ކޮމަންޑޫގައި 25 ޓަނުގެ އައިސްޕްލާންޓެއް އަޅަނީ

ށ. ކޮމަންޑޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ތަރައްޤީކުރުމުގެ މަސައްކަތް މިއަދު ފިޝަރީޒް މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ކޮމަންޑޫގައި ޤާއިމްކުރާ އައިސްޕްލާން...

30 Jan 2022 | 12:27

ށ. ކޮމަންޑޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ތަރައްޤީކުރުމުގެ މަސައްކަތް މިއަދު ފިޝަރީޒް މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ކޮމަންޑޫގައި ޤާއިމްކުރާ އައިސްޕްލާންޓްގައި 25 ޓަނުގެ އައިސް އުފައްދާނެއެވެ. އަދި 50 ޓަނުގެ އައިސް ރައްކާކުރުމުގެ ކެޕޭސިޓީ ވެސް ހުންނާނެއެވެ.

މި މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައި ވަނީ ހަ މަސް ތެރޭގައި ނިންމުމަށްފަހު ފިޝަރީޒް މިނިސްޓްރީއާ ހަވާލުކުރާ ގޮތަށެވެ.

މި އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލާ އީނާޝް ނަސީރެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދެވެ.

ކޮމަންޑޫގައި އައިސް ޕްލާންޓެއް ޤާއިމް ކުރަން އެއްބަސްވުން އެކުލަވާލާފައި ވާއިރު އެ ރަށް ހިމެނޭ ކޮަމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން އަންނަނީ ވަގުތު ކުޑަތަންވަމުންނެވެ.

އެ ދާއިރާގެ ބައި-އިލެކްޝަނުގައި ޕީޕީއެމް އާއި، އެމްއެންޕީ އަދި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ފަރާތުންވެސް ކެނޑިޑޭޓަކު ވާދަކުރެއެވެ.

ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ސަރުކާރުން މި ފަހުން ގިނަ މަޝްރޫޢުތަކެއް ފަށަން އިއުލާނުކޮށްފައި ވެއެވެ.

އެގޮތުން ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލުމާއި، ފުޓްސަލް ދަނޑުތައް ހެދުމާއި، ބަނދަރުތައް އަޕްގްރޭޑް ކުރުމާއި، އެ ދާއިރާގެ ތިން ރަށުގައި ފެނާއި ނަރުދަމާ އެޅުމުގެ އިތުރުން ކޮމަންޑޫ ކައިރިން 3 ރަށެއްގައި ރިސޯޓު ހެދުން ހިމެނެއެވެ.

ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަންގައި ވޯޓުލުން ކުރިއަށް ގެންދާނީ ފެބްރުއަރީ ފަސްވަނަ ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 4:00 އަށެވެ.

މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ 10 ވާ ބުރާސްފަތި ދުވަހުގައެވެ. އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެެ މެމްބަރު ހުސައިން ވަހީދު އަވަހާރަ ވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް