުނާމައިގާ އެމްއައިޓީޑީސީގެ ފަރާތުން ސޮއެ ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދެވެ. ދިރާގުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމަރޝަލް އޮފިސަރު އަލީ ރިޔާޒެވެ.
ތިން ހަފްތާއަށް ކުރިއަށް ގެންދާ މި ރެލީގައި، ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ބ. އަތޮޅުގެ ރަށްތަކަށް ޓުއާރގެ ބައިވެރިން ޒިޔާރަތް ކުރުމަށް ވަނީ ނިންމާފައެވެ. އޭގެތެރޭގައި މީހުން ދިރިއުޅޭ 11 ރަށަކާއި ހަތަރު ފަޅުރަށެއް ވެސް ހިމެނެއެވެ.
ސަވާދީއްތަ ދަތުރުގެ ބައިވެރިން ދާ ރަށްރަށާއި ތަންތަނުގެ ތެރޭގައި ހއ. އުލިގަން، ހޯރަފުށި، މަތީރަށް، ގައްލަންދޫ، އިހަވަންދޫ، ތަކަންދޫ، އުތީމު އަދި ބާރަށް ހިމެނެއެވެ. ހދ. އަތޮޅުން ނޮޅިވަރަންފަރު، ކުޅުދުއްފުށި އަދި ކޭލަކުނަށް ދާ އިރު، ށ. އަތޮޅުން ދާނީ ފުނަދޫ އަދި ނަލަންދޫއަށެވެ.
މީގެ އިތުރުން މި ބައިވެރިން ނ. ލަންދޫ އާއި ބ. ތުޅާދޫ އަދި ހަނިފަރު ބޭއާއި ބިލެއްދޫ ތިލަ އަށް ވެސް ދިއުމަށް ވަނީ ނިންމާފައެވެ.
މި ޓުއާރގެ މަގުސަދަކީ ރާއްޖޭގެ ސަގާފަތާއި ތަރިކަ އާއި މުއްސަނދި ތާރީޚާއި ޔޮޓް ޓޫރިޒަމް ޕްރޮމޯޓްކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއިން މި ސަރަހައްދުތައް ހަރުދަނާ ކުރުމުގެ ފައިދާ ނެގުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް